2008 ވަނަ އަހަރުގެ އޮކްޓޯބަރ މަހުގެ 09 ވަނަ ދުވަހަށް އަލިވިލުނީ ދިވެހި  ރާއްޖެ މުޅިން ބަދަލުވާނެ ކަމުގެ އުއްމީދުގައި ތބި އެތައްބަޔަކަށް  ހިނިތުންވުން ގެނުވަމުންނެވެ. މަޢުމޫނުގެ ހުދުމުހުތާރުވެރިކަން ނިމުމަކަށް  ގެނުވި ދުވަހެއްގެ ގޮތުގައެވެ. މިރާއްޖެ އަނެއް ދިވެހިރާއްޖެއަށް ބަދަލު  ކުރުމަށް އެޅިގެންދިޔަ މުހިއްމު ފިޔަވަޅެއްގެ ގޮތުގައެވެ. އެމް.ޑީ.ޕީ  ސަރުކާރާއި ހަވާލުވުމުން ދިވެހި ރައްޔިތުން ޔަޤީން ކުރީ ޤައުމުގެ  ތަރައްޤީއަށް ބިންޤާތަކެއް އެޅިގެންދާނެ ދުވަސްތަކެއް ފެންމަތިވީ  ކަމުގައެވެ. އެހެންނަމަވެސް މި ސަރުކާރު ވުޖޫދަށް ފުރަތަމަ ނޭވާލި ދުވަހުން  ފެށިގެން މި ހިނގާ 3 ވަނަ އަހަރާ ހަމައަށް އައިހިނދު އުފެދޭ ސުވާލުތައް  ވަރަށްވެސް ގިނައެވެ.  ދިވެހިން މި އެދޭ އަނެއް ދިވެހި ރާއްޖެ  ފެނިދާނެބާއެވެ؟ މި ސަރުކާރަށް މިހާތަނަށް ޤައުމުގެ ތަރައްޤީއަށް ކުރެވުނީ  ކޮންކަމެއްބާއެވެ؟ މި ސަރުކާރުން ރައްޔިތުންނާމެދު ވިސްނަނީ  ކިހާވަރަކަށްތޯއެވެ؟ 
  މަޢުމޫނުގެ ޒައާމަތުގައި ގައުމުގެ ތަރައްޤީއަށް ކޮށްދީފައިވާ  ކަންތައްތަކަށް ރައްޔިތުން ޝުކުރުވެރިވެއެވެ. މިގޮތުން ބައެއް ކަންތައް  ފާހަގަކޮށްލާނަމެވެ. މަޢުމޫނު ވެރިކަމުގެ ގޮނޑިއަށް  ސަވާރުވީއިރު މާލޭގެ  މަގުތައް އޮތީ ކިހިނެއްތޯއެވެ؟ އަޑިގުޑަންވެ، އެއިން މަގެއްގައި  ހިނގާލައިފިނަމަ ފައި ގަނބައިގެންދާހާވެއެވެ. ނަމަވެސް މަޢުމޫނުގެ އާދޭހަށް  ބޭރުގެ އެހީ ލިބިގެން މަގުތަކުގައި ގާޖަހާ ދުވާރު ހެދިގެންދިޔައެވެ.  މިހާރު ވާރޭކޮޅެއް ވެހިއްޖެނަމަ މަގުތަކުގައި ފެންބޮޑުވިނަމަވެސް ފައި  ގަނބައިގަނެގެން ނުދާނެކަން ޔަޤީނެވެ. މަގުތަކުގައި ފެންބޮޑުވުމަކީ  މަޢުމޫނުގެ މައްސަލައެއްތޯއެވެ؟ މިކަމުގެ ހައްލެއްގެ ގޮތުން ކާނުތަކެއްވެސް  ހަދާފައި އެބަހުއްޓެވެ. ފަހަރެއްގައިވެސް އެމަސައްކަތަކީ އަމާބުނީތީ  ފަރަށްދާ އުސޫލުންކޮށްފައިވާ މަސައްކަތެކޭ ދަންނަވާކަށްނެތީމެވެ. މިވަރުން  އަދި ފުދުނީއަކީ ނޫނެވެ. ކިޔަވާ ކުދިންނަށް ބޭނުންވާ ފޮތްފަންސުރު ހިލޭ  ލިބޭނެގޮތް ހަމަޖެއްސުމަށް އެމް.ޑީ.ޕީ އިން އަޑުކުރައްސާލައިގެން  ވަކާލާތުކުރަމުން ދިޔައީ މަޢުމޫނުގެ 30 އަހަރުވީ ސަރުކާރުން އެކަމަށް  ވިސްނަން ހަމަ ހިތައްއެރި ހިސާބުން ކަންނޭނގެއެވެ. ކޮންމެގޮތެއްވިޔަސް  މިކަންވެސް ހަމަޖެހިފައި މިވަނީ މަޢުމޫނުގެ ސަރުކާރުގައެވެ. އެއީ  އެސަރުކާރު ބިމާހަމަވާން ކިތަންމެ ކުޑަދުވަސްކޮޅަކަށް  ވެފައިވީނަމަވެސްމެއެވެ. ހަމަގައިމުވެސް ސަރުކާރު ވެއްޓިދާނެކަމުގެ  ބިރުއޮތީމާކަމަކަށް ގަބޫލެއްނުކުރެވޭދެއްތޯއެވެ؟
  އެމް.ޑީ.ޕީގެ ސަރުކާރުގެ ފުރަތަމަ ދައުރު ހަމަވުމާއިގާތަށްދާއިރު މި  ސަރުކާރުން ގައުމުގެ ތަރައްޤީއަށް ކޮއްދެވިފައިވަނީ ކޮންކަމެއްތޯއެވެ؟  މިހާތަނަށް ސަރުކާރެއްގެ ގޮތުގައި މަސައްކަތް ކުރެވިފައިވޭތޯއެވެ؟ ނަޝީދުގެ  ޕާރޓީން ރައްޔިތުންނަށް ވީވަޢުދުތައް އެބޭފުޅުން ހަނދާން އެބަހުރިބާއެވެ؟  ބޯހިޔާވަހިކަން އަތްފޯރާފަށުގައި ހޯދާދޭނެ ކަމަށްބުނެ، ހައުސިން  ޔުނިޓުތަކެއް އެކިރަށްރަށުގައި އެޅުނީމަ ނިމުނީތޯއެވެ؟ ހަމައެހެންމެ  ބަނދަރުތަކެއްވެސް ހަދަމުންއެބަދެއެވެ. ނަމަވެސް އެއިން އެއްވެސް  ބަނދަރެއްގައި ބާއްވާލާނެ އާގުބޯޓެއްހާ ހިސާބުވެސް  ހަދިޔާކޮއްދެވިފައި  ނުވާކަންފާހަގަކޮށް، އެއީ ކީއްކުރާ ބަނދަރުތަކެއްތޯ ސުވާލު  އުފައްދާބަޔަކުވެސް އެބައުޅެއެވެ. އެބަޔަކީ ސަރުކާރާއި އިދިކޮޅު ބަޔަކަށް  ނުވެނުދާނެއެވެ. އެހެނީ ސަރުކާރުގެ ޕާރޓީގެ މެންބަރުންނަށް ކޮންމެކަމެއް  ވަރިހަމަވާނެތީއެވެ. އެޅިހާބަތަކަށް ރިހަޔާ ހަމަވާނެތީއެވެ.
  ރައްޔިތުންނަށް ދޭންޖެހޭ އަސާސީ ޚިދުމަތްތަކުގެ ތެރެއިން އެންމެ  މުހިއްމު އެއް އަސާސަކީ ކަރަންޓުގެ ޚިދުމަތެވެ. މިފަދަ މުހިއްމު ޚިދުމަތެއް  ދިނުމުގައި ރައްޔިތުންގެ އަތުން ބޮޑު އަގެއް ނަގަމުންދާތީ އަބަދުމެ  ރައްޔiތުން ނުރުހުންފާޅުކުރެއެވެ. މިއީ ހަމައެކަނި  މި ސަރުކާރުގެ  ހާލަތުކަމުގައި ދެންނެވޭކަށްނެތެވެ. މީގެ ކުރީ ސަރުކާރުތަކުންވެސް ވަނީ  މިކަމަށް ރައްޔިތުންގެ ބޯގޮއްވާފައިވާފައެވެ. މި ޚިދުމަތުގެ އަގުހެޔޮ  ކުރުމުގެ ނިޔަތުގައ ސަރުކާރުން ސަބްސިޑީޒް ދޭންނިންމިއިރު އޭގެ ބަދަލުގައި  ކޮންމެ ގެއަކަށް އިންޖީނެއް ފޯރުކޮއްދެވިފައިނުވާތީ މި ސަރުކާރަކީ  ނުކުޅެދުންތެރި ސަރުކާރެކޭ ބުނާމީހުންވެސް މަދެއްނޫނެވެ. ފަހަރެއްގައިވެސް  އެ މީހުންނަކީ ޑީ.އާރ.ޕީގެ މެމްބަރުން ކަމުގައި ދަންނަވާކަށްނެތީމެވެ.
  ސަރުކާރުގެ ތަޢުލީމީ ސިޔާސަތަށްވެސް ކަޅިހިންގާލަމާ ހިނގާށެވެ. ބައެއް  ސުކޫލުތައް އިންޓަރނޭޝަނަލް ސުކޫލްތަކަކަށް ބަދަލުކުރެއްވި ނަމަވެސް  ކޮންމެ މާތޮޅެއްގައި (ޕްރޮވިންސް) ޔުނިވެރސިޓީއެއް ޤާއިމްވެފައި ނެތުމުން  އެކަމާއި ނުރުހުންފާޅުކޮށް މިސަރުކާރަށް ޖޯކުޖަހާ، މަލާމާތްކުރަނީ  ކިތައްމީހުންތޯއެވެ؟ ގިނަ ސުކޫލުތަކެއްގެ ކިޔެވުން އެއްދަންފަޅިއަށް  ބަދަލުވެގެން ދިއުންމީ ތަޢުލީމީ ސިޔާސަތަށް ގެނެވުނު ބޮޑު ބަދަލެއް  ކަމުގައިވިއެވެ. ނަމަވެސް 24 ގަޑިއިރު ކިޔަވާނުދެވޭތީ ހިތްހަމަނުޖެހޭ  ބަޔަކުވެސް ތިބެދާނެ ކަމާމެދު ޝައްކެއް ނުކުރަމެވެ. މިވަރުންވެސް ރައީސް  ނަޝީދުގެ ހިތްޕުޅަށް އެއްވެސް އެއްޗެއް އަރާވަޑައިނުގަންނަވަނީތޯއެވެ؟   ސަރުކާރު، ސަރުކާރެއްގެ ގޮތުގައި ހިންގައިގަންނަން ނުވަނީތޯއެވެ؟  
  ޑިމޮކުރަސީގެ ޅަފަތުގެ މި ދައުރުގައި ރައްޔިތުން ބޭނުންވަނީ  ރައްޔިތުންގެ ސަރުކާރެކެވެ. ރައްޔިތުންގެ ހިޔާލާއެކު، ރައްޔިތުން  ބޭނުންވާގޮތަށް ގައުމު ގެންދެވޭނެ ނެވިއެކެވެ. މަޢުމޫނު ކަމުނުދާ  ކަމުގައިބުނެ އޮޑިން ބޭރުކޮއްލާ، ނަޝީދުގެ ނެވިކަމުގައި ގައުމު  ދުވަމުންދާއިރު، މަޢުމޫނާއި ތަފާތެއްނެތްކަމަށްވެސް ވާހަކަދެކެވެއެވެ.  އެއްބަޔަކު ބުނާގޮތުގައި ކުރިންދުވާހާ ގާތަށްވެސް ނުދުވެއެވެ. އަނެއްބަޔަކު  ދެކޭގޮތުގައި މި ރޭހުގައި މި ފަހަރު ގޯލްޑް މެޑަލް ލިބޭނެކަމުގެ  ޔަޤީންކަން ވަރަށްބޮޑެވެ. ރައްޔިތުންނަށް ވަޢުދުތަކެއްވެ، އެ ވަޢުދުތައް  ނުފުއްދޭކަމަށް ބުނާއިރު، މިބަހުސްގައި އަނެއްކޮޅުން ބުނަމުންދަނީ އެ  ވަޢުދުތަކަކީ 5 އަހަރު ދުވަހުތެރޭކުރުމަށް ވީވަޢުދު ތަކެއްކަމުގައެވެ.    ސިޔާސީ ބައެއް ބޭފުޅުން ދެކޭގޮތުގައި ކުރީ ސަރުކާރާއި ގާތަށްވެސް  މިސަރުކާރުން އެއްވެސް ކަމެއް ކޮއްދެވިފައެއް ނުވެއެވެ. އެހެން އެވަނީ  ކީއްވެތޯއެވެ؟ ނަޝީދުގެ މިސަރުކާރަށް އެންމެ 3 އަހަރުވީމަތޯއެވެ؟  މަޢުމޫނުގެ ސަރުކާރަށް 30 އަހަރުވިޔަސް، ނަޝީދުގެ ސަރުކާރުގެ މުއްދަތަށް  މަދުވަނީ އެވިދާޅުވާ 30 ގެ ފަހަތުގައިމިވާ 0 އެކަނިކަމުގައި ބުނެތެވެ. ޒީރޯ  ނުވަތަ ސުމަކީ އަދަދެއް ނޫން ކަމުގައި ދެކެވޭތީކަމަށް ވެދާނެއެވެ. ކޮންމެ  ސަރުކާރަކުންވެސް މަސައްކަތް ކުރަނީ ރައްޔިތުން ބޭނުންވާ ގޮތަށް އަމަލުތައް  ބެހެއްޓޭތޯއެވެ. ރައްޔިތުންގެ ސަރުކާރަކަށް ހެދޭތޯއެވެ.  ނަމަވެސް  ވިސްނިވަޑައި ނުގަންނަވާ ކަމަކީ ރައްޔިތުން އެ ބޭނުންވާކަހަލަ   ސަރުކާރަކަށް ވާނީ ކިހިނެއް، ކޮންތާކު، ކޮންގޮތަކަށް މަސައްކަތް  ކުރެވިގެންބާއެވެ؟ 

 

 
 
 
 
 
 
No comments:
Post a Comment