3/30/11

ވީރާނާވީ ހަޔާތް 4

ނޯޓް::މިވާހަކައަކީ ގއ.ދެއްވަދޫ ހަދުވަރީ އައްސޭރި މުނީރުބޭގެ ޝާދިޔާ ލިޔަމުން ގެންދާ ލޯބީގެ އަސަރުގަދަ ވާހަކައެވެ.ކުރީގެ އަދަދުތައް ކިޔާލެއްވުމަށް 
ޝަހީމާއަށް އޭނަގެ ޙިޔާލީ ދުނިޔެއިން އެނބުރި އާދެވުނީ ނިދާފައި އޮތް ޒަލާ އަނެއް ފަރާތަށް ފުރޮޅިލުމުންނެވެ.'ޒަލާ...ޒަލާ..ދަރިފުޅު...ދެން ތެދުވޭ، ތެދުވެގެން ފަތިސްނަމާދު ކުރަން އުޅޭ..''މަންމާ..އަދި މަޑުކޮށްބަ،ޕްލީޒް ގިވްމީ ފައިވް މޯރ މިންޓްސް.."ޒަލާ ބޭނުންވަނީ އަދިވެސް އިތުރަށް ނިދާލާށެވެ.'އުހޫ ދެން ތެދުވޭ،މިހާރު ހައެއް ޖަހަން އެއުޅެނީ...ދޮންބެވެސް ހިގައްޖެ އައިސައްތަގެ ދަރިފުޅު ލުޝްތާ ބަލާ..އެމީހުން އަންނަން ވާއިރަށް ސައި ތައްޔާރު ކުރަންވެސް ޖެހޭ..ދެން ތެދުވޭ ދަރިފުޅު.."މިހެން ބުނެފައި ޝަހީމާ ނުކުމެގެން ދިޔައީ ބަދިގެ ފަރާތަށެވެ.
އެގެޔަށް އަލަށް އެއަންނަ މެހެމާނަކީ އޭނަޔަށް ވަރަސް ޙާއްސަ ކުއްޖެކެވެ.އެއީ ފަހީމުގެ ރައްޓެއްސެއްގެ ދަރިއަކަށްވެފައި، އަދި ހަމަ އެހެންމެ އެއީ ޝަހީމާގެ ގާތް ތިމާގެ މީހެއްގެ ދަރިއެއްވެސްމެއެވެ.ތައްޙާނަކީ އޭނަގެ މަންމަ ފަރާތު ބޮޑުދައިތަގެ ދަރިފުޅެވެ.ތައްޙާނުގެ މަރުދުވަހާ ޖެހެންދެންވެސް އޭނަގެ ފަރާތުން ވަރަށް ގިނަ އެހީތައް އެމީހުންނަށް ލިބުނެވެ.ތައްޙާނު މަރުވިކަން އެނގުނު ދުވަހުވެސް ޝަހީމާ ވަރަށް ރުޔެވެ.
"މަންމާ...މަންމާ..." ޝަހީމާ ސިއްސައިގެން ދިޔައީ ޒައުލްގެ އަޑު ޖެހުމުންނެވެ.އޭނަ ދުވެފައި ކަހަލަ ގޮތަކަށް ސިޓިންގްރޫމަށް ނުކުތެވެ.އޭރު ލުޝްތާވެސް ޒައުލް މަންމަގެ އިންތިޒާރުގައި ހުއްޓެވެ.ޝަހީމާއަށް ލުޝްތާ ފެނުމުން ވީ އުފާ ބަޔާންކޮށްދޭންވެސް އޭނަޔަށް ދަތިވިއެވެ.ދުވެފައި އައިސް ލުޝްތާ ގައިގައި އޮޅުލައިގަތެވެ."ހާދަ ބޮޑުވެއްޖޭ!އެންމެ ފަހުން ދައްތަޔަށް ފެނުނުއިރާ ހާދަ ތަފާތޭ.."ޝަހީމާ ހެމުން ބުންޏުވެ.ލުޝްތާއަށް ވެސް ހުރެވުނީ ބުނާނެ އެއްޗެއް ނޭނގިފައެވެ.އޭނަގެ ކުރިމަތީގައި މިހާރު އެހެރީ އޭނަގެ ދެވަނަ މަންމައެވެ.ކުޑައިރު ނުލާހިކު ލޯބިން އޭނަ ގެންގުޅުނު އޭނަގެ ބޮޑުދައިތައެވެ."ޒަލާ...ނިކަން މި ފަރާތަށް އައިސްބަލަ.."ޒަލާ އައުމުން ޝަހީމާ އޭނަގެ ދެކުދިން ލުޝްތާއަށް ތައާރަފްކޮށް ދިނެވެ.އަދި ލުޝްތާއަށް ޒަލާގެ ކޮޓަރި ދެއްކުމަށާއި މީގެ ފަހުން އެއީ ލުޝްތާގެވެސް ކޮޓަރި ކަމުގައި ބުންޏެވެ.
ޒަލާ ލުޝްތާއަށް މަރުހަބާކީ އުފަލާއެކު ހިނިތުން ވަމުންނެވެ.އަބަދުވެސް އަންހެން ކޮއްކޮއެއް ނެތުމުން އެކަމާއި ދެރަވެގެން އުޅޭ ޒަލާ މިއަދު ހުރީ ވަރަށް ވެސް އުފާވެފައެވެ.އޭނަޔަށް ކޮއްކޮއެއް ލިބުނީތީވެއެވެ.އޭނަގެ ވާހަކަތައް ޝެއާރ ކޮށް ހަދާލާނެ އެކުވެރިއެއް ލިބުނީތީވެއެވެ.ލުޝްތާ ފެންވަރައިގެން ފާހާނާއިން ނުކުތްއިރު ޒަލާ ހެވިފައި އެނދުމަތީގައި އޮތެވެ."ހޭއި ޒަލާ.."ޒަލާއަށް ހޭވެރިކަމެއްވީ ދެނެވެ."ހުމް.ތި ނިމުނީ ދޯ. އާދޭ ސައިބޯން..މަންމަ އެބަ އިންނެވި އިންތިޒާރުގަ."މިހެން ބުނެފައި ހިނިތުންވެލަމުން ޒަލާ ނުކުމެގެން ދިޔައީއެވެ."ސްޓްރޭންޖް..."މިހެން ހިތާހިތާ ކިޔާލުމަށްފަހު ލުޝްތާ ހުއްޓިލީ ލޯގަނޑު ކުރިމައްޗަށެވެ.ރީތިވުމަށްޓަކައެވެ.
ދުވަސްތައް ފާއިތުވަމުން ދަނީ ވަރަށްވެސް ހަލުއިކަމާއެކުއެވެ.ލުޝްތާގެ ކިޔެވުންވެސް ފެށުނުތާ ދުވަސްކޮޅެއްވެއްޖެވެ.ކޮންމެ ދުވަހަކުވެސް ސްކޫލަށްދަނީ ޒަލާޔާއެކު ކަމުން ދެކުދިންގެ ރަހުމަތްތެރިކަންވެސް އެއްދުވަހުން އަނެއް ދުވަހަށް ބަދަހިވަމުން އާދެވެ.މިއިން ކޮންމެދުވަހަކުވެސް ލުޝްތާ އޭނަގެ މަންމަގެ ހާލު ބަލައި ގުޅާހަދައެވެ.މިވޭތުވެގެން ދިޔަ ކުޑަ ދުވަސްކޮޅުގެ ތެރޭގައި ލުޝްތާގެ ހިތުގެ ކޮންމެވެސް ދިމާލެއްގައި އާވިންދެއް ޖަހަން ފައްޓައިފިއެވެ.ޒައުލް ފެންނަ ކޮންމެ ފަހަރަކު އޭނަގެ ހިތަށް ބުނެދޭންވެސް ނޭނގޭކަހަލަ ހިތްހަމަޖެހުމެއް ވެރިވެގެންދެއެވެ.އޭނަގެ ވާހަކަ ދެއްކުންތެރިކަމުގައި އެހުންނަ ހަރުދަނާކަމާއި އެގެންގުޅޭ ފިރިހެންވަންތަ ގޮތްގަޑެވެ.އެޖާދުލެއްފަދަ ބަލައިލުމެވެ.ދެމީހުންގެ ހަތަރުކަޅި ހަމަވާ ކޮންމެފަހަރަކު، ޒައުލްގެ ލޮލުން ލުޝްތާއަށް އޭނަޔަށްޓަކައި ލޯބި ފެނެއެވެ.ނަމަވެސް އަދިވެސް އޭނަ ލޯބިވާކަން ހާމައެއް ނުކުރެވެ.ލުޝްތާ މިހާރު އެންމެ އިންތިޒާރު ކުރަނީ އެދުވަހަށެވެ.
އެއްރެއެއްގެ ދަންވަރު އެއްގަޑި ބައި އެހާކަންހާއިރެވެ.ލުޝްތާއަށް ހޭލެވުނީ ވަރަށް ގަދަޔަށް ފެންބޮވައިގެންނެވެ.ސިޓިންގްރޫމަށް ނުކުތްއިރު ބަދިގޭގެ ހޮޅުބުރި ދިއްލާފައި އޮތްތަން ފެނުމުން އޭނަގެ މޫނު މައްޗަށް ހައިރާންކަންވެރި ވެގެން ދިޔައެވެ."މިގަޑީގަ ބަދިގޭގަ....ހުމް..ވެދާނެ ބޮޑުދައިތަ ކަމަށްވެސް..."މިހެން ހިތާހިތާ ކިޔައިލުމަށް ފަހު އޭނަ ހިގައިގަތީ ބަދިގެއާއި ދިމާލަށެވެ.ބަދިގެ ދޮރުމައްޗަށް އެރިތަނާ އޭނަގެ ފިޔަވަޅު ތަކަށް ހުއްޓުން އެރިއެވެ.މޫނުމަތީގައިވާ ހައިރާންކަން އިތުރުވެގެން ދިޔައެވެ.ތެދެކެވެ.އެތާ އެއިނީ ޒައުލް ފިޔަވާ ދެވަނަ މީހެއް ނޫނެވެ.މޭޒުކައިރީގައި އިށީދެގެން އިންއިރު އަތުގައި ފެންފުޅިއެއްވެސް ހުއްޓެވެ.ނަމަވެސް ޒައުލްގެ ސަމާލުކަން ގޮސް ހުއްޓިފައިވަނީ ކުރިމަތީގައިވާ ފާރަށެވެ."އުހުމް...އުހުމް..."ލުޝްތާ ދެފަހަރަކަށް ކަރު ކެހިލިއެވެ.ނަމަވެސް ޒައުލް އިންތަނުން ގުޑާވެސް ނުލިއެވެ.މީހަކު އެތާ ހުރިކަންވެސް އޭނަޔަށް ނޭނގޭ ކަހަލައެވެ.ޒައުލް އަށް ހޭވެރިކަމެއްވީ މީހަކު އޭނަގެ އަތުގައިވާ ފެންފުޅި ދަމައިގަތުމުންނެވެ.ސިއްސައިގެން ގޮސް ބަލައިލިއިރު ކައިރީގައި ހެވިދިލިފަ ލުޝްތާ ހުއްޓެވެ.
"ލުޝް..."އޭނަޔަށް ބުނެވުނީ ހަމައެކަނި މިހެންނެވެ.އެދުލުން އެންމެ ލަފްޒެއްވެސް ބޭރެއް ނުވިއެވެ.ކުރިމަތީގައި އެހެރަ މައުސޫމްވަންތަ ޕަރީފެނުމުން އޭނަގެ ދުލުގައި ތަޅުލެވުނު ކަހަލައެވެ.ޒައުލް މިގޮތަށް ބަލަން ފެށުމުން ލުޝްތާއަށް ވެސް ހުރެވުނީ ފާޑަކަށް ގަބުވެފައެވެ.ދެމީހުންނަށްވެސް އެގޮތަށް ބަލަހައްޓައިގެން ތިބެވުނީ ކިހާއިރެއް ވަންދެން ކަމެއް ނޭނގެއެވެ.ލުޝްތާއަށް އެތޫނު ލޮލުގެ ޖަޒުބާތްތަކަށް ކެތްނުވެގެން ކުއްލިޔަކަށް އިސްޖަހައިލެވުނެވެ.ގަތްލަދެއްގެ ބޮޑުކަމުން އެތަނުން ދުއްވައިގަންނަން އުޅުނެވެ.ނަމަވެސް ޒައުލް އެއަށްވުރެ މާ ހުޝިޔާރެވެ.ލުޝްތާގެ އަތުގައި އޭނަ ހިފެހެއްޓީ އޭނަގެ ހިތުގައި އުތުރިއަރަމުންދާ އިހްސާސްތައް ލުޝްތާއަށް ކިޔައިދިނުމަށެވެ.އޭނަގެ ހިތް ބުނެއެވެ.މިއަށްވުރެ ރަނގަޅު ވަގުތެއް އޭނަޔަކަށް ނުލިބޭނެވެ.
"ލުޝް..އަހަރެން އެބައޮތް ވަރަށް ބޮޑު ވާހަކައެއް ބުނަންވެފަ.."ޒައުލް މިހެން ބުނުމުން ލުޝްތާގެ ހަތަރެސްފައި ފިނިވެގެން ދިޔައެވެ.އޭނަގެ ހިތް ބާރު ބާރަށް ތެޅެމުން ދިޔައެވެ."ލުޝް..ރުޅި ނާންނައްޗޭ..އަހަރެން ވަރަށް ދުވަސްވެއްޖެ މިވާހަކަ ބުނަން އުޅޭތާ..އެކަމަކު ވެސް ހަމަ ފަސްޖެހެނީ...ހައްތަހާވެސް ލުޝް ރުޅިއައިސްދާނެހެން ހީވާތީ..."ޒައުލް މާނޭވާއެއްލާފައި އަނެއްކާވެސް އޭނަގެ ވާހަކަ ކުރިޔަށް ގެންދިޔައެވެ،"ލުޝް..އަ..އަހަރެން ލުޝްދެކެ..ވަ.ވަރަށް..ވަރަށް ލޯބިވޭ..އަހަންނަށް ލުޝް ފެނުނު ފަހުން އެންމެ ރެޔަކުވެސް ހަމަޔަކަށް ނުވެސް ނިދޭ..ލުޝް،ޑޫ ޔޫ ލަވް މީ.ލުޝް...ލުޝް...ކޮންމެވެސް އެއްޗެކޭ ބުނެބަލަ...އަނެއްކާ ރުޅިއައީތަ؟؟"އޭރުވެސް ލުޝްތާ ހުރީ ޒައުލްއަށް ފުރަގަސްދީގެންނެވެ.ފުރަގަސްދީގެން ހުއްޓަސް އޭނަގެ ހިތް އުފަލުން ނަށަނީއެވެ.ނަމަވެސް މިވަގުތު ޒައުލްއާ ކުރިމަތިލުމުގެ ހިތްވަރެއް އޭނަގެ ގަޔަކު ނެތެވެ.އެއަށްވުރެން ބޮޑަށް އޭނަވަނީ ލަދުގަނެފައެވެ."ޒައުލް..އަހަރެން ތި ކަމާއި ވިސްނާނަން،އަދި ފަހުން ޖަވާބެއްވެސް ދޭނަން..ދެން ދަނީ"މިހެން ބުނުމަށް ފަހު އޭނަ ދުއްވައިގަތީ ޒައުލްއަށް އިތުރު އެއްޗެއް ބުނުމުގެ ފުރުސަތުވެސް ނުދީއެވެ.އޭނަ ހީކުރީ ލުޝްތާ ރުޅިއައީކަމަށެވެ.ދެރަވެފައި އޭނަޔަށް އެތާ ހުރެވުނީ ކިހާއިރެއް ވަންދެން ކަމެއްވެސް ނޭނގެއެވެ.
ކޮޓަރިއަށް ވަން ގޮތަށް އެނދުގައި ފުރޮޅި ފުރޮޅި ލުޝްތާއަށް އޮވެވުނީއެވެ.ކަންފަތުގައި ހަރުލާފައި ވަނީ ދެންމެ ޒައުލްގެ ދުލުން ބޭރުވި ބަސްތަކެވެ.ލޯ މަރާލިޔަސް ފެންނަނީ އެރީތި މޫނެވެ.ލުޝްތާ އެންމެ އަޑުއަހާލަން ބޭނުންވި ލަފްޒުތަށް އޭނަޔަށް އިވިއްޖެވެ.މިހާރު ލުޝްތާ އިންތިޒާރު ކުރަމުން އެގެންދަނީ މާދަމާއަށް އިރު އަރާނެ ވަގުތަކަށެވެ.ޒައުލް ދެކެ އޭނަވެސް އިންތިހާއަށް ލޯބިވެއެވެ.އެ ލޯތްބާއި ނުލާ އޭނަގެ ދިރިއުޅުން ފުރިހަމައެއް ނުވާނެވެ.ކޮންމެ ގޮތެއް ހަދާފައި ވިޔަސް މާދަމާ އޭނަ ލޯބިވާ ވާހަކަ ޒައުލް ކައިރީގައި ބުނާނެވެ.މި ފަދަ ހިޔާލް ތަކެއްގައި އޮތްވާ އޭނަޔަށް ނިދުނީ މެންދަމުން އަނބުރާ ތިނެއްވެސް ޖަހަން އުޅެނި ކޮށެވެ.
ލުޝްތާ އެ ނިދީ ކިހާވެސް ފޮނި އުންމީދު ތަކަކާއެކު ހެއްޔެވެ؟މާދަމާ އަންނާނެ ކަމުގެ އިންތިޒާރުގައި ތިބޭއިރު މާދަން އަންނާނެ ކަމުގެ ޔަގީންކަން އެއްވެސް މީހަކަށް އޮވޭހެއްޔެވެ؟މާދަމާ ކަންތައް ވެގެން ދާނެގޮތް އެގޭނީވެސް ފަހެ ކާކަށް ހެއްޔެވެ؟ތަގްދީރުގައި ވާނޭ ގޮތް އެކަކަށް ވެސް ނޭނގޭނެވެ؟ތަގްދީރު، ލުޝްތާޔަށް އޭނަގެ ލޯބި ހާސިލް ވުމަށް ތަން ދޭނެ ހެއްޔެވެ؟
(ނުނިމޭ.....)

2 comments:

  1. shadhiya ..... varah salhi mi vaahaka..than kolheh avahah aneh bai upload kollachey....

    ReplyDelete
  2. varah hama nujehey vaahakaeh meeeeeeeeee.....

    ReplyDelete