4/23/11

ނައިބު ތުއްތު ފެހެންދޫގައި

އަޅުގަނޑު 1958 ވަނަ އަހަރު ހުރީ ބ. އަތޮޅު އަތޮޅުއޮފީހުގެ ކާތިބު ކަމުގައި ދަރަވަންދޫ ގައެވެ. ދޭތެރެ ދޭތެރެއިން އަތޮޅުތެރެއަށް ދާން ޖެހެއެވެ. ދަރަވަންދޫގެ އުތުރުގެ ރަށް ރަށަކީ ދޮންފަނު، ކިހާދޫ، ކަމަދޫ، ކުޑަރިކިލު، އުނޑޫދޫ، ފުނަދޫ ކެންދޫ އެވެ. ދެކުނުން މާޅޮހާއި އޭދަފުއްޓާއި މާއްޑު އާއި ތުޅާދޫ، ހިތާދޫ، ގޮއިދޫ، ފެހެންދޫ، ފުޅަދޫ މި ރަށްތަކެވެ.
އެންމެ ފުރަތަމަ އަޅުގަނޑު ދިޔައީ އަތޮޅުގެ އުތުރުގެ ރަށްތަކަށެވެ. އުތުރުގެ ރަށްތައް ނިންމާފައި ދަރަވަންދޫ އަށް އައިސް ވަޔާ މޫސުމަށް ބަލަން ދުވަސްކޮޅަކު މަޑުކޮށްލާފައި ވަގުތު ލިބިގެން ދެން ދިޔައީ ދެކުނުގެ ރަށްތަކަށެވެ. މި ދަތުރުގައި އޭދަފުށީގައި ތިބެފައި ބަލައިލާއިރު ގޮއިދޫ ބޮޑުގަސް (ނިކަގަސް) ފެންނާނީ ހަމަ ކިރިޔާ އެވެ. ގޮއިފުޅަފެހެންދޫ ބަލަނީ ވަކި އަތޮޅެއްގެ ގޮތަށެވެ. އެހެނަސް ސިޔާސީ ގޮތުން އެއީ ބ. އަތޮޅުގެ ބައެކެވެ.ދެކުނަށް ކުރާ ދަތުރު ވަރަށް އުނދަގުލެވެ. ގޮއިދޫގެ ނެރުން ވަންނަން ޖެހެނީ ވަރުބަލާފަ އެވެ. އަޅުގަނޑު ފުރަތަމަ މިކަހަލަ ދަތުރެއްކުރީ އަތޮޅުވެރިޔާ އަރިހުގައެވެ. އަތޮޅުވެރިކަމުގައި ހުންނެވީ އަލްފާޟިލް ކުޑަ އަހުމަދު މަނިކެވެ. ވަރަށް ތަޢުލީމީ ބުއްދިވެރި ހަރު، ދުރުވިސްނޭ ބޭކަލެކެވެ. މި ދަތުރު ގައި އެންމެފަހުން ދިޔައީ ފެހެންދޫ އަށެވެ.ފެހެންދޫ އަށް ގޮއްސައި އަޅުގަނޑު ހިތަށް އެރިއެވެ. މިރަށަކީ ހިޖްރައިން 1305 ވަނަ އަހަރު ނައިބު ތުއްތު އަރުވާލެވުނު ރަށެވެ. ( ނައިބު ތުއްތުގެ އަސްލު ނަމަކީ ފަޟީލަތުއް ޝައިޚް މުހައްމަދު ޖަމާލުއްދީނު ޢީސަލް މުލަކީއެވެ.) އެމަނިކުފާނު ލިއުއްވި ދިވެހިބަހުގެ ޤަވާއިދު ފޮތް އެކުލަވާލެއްވީ މިރަށުގައި ހުންނަވައިގެންނެވެ.އެހެންކަމާއެކު ތުއްތު މިރަށުގައި އުޅުއްވި ހަނދާން ހުރި މީހަކު ހުރިތޯ އަޅުގަނޑު މަސައްކަތް ކޮށް އަދި އެމީހަކު މަތިވެއްޖެއެވެ. އެއީ އުމުރުން 114 އަހަރު ވެފައިވާ މީހެކެވެ. އޭނާ ބުނާ ގޮތުން ތުއްތު ފެހެންދު އަށް ފޮނުވާލިއިރު އެކުގައި މަހައްދާވަރުގެ ފިރިހެން ދަރިއަކު އޭނާގެ ހުއްޓެވެ.އޭނާ ވާހަކަ ކިޔައިދިނެވެ. އަތޮޅުގޭން މިރަށު މީހުންނަށް އަންގާފައި އޮންނަނީ ތުއްތު ރަނގަޅަށް ކޭން ބެއްލެވިޔަ ނުދިނުމަށެވެ. ތިމަންނާ އަކީ އެކަމުގައި ވަރަށް އިސްކޮށް އުޅުނު މީހެކެވެ. ތުއްތުގެ ފަރިއްކޮޅަށް ވެލިއަޅާ ލޮނުއަޅާ މިކަހަލަ ޖެއްސުން ކޮށް ތިމަންނާ އުޅުނީމެވެ. އެކަމަކު އެފަދަ ބޮޑު އިލްމުވެރިޔަކާ އަޅައިގަނެގެން އެގޮތަށް ގިނަދުވަހު އުޅޭކަށް ނުކެރުނެވެ. ތުއްތުގެ އިލްމުވެރިކަމާ ޤަދަރުބޮޑުކަމާ ހުރެ އުނދަގޫ ކުރުން ހުއްޓާލާ ތުއްތުއަށް އެހީތެރިވެދީ އުޅެންފެށީމެވެ.ދިވެހި ބަހުގެ އަދަބިއްޔާތުގައި އެންމެ ފުންނާބު އުސް އެއް އަދީބަކީ ނައިބުތުއްތު އެވެ. ނައިބު ތުއްތު އެންމެ ފުރަތަމަ ކިޔަވާ ވިދާޅުވީ އަލްޤާޟީ މުޙަންމަދު މުޙިއްބުއްދީން ފަނޑިޔާރު މަނިކުފާނުގެ އަރިހުންނެވެ. ރާއްޖެއިން ބޭރުން އަރަބި ބަހާއި އިސްލާމްދީން ވަރަށް ރަނގަޅަށް އުނގެނިވަޑައިގަތެވެ. ސްރީލަންކާއިންނާއި ސަޢުދީ އަރަބިޔާ އިންވެސް ޢިލްމު އުނގެނިވަޑައިގަތެވެ.       ނާއިބު ތުއްތު އަކީ ދިވެހި ބަހުގެ އަދީބެކެވެ. ޝާޢިރެކެވެ. ދީނީ ޢިލްމާއި ޢަރަބި ބަހުގެ ޢިލްމަށް އަރައި ހުންނެވި ޢާލިމެކެވެ. އޭނާގެ ޢިލްމީ ޚިދުމަތް އަދި އަދަށް ދާންދެން ދިވެހި އުދަރެހުން ފިލައި ނުދެއެވެ.ނާއިބު ތުއްތު އަކީ މުލަކު އެޅަތޮށިގޭ މުޙައްމަދު ތަކުރުފާނުންގެ ޢީސާ ނާއިބު ތަކުރުފާނުންގެ ދަރިކަލެކެވެ. ޢީސާ ނާއިބު ތަކުރުފާނު އަކީ އަލްޤާޟީ އިބްރާހީމް ސިރާޖުއްދީން ފަނޑިޔާރު މަނިކުފާނުންގެ ޒަމާނުގައި މާލޭގެ ބޮޑު ނާއިބުކަމުގައި ހުންނެވި ބޭކަލެކެވެ. މީނާ މާލޭ ފުއްލާގޭ މަރިޔަމް ފުޅާއި ކައިވެނި ބައްލަވައިގެން ލިބުނު ދަރިކަލަކީ ނާއިބު ތުއްތު އެވެ. ޢީސާ ނާއިބު ތަކުރުފާނުންގެ ނިޔާވުމުން މަރިޔަމް ފުޅާއި ކައިވެނި ބައްލަވައިގަތީ އަލްޤާޟީ އިބްރާހީމް ސިރާޖުއްދީން ފަނޑިޔާރު މަނިކުފާނުންގެ ދަރިކަލުން އަޙުމަދު ބަންޑާރަ ނާއިބު މަނިކުފާނެވެ. ނާއިބު ތުއްތު ބޮޑުވީ މިމަނިކުފާނުގެ އަރިހުގައި ހުންނަވައިގެންނެވެ.ތުއްތުގެ ރައިވަރުގެ އެދުރު ބޭކަލަކީ އަލްޤާޟީ މުޙައްމަދު މުޙިއްބުއްދީން ފަނޑިޔާރު މަނިކުފާނު އެވެ. ރައިވަރު ހަދަން ދަސްވުމަށްފަހު، ބަނޑޭރި ހަސަން މަނިކުފާނު އަދި އަލްވަޒީރު އެދުރު އުމަރު މާފަތްކަލޭގެފާނުގެ ލިޔުންތައް ބައްލަވައި ދިރާސާ ކުރައްވައި ހެއްދެވި އެވެ. ބަނޑޭރި ހަސަން މަނިކުފާނު ގެ ދިޔޯގެ ރައިވަރަށް ޢިލްމީ ޝަރަހައެއް ލިޔުއްވި އެވެ. އަދި އެތަކެތީގެ މޮޅާއި ދެރަ ވަކިކުރައްވައި އެތަކެއްޗާމެދު ވަރަށް މޮޅަށް ފާޑު ކިޔާފައި ވެއެވެ.މުހިއްބުއްދީން ފަނޑިޔާރު މަނިކުފާނު އަވަހާރަވެ، އިބްރާހީމް މަޖުދުއްދީން އަށް ފަނޑިޔާރުކަން ލިބުމުން އޭނާ އަރިހުން ތުއްތު ކިޔަވާން ފެއްޓެވި އެވެ. އެދުވަސްވަރު ތުއްތު އަށް ބޮޑު ނާއިބުކަން ދެއްވި އެވެ. މަޖުދުއްދީން އަވަހާރަވި އިރު ތުއްތު ހުންނެވީ ފިޤުހު ޢިލްމާއި، ނުޖޫމީ ޢިލްމަށް ކުރިއަރައި މޮޅުވެފައެވެ.މޫސާ ބަދުރުއްދީން ފަނޑިޔާރު ކަމުގައިވެސް ބޮޑު ނާއިބަކީ ތުއްތު އެވެ. މޫސާ ފަނޑިޔާރު ތަކުރުފާނު ފަނޑިޔާރުކަން ދޫކުރައްވައި ރަށަށް ވަޑައިގެންނެވިތާ ކުޑަ ދުވަސްކޮޅެއް ފަހުން ނާއިބު ތުއްތު ސްރީލަންކާ އަށް ވަޑައިގެންނެވި އެވެ. ސިލޯނުގެ ބޭރު ވެލީގައި އޭރު ހުންނެވި، އަލްޢާލިމުލް ޢައްލާމާ އަލްޢާރިފް ބިﷲ އައްޝައިޚް މުޞްޠަފާ ބިން ބާވާ އާދަމް ރަހިމަހުﷲ މިކަލޭގެ ފާނަށް ދަރިވަރު ވިއެވެ.
ލިޔުނީ: މުހައްމަދު ނަސީމް

No comments:

Post a Comment