އިސްލާމީ އަޤީދާއާއި ދިވެހި ރާއްޖޭގެ މިނިވަންކަމާއި އަމިއްލަވަންތަކަން ރައްކާތެރިކޮށް ދިވެހި ރައްޔިތުންގެ ހެވާއި ލާބަޔަށްޓަކައި އަޅަންޖެހޭނެ ފިޔަވަޅުތައް އަޅާނެކަމުގެ އިންޒާރް ޑީއާރްޕީގެ ޒައީމް މައުމޫން އަބްދުލް ގައްޔޫމް އެޕާޓީގެ ލީޑަރު އަހުމަދު ތަސްމީން އަލީއަށް ދެއްވައިފިއެވެ.
ޑީއާރްޕީގެ ސީޔާސީ ލީޑަރުކަމުގެ މަގާމުން ދުރުވެވަޑައިގަތުމަށްފަހު އެމާގާމަށް އެންމެ ގާބިލް ބޭފުޅަކީ ތަސްމީނު ކަމަށް އަމިއްލަ ފުޅަށް އެންޑޯރސް ކުރެއްވި މައުމޫން ތަސްމީންނަށް މި އިންޒާރު ދެއްވާފައިވަނީ އިއްޔެ އެޕާޓީގެ ކައުންސިލް ހުރިހާ މެމްބަރުންނަށާއި ޕާލިމެންޓްރީ ގްރޫޕްގެ ހުރިހާ މެމްބަރުންނަށް އެޑްރެސްކުރައްވާ ފޮނުއްވި ސިޓީފުޅެއްގައެވެ.
އިއްޔެ މައުމޫން ތަސްމީނަށް ފޮނުއްވި ބާރަ ސޮފްހާގެ ހޫނު ސިޓީގައި ވިދާޅުވެފައިވަނީ ޕާޓީގެ ލީޑަރުކަމުގެ މަގާމްގައި ހުންނަވައިގެން ތަސްމީނު ކަންކަން ކުރައްވަމުން އަންނަވަނީ ވަރަށް ޚުދު މުޚްތާރު ގޮތަކަށްކަމަށެވެ. އަދި ތަސްމީނު ގައުމުގެ ރައީސްކަމުގެ މަގާމަށް އިންތިޚާބް ވެވަޑައިގެންފިނަމަ ގައުމުގެ ރައްޔިތުންނަށް ދިމާވެދާނެ ކަންތައްތަކާއިމެދު ދިވެހި ރައްޔިތުން މިއަދު ވަރަށް ފުންކޮށް ވިސްނަންޖެހިފައިވާކަމަށްވެސް މައުމޫނުގެ ސިޓީގައިވެއެވެ.
ޕާޓީގެ ކައުންސިލް ޖަލްސާތައް ތަސްމީނު ބާއްވަމުން ގެންދަވަނީ ޕާޓީގެ އަސާސީ ގަވާއިދާ ޚިލާފަށްކަމަށާއި ކައުންސިލް ޖަލްސާތަކަށް ތަސްމީނު ވަޑައިގަންނަވަނީ ޖަލްސާ ބޭއްވުމުގެ ކުރިން އެ ނިންމަވަން ބޭނުންފުޅުވާ ގޮތަކާއިމެދު ކައުންސިލު މެމްބަރުންނާއި ގުޅާއި ތަސްމީނު ބޭނުންވާވަރަށް މެމްބަރުންގެ ވޯޓް ހަމަ ކުރައްވައިގެން ކަމަށްވެސް މައުމޫންގެ ސިޓީފުޅުގައިވެއެވެ.
ތަސްމީނުގެ ލީޑަރޝިޕްގައި ވޭތުވެދިޔަ އަށެއްކަ މަސްދުވަހުގެ ތެރޭގައި ކޮށްފައިވާ ކަންކަމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ މައުމޫން ފޮނުއްވި ސިޓީގައި އެމަނިކުފާނު ބަޔާންކޮށްފައިވަނީ މި ސިޓީ ފޮނުވަން ޖެހުނީ މަޖްބޫރު ވެގެންކަމަށާއި ޕާޓީ ހިނގަމުންދާ ގޮތާއިމެދު ޕާޓީގެ ގިނަ މެމްބަރުން ހިތްހަމަ ނުޖެހޭކަން ޞަރީހަ އިބާރާތުން ތަސްމީނަށް ދެންނެވުމަ ކަމަށެވެ.
މީގެ އިތުރުން ތަސްމީނުގެ ލީޑަރުކަމުގެ ދަށުގައި އޮންނަ ޕާލިމެންޓްރީ ގްރޫޕްގެ މަސައްކަތްވެސް ކުރިޔަށް ގެންދަވަނީ ޑިމޮކްރަސީއާއި ޚިލާފަށްކަމަށްވެސް މައުމޫން ވިދާޅުވެފައިވެއެވެ. މައުމޫންގެ ސިޓީފުޅުގައި ތަސްމީނު އެމަނިކުފާނު ނިކަމެތިކޮށްލުމުގެ މަގްސަދުގައި ކަންކަން ކުރައްވަމުން ގެންދަވާކަން ފާހަގަކުރައްވާފައިވެއެވެ.
މިގޮތުން ރައީސްކަން ކޮށްފައިވާ މީހަކަށް ހިމާޔަތާއި ރައްކާތެރިކަންދޭ ބިލް މަޖްލީހަށް ތަސްމީނު އަމިއްލަފުޅަށް ހުށައަޅުއްވާނެކަމަށް ވިދާޅުވެ ފަހުން އެހެން މެމްބަރަކުލައްވާ އެކަންކުރުމުން އޭރުވެސް ސުވާލުތައް އުފެދު ނުކަމަށް މައުމޫން ވިދާޅުވެފައި ވެއެވެ.
އަދި މަޖިލީސް އިންތިޚާބާއި ލޯކަލް ކައުންސިލް އިންތިޚާބުވެސް ޑީއާރްޕީން ކާމިޔާބު ހޯދާފައިވަނީ މައުމޫން ކުރެއްވި މަސައްކަތުންކަމަށް ވިދާޅުވެ އެމަނިކުފާނު މިހާތަނަށް ތަސްމީނަށް ކޮށްދެއްވާފައިވާ ކަންތައްތަކަށް މިސީޓީގައި ކަލަގޮވާފައިވާކަންވެސް ފާހަގަކުރެވެއެވެ. މިގޮތުން އެމަގާމަށް ޕާޓީގެ މެމްބަރުން ތަސްމީނު ބަލައިގަތީ މައުމޫންގެ ވިދާޅުވުމަކަށް ކަމަށްވެސް މިސީޓިގައިވެއެވެ.
އަދި މަޖިލީސް އިންތިޚާބްގައި އެމަނިކުފާނުގެ އަނބިކަނބަލުން ނަސްރީނާ ބަލިވެ އިންޑިޔާގައި އޮންނަވަނިކޮށް އެތަނަށް އެކަނި ދޫކުރައްވާ ރާއްޖެ ވަޑައިގެން ތަސްމީނުގެ އާއިލާ މެމްބަރުންނަށް މަޖިލިސް އިންތިހާބްގައި ކެމްޕެއިން ކޮށްދެއްވިކަމަށާއި އެހެންނަމަވެސް މަޖިލިސް އިންތިހާބުގައި ވާދަކުރެއްވި މައުމޫނުގެ ދަރިކަލުންނަށް ކެމްޕެއިން ކުރެއްވުމުގައި ތަސްމީނު ބައިވެރިވެފައިނުވާ ކަމަށްވެސް މައުމޫން ވިދާޅުވެފައިވެއެވެ.
އަދި ރިޔާސީ އިންތިޚާބަށް ތިރީސް ތިން މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުވިއިރު ތަސްމީންގެ ފަރާތުން ލިބައިފައިވަނީ އެންމެ ތިންލައްކަ ރުފިޔާކަންވެސް މައުމޫން ތަސްމީނަށް ދެއްވި ހޫނުގަދަ ހަމަލާގައި ވިދާޅުވެފައި ވެއެވެ. މި ސިޓީއަށް ރައްދު ދެއްވަމުން ތަސްމީން އަލީ ބައެއް މީޑިޔާތަކުގައި ވިދާޅުވެފައި ވަނީ އެއީ އެމަނިކުފާނުގެ އަގު ވައްޓާލުމުގެ ގޮތުން ޒައީމް މައުމޫން ކުރައްވަމުން ގެންދަވާކަމެއްކަމަށެވެ. އަދި ޒައީމްގެ ލަފާ ހޯދަން ނުޖެހޭކަމަށާއި އެއީ ރަމްޒީ މަގާމެއްކަމަށްވެސް ތަސްމީނު ބައެއް މީޑިޔާތަކަށް ދެއްވާފައިވާ އިންޓަރވިޔުތަކުގައި ވިދާޅުވެފައިވެއެވެ.
No comments:
Post a Comment