3/29/11

ދެއްވަދޫ މީހުންނޭ ކިޔައިގެން ދައްކާ ބައެއް ވާހަކަ

ދެއްވަދުއަކީ، ހުވަދު އަތޮޅުގެ އެހެން ރަށްތަކާ ތަފާތު ގޮތަކަށް ހިތެއްގެ ސިފައިގައި އޮންނަ ރީތި ރަށެކެވެ. ޒަމާނުއްސުރެ އެރަށު ބައެއް މީހުން މޮޔަ ކަންތައްތައް ކުރާ ކަމަށް ބުނެވެ އެވެ. މިކަމުގެ ސަބަބަކީ، އާދަޔާ ޚިލާފަށް އެމީހުން ބުއްދިގަދަ ކަމެވެ. އެކަމާ ހަސަދަވެރިވާ ބަޔަކު ވެސް އުޅޭކަމަށް ބުނެވެ އެވެ. ބުއްދިގަދަ މޮޅު މީހުން ދެއްވަދޫގެ ބިމުން އުފެދިފައިވާ ކަމީ، ޔަޤީންކަމެކެވެ. އެފަދަ ޝަޚުޞިއްޔަތެއްގެ މިސާލަކީ، ދީދިބެއްޔާ އެވެ. އޭނާއަކީ، އެރަށުގެ ތާރީޚީ ޝަޚުޞިއްޔަތެކެވެ. އަދި އޭނާއަކީ، އެޒަމާނުގައި މުޅި ހުވަދުއަތޮޅަށް ނަންހިނގާ މަޝްހޫރު ޙަކީމީ ބޭހުގެ ޢިލްމުވެރިއެކެވެ.

ދެއްވަދޫ ރަސްގެފާނުފަދަ ސިޔާސީ މުޙަންނިކުންނާއި، ދީދިބެއްޔާ ފަދަ ޢާލިމުންނާއި، ދެއްވަދޫ ދައްނަ އާދަންސައީދު ފަދަަ ބޭފުޅުން މިހާރުވެސް، އަދި މުސްތަޤުބަލުގައި ވެސް ދެއްވަދޫގެ ބިމުން އުފަންވާނެ ކަމާމެދަކު ޝައްކެއް ނެތެވެ. ދެއްވަދޫ މީހުނަށް ނިސްބަތްކުރެވޭ ވާހަކަތަކަކީ، ހުވަދުއަތޮޅުގެ ފޯކްލޯރުން ބަޔެކެވެ. އެރަށު މީހުން ނުކުރާ ކިތަންމެ ކަމެއް ވެސް އެމީހުނަށް ނިސްބަތްކޮށްގެން މުނިފޫހިފިލުވުމުގެ ގޮތުން ކިޔާފައި ވެ އެވެ.

މިގޮތުން ދެއްވަދޫ މީހުންނާބެހޭ ގޮތުން ނުވަތަ އެމީހުނަށް ނިސްބަތްކޮށްގެން ދައްކާ އުޅޭބައެއް ވާހަކަތަކުގެ ތެރޭގައި ދެއްވަދޫ މީހުން މިސްކިތް ގިބުލައަށް އެނބުރި ވާހަކައާއި، މިސްކިތުން ބާލިދީ ހިފައިގެންގޮސް އަނދިރި ހިއްކި ވާހަކައާއި، ދެއްވަދޫ ރައްޔިތުން ހަނދު ރުނބާއަކަށް ލައިގެން ދެއްވަދޫ ރަސްގެފާނަށް ވެދުން ކުރިވާހަކައާއި މިހެންގޮސް އެތަކެއް އެތަކެއް ދޮގު ވާހަކަތައް އޭރު ހުވަދު އަތޮޅުގެ މީހުން ދެއްވަދޫ މީހުއްނޭ ކޮޔާގެން ވަނީ ދައްކާފައެވެ. މިހާރުވެސް ދެއްވަދޫގެ ރައްޔިތުއްނަކީ ހުވަދޫ އަތޮޅުގައި އޮތް އެއްމެ އެކުލުންތެރި ރައްޔިތުންތަކެއް ތިބި އެއްރަށޭވެސް ބުނެވިދާނެވެ. މީހުން ދައްކާ މިބާވަތުގެ ދޮގު ވާހަކަތަކުން މުސްތަގުބަލުގައިވެސް ދެއްވަދޫގެ ރައްޔިތުންގެ އަޒުމަކަށް އެއްވެސް އަސަރެއް ނުކުރާނެއެވެެ.

No comments:

Post a Comment