2/9/11

ދެއްވަދޫ ރަސްގެފާން


ދިވެހިރާއްޖޭގެ ތާރީހުގެ ތެރެއަށްދާއިރު ހުވަދު އަތޯޅަހީ ވަރަށްފާހަގަ ކޮއްލެވޭ ކަހަލަ ކަންތައްހުރި އަތޮޅެކެވެ. މިގޮތުން އެއްކަމަކަށް ބަލައިފިނަމަ ހުވަދު އަތޮޅުގެ ދަރިޔަކު ދިވެހިރާއްޖޭގެ ތަހުތުގައި އަށްއަހަރާއި ނުވަމަހާއި ދިހަދުވަހު އިއްނަވައި ރާއްޖޭގެ ރަސްކަން؛ ވަރަށް އާދަޔާ ހިލާފް ދުވަސްވަރެއްގައި ވަނީ ކުރައްވާފައެވެ.

އައްސުލްތާން މުހައްމަދު ސިރީކުލަރަންމަނި މަހާރަދުން ރާއްޖޭގެ ރަސްކަމަށް އިސްވީ 1692 މީލާދީގައެވެ. މިރަދުއްނަށް ދެއްވަދޫ ރަސްގެފާނުގެ ނަމުންވެސް ކިޔާއުޅެއެވެ. މިރަދުއްނަކީ މުހައްމަދު ޝަމްސުއްދީން އައްޑޫ ބޮޑުފަޑިޔާރު ކަލޭގެފާނުގެ ދެއްވަދޫ ހާޖީ އަލީ ތުއްކަލާގެ ދަރިކަލެކެވެ.

ދެއްވަދޫ އަލީ ތުއްކަލާ މުހައްމަދު އެއްމެ ފުރަތަމަ ހުއްނެވީ ކަތީބުކަމުގައެވެ. އައްސުލްތާން އިބްރާހިމް އިސްކަންދަރު ސިރީ ކުލަ ނަންމީބަ އިސްކަންދަރު ކައްތިރި ބަވަނަ މަހާރަދުންގެ ރސްކަމުގައި މީނާ އެއްމެ ފުރަތަމަ ދެއްވަދޫ ޙަތީބް ތަކުރުފާނުގެ ނަމުގައި ހުއްނަވަނިކޮށް؛ އެރަދުންގެ ރސްކަމުން ގާތްގަޑަކަށް 31 އަހަރުވީތަނާ އެއިރު ފަޑިޔާރު ކަމުގައި ހުއްނެވި މަހުމޫދު ފަޑިޔާރު ކަލޭގެފާނު ނިޔައުވެއްޖެއެވެ. މިފަޑިޔާރު ކަލޭގެފާނު ނިޔައުވުމުން ހަމައެހަރު އިސްކަންދަރު ރަސްގެފާން ދެން ފަޑިޔާރުކަން ދެއްވީ ދެއްވަދޫ އަލީ ތުއްކަލާގެ މުހައްމަދު ހަތީބް ތަކުރުފާނަށެވެ. އެއަށްފަހު މީނާއަށް ކިޔާ އުޅުނީ ދެއްވަދޫ މުހައްމަދު ފަޑިޔާރު ތަކުރުފާނެވެ.

މީނާއަށް ފަޑިޔާރުކަން ލިބުނުއަހަރު އިސްކަންދަރު ރަސްގެފާނުގެ އެއިރު އިއްނެވި އަނބިކނބަލުން ޅައިމަގު އާމިނާ ކަނބާފާނު އަވަހާރަވެއްޖެއެވެ.މިކަމނާ އަވަހާރަވުމުން އިސްކަންދަރު ރަސްގެފާން މީހުއްނާ ކައިވެނި ބައްލަވައިގަތުން މުޅިން ހުއްޓަވާލައްވައިފިއެވެ.

އެއަށްފަހު އިސްކަންދަރު ރަދުން އެރދުންގެ ޖާރިޔާއިންގެ ތެރެއިން އަށްމީހުން ހޮއްވަވައި؛ އެމީހުން އެރަދުން ރޭކުރެއްވުމަށް ހާއްސަ ކުރެއްވިއެވެ. މިގޮތުން ހޮއްވެވި ޖާރިޔާއިންގެ ތެރޭގައި ހިމެނުނު އެއްބޭ ކަނބަލަކީ މާލިމީ ހުސެއިންގެ މަރިޔަމްއެވެ.އެއީ ހިންދުކަރައިގެ ބޭކަނބަލެކެވެ.ރަސްގެފާނު ހޮއްވެވި އަށް ޖާރިޔާއިންގެ ތެރެއިން އެއްމެ ބޮޑަށް ރީތިކަމާ ފުރިހަމަކަން މި މަރިޔަމް ކަނބާފާނަށެވެ.އަދި ރަދުން އެއްމެ ހިއްޕުޅާވަނީ ވެސް މިކަމަނާޔާއި އެވެ.

މާގިނަ ޒަމާންތަކެއް ނުވަނީސް މަރިޔަމް ކަނބާފާން އާލާސްވެ އިއްނަވައި ފިރިހެން ބޭފުޅަކު ރައްކައު ވެއްޖެއެވެ. އެދަރިކަލުންގެ ނަންފުޅަކީ މުހައްމަދެވެ. މިކަންހިގީ އިސްކަންދަރު ރަދުންގެ ރަސްކަމުގެ 33 ވަނަ އަހަރުގައެވެ.އެއިރު އެރަދުންގެ އުމުރުފުޅުން 62 އަހަރުފުޅެވެ

ދެން ރަސްގެފާނަސް މިލިބިވަޑައިގެން ދަރިކަލުންގެ އުމުރުފުޅުން ދޮޅުއަހރު ވުމަށްފަހު އަނައްކާވެސް މަދީނާއަށް ވަޑައިގެން ޒިޔާރަތްފުޅު ކުރެވުމަށް ގަސްތު ކުރައްވައިފިއެވެ. އޭގެ 15 އަހަރު ކުރިން މިރަދުންވަނީ ހައްޖުވެސް ވަޑައިގެންފައެވެ.

ރަދުން މިދަތުރަށް ތައްޔާރުވުމަށް ފުރަތަމަ ކުރެއްވި ކަމަކީ؛ ބޮޑުންނާ ވަޒީރުން ނާ އަމީރުއްނާ، ލަސްކަރީން ނާއި އަދި ދެއްވަދޫ ފަޑިޔާރު ތަކުރުފާނުގެ ކިބައިން ރަސްގެފާނުގެ ތުއްޕުޅު ދަރިފުޅުއްނަށް ރަސްކަން ދިނުމަށް އަހުދު ހިއްޕެވީއެވެ.އެޔައްފަހު ރަދުން ރާއްޖޭގެ ބޭރުގައިވާ ދުވަސްތަކުގައި ރަސްކަމުގެ ކަންތަކާއި؛ދަރިކަލުންގެ ކަންތަކާއި؛ މަރިޔަމް ކަނބާފާނުގެ ކަންތައް ބެލެހެއްޓުމަށް ދެއްވަދޫ ފަޑިޔާރު ތަކުރުފާނާ ހަވާލު ކުރެއްވީއެވެ.

އައްސުލްތާން އިބްރާހިމް ސިރީކުލަރަންމީބަ އިސްކަންދަރު މަހާރަދުން މަދީނާއަށް ޒިޔާރަތް ކުރެއްވުމަށް ރާއްޖެއިން ފުރާވަޑައިގަތީ ބޮޑު އޮޑީގެ ތިން އޮޑިއާއި ހަތަރު ނަވުގައެވެ. އެއީ ހިޖްރައިން 1093 ވަނައަހަރު މުހައަރަމް މަހު ހަތާވީސްވީ ބުދަދުވަހުގައެވެ.

މިރަދުން ދަތުރުކުރައްވާ ވަޑައިގަތީ ޖިއްދާގެ ބަދަރަށެވެ.އެތަނުން މަދީނާއަށް ވަޑައިގެން ރަސޫލާގެ ޒިޔާރަތަށް ޒިޔާރަތް ކުރައެއްވުމަށްފަހު މައްކާއަށް ވަޑައިގެން ގެފުޅަށް ވަދެވަޑައިގެން އުމްރާވެ ވަޑއިގެން ތަވާފް ކުރައްވާ މިކަންކަމުން އަވަދިވެ ވަޑއިގެން ޖިއްދާއަށް ވަޑައިގެން އެތަނުން ފުރާވަޑައިގައްނަވާއިގެން މަޙާގެ ބަދަރަށް ވަޑައިގަތެވެ.

ރަދުން މަޙާގެ ބަދަރުން ފުރާވަޑައިގަތީޝައުބާންމަހު ފަނަރަ ވަނަ ދުވހުއެވެ. މާލޭ ބަދަރަށް ވަޑައިގެއްނެވުނީ ފިތުރުއީދު ވިލޭ ރޭގައެވެ.އޭގެ އަނެއްދުވަހު އިސްކަންދަރު ރަސްގެފާން ފައިބައިވަޑައިގަތީ އީދުވަގުތަށެވެ.އެޔައްފަހު އީދުނަމާދަށް އިއްޒަތުގައި ވަޑައިގަތެވެ.އެދުވަހު މާލޭއެއްމެނެ އުފާ ފާޅުކޮށް މުޅިރަށް ޒީނަތްތެރި ކޮއްފައޮތެވެ.

މިރަދުންގެ ރަސްކަމުގެ ފަހުކޮޅުގައި މާވަރުގަދަ ސައްޔިދު ބޭފުޅަކު ރާއްޖެއަށް ވަޑއިގަތެވެ.އެކަލޭގެފާނަކީ ޙަތާމެ ކިޔުން ރަށަކަށް އުފަން ސައްޔިދު މުހައްމަދު ޝަމްޝުއްދީންއެވެ. މިކަލޭގެފާނަކީ ހަސްންގެ ފާނާއި ހުސޭންގެ ފާންގެ ދަރިކޮޅުން ވަޑައިގެން ބޭފުޅެއްކަމަށް ބުނެވެއެވެ. މީނާ އިލްމް ހޯއްދެވީ މިސްރުގެ ޖާމިއުލް އަޒްހަރް އިންއެވެ.

ސައްޔިދު ކަލޭގެފާން ރާއްޖެވަޑައިގެން ރާއްޖެއިން ބިދުއަ ނައްތާލަން ގޮވާ ދީނީ ނަސޭހަތް ދޭންފަށާފިެއވެ.މީސް ތަކުއްނަށް ތުބުޅި ދިގުކުރަން އަމުރު ކުރެވިއެވެ. ފިރިހެނުންގެ އުގުގައި ރިހިފައްޓަރު އަޅުއްވައިގެން އުޅޭތީ ގަދަކަމުން އެ ފައްޓަރު ބާލައްވައެވެ.އަދި އަންހެނުން މޫނުބުރުގާ އެޅުއްވުމަށް އަމުރު ކުރެއްވިއެވެ.

މިހިސާބައް ސައްޔިދުކަލޭގެފާންގެ ކަންތައް ގެންދެވުމަށްފަހު އިސްކަންދަރު ރަސްގެފާނަށް ފަތެއް ލިޔުއްވާ ފޮނުއްވިއެވެ. މިފަތުގައި ރަސްގެފާން ކުރައްވާ ހުރިހާކަމަކަށް ދީނީގޮތުން ފާޑުވިދާޅުވެފައިވަނީ ވަރަށްބޮޑަށެވެ.ޖުމްލަކޮށް ބަލާއިރު ވަރަށްބޮޑަށް ހަރުކަށި އިބާރާތުން ލިޔުއްވާފައިވާ ފަތެކެވެ.ރަސްގެފާން ފަތްލިބިވަޑައިގަތުމުން ވަރަށްބޮޑަށް ކޯފާއިސްވިއެވެ.ސައްޔިދުކަލޭގެފާން ދެކެވީ ކޯފާއެއްގެ ބޮޑުކަމުން އެކަލޭގެފާނު ހުއްނަވާ ގެޔަށްވެސް މީހުން ވަދެއުޅުމަކީ ރަސްގެފާން ހިއްޕުޅާ ނުވާ ކަމަކަށް ވެއްޖެއެވެ.

ދުވަސްކޮޅަކަށް ރާއްޖޭގައި އުޅުއްވުމަށްފަހު ބަންގާޅުމޫސުން އައީމާ ފުރާވަޑައިގެން ހިންދުކަރަޔަށް ވަޑައިގެންފިއެވެ.އެކަލޭގެފާން ރާއްޖޭގައި ވޭތުކުރެއްވީ 6 މަސްދުވަހެވެ.އެއާ ޖެހިގެން އައިއަހަރު އިސްކަންދަރު ރަސްގެފާން އަވަހާރަ ވެއްޖެއެވެ. އެއީ 1687 މީލާދީގައެވެ.

އިސްކަންދަރު ރަސްގެފާން އަވަހާރަވުމުން ހަމަ އެދުވަހު އޭނާގެ ދަރިކަލުން މުހައްމަދު ރަސްކަމަށް އިސްކޮއްފިއެވެ.މިއީ މަރިޔަމް ކަނބާފާނުގެ ދަރިކަލުއްނެވެ.މިރަދުން ރސްކަމަށް އިސްކުރެއްވީ އުމުރުފުޅުން 6 އަހަރާ އަށްމަސް ވީތަނާއެވެ. މިދުވަސްކޮޅު މަރިޔަމް ކަނބާފާން ރސްކަމުގެ މައްޗައް ގަދެވެ ވަޑައިގެން ފިއެވެ.

ތާރީހް ލިޔުއްވާ ވަރަށްގިނަ ބޭފުޅުން މަރިޔމް ކަނބާފާނުގެ އުޅުއްވުން ވިޔާނުދާކަމަށް ލިޔުއްވާފައިވެއެވެ. ނަމަވެސް އެކަމަނާއަކީ ވަރަށްބާރުވެރި ގިނަކަންތައްކުރެއްވި ބޭކަނބެލެއްކަންވެސް ތާރީހުން އެގެއެވެ.

ރާއްޖޭގެ ރސްކަން މިގޮތަށް ހިގަމުން ދަނިކޮށް ދިވެހިންގެ ބޮޑުންގެ ތެރެއިން ބަޔަކު ކައްނަނައްނޫރށްގޮސް އަލީ ރާޖާއާއި ވާހަކަ ދައްކައިގެން އަލީ ރާޖާ ދިވެހި ރާއްޖެއާއި ހަގުރާމަ ކުރެއްވުމަށް ބަޔަކު ފޮނުއްވައިފިއެވެ.

ކައްނަންނޫރުން އައި ލަޝަކަރު ތިލަދުންމައްޗަށް ވަދެ ރަށްރަށުގެ މީހުއްނަށް އަހުވަ ދައްކައި މުދާފޭރި ގަތް ހަބަރު މާލެއަށް ލިބުމުން ރަސްގެފާންގެ ދެމައިކަބަލުން ވަޒީރުއްނާ ލަސްކަރީން ނެރއްވާ ހަގުރާމަ އިއުލާން ކުރައްވައި ކައްނަންނޫރުން ބަލިކުރެއްވިއެވެ. ކަންނަންނޫރުން ބަލިވިހަބަރު މާލެއަށް ލިބުމުން މަރިޔަމް ކަނބާ ގަސްތު ކުރެއްވީ ކާމިޔާބު ހޯދައިގެން އައްނަ މީހުއްނާ ބައްދަލު ކުރެއްވުމަށް އަރުމާޒުގައި ވަޑައިގަތުމަށެވެ. މިދިޔަ ދަތުރުގައި އަރުމާޡުގައި އަލިފާން ރޯވެ މަރިޔަބް ކަބާގެއްލުނެވެ. މުހައްމަދު ރަސްގެފާން ފުނުނީ ވަރަށް ބިޑަށް ފިހިފައިވަނި ކޮށެވެ. ނަމަވެސް އަވަހާރެއް ނުވެއެވެ.

މުހައްމަދު ރަސްގެފާން އަވަހާރަވުން ދެން ރަސްކަމުގެ ތަހުތާ ހަވާލުވީ ހަސަން ފާށަނާ ކިލޭގެފާނުގެ މުހައްމަދު ފާމުދޭރި ކިލޭގެ ފާނެވެ. ފާމުދޭރި ކިލޭގެފާން ގެ ރަސްކަމްގަ ކުރިން ރާއްޖެ ވަޑައިގެން އުޅުނު ސައްޔިދުކަލޭގެ ފާނަށް ފައްކޮޅެއްފޮނުއްވާ މާލެ ވަޑައިގަތުމަށް ދައުވަތު ދިނެވެ. ސައްޔިދު ކަލޭގެފާން ދައުވަތ ގަބޫލުކޮއް ރާއްޖެ ވަޑައިގެންތާ ކުޑަދުވަސްކޮޅެއްގެ ތެރޭ މުހައްމަދު ރސްގެފާން އަވަހާރަވެއްޖެއެވެ. މިރަދުން ރސްކަން ކުރެއްވީ އަހަރަކަށްވުރެވެސް ކުޑަދުވަސްކޮޅަކުއެވެ.

ރަސްގެފާން އަވަހާރަވުމުން ދެން ރސްކަމަށް އިސްވެ ވަޑައިގަތީ ސައްޔިދުކަލޭގެ ފާނެވެ. އައްސައްޔިދު މުހައްމަދު ޝަމްސުއްދީނުލް ހަމަވީ އެވެ. މިކަން ހިގީ 1692 މީލާދީގައެވެ.މިރަދުންއަކީ ވަރަށްދީންވެރި އަޅުވެތި އަޅުވެރި އަދި ވަރަށް އިލްމްވެރި ބޭފުޅެކެވެ. ކޮއްމެރެޔަކު އިޝާނަމާދަށްފަހު ދެއްވަދޫ ފަޑިޔާރު ތަކުރުފާނާ މުހައްމަދު ސިރާޖުއްދީންއާއި ފޮނަދޫ ހަތީބް ތަކުރުފާނާ ހަސަން ތާޖުއްދީނަށާ އަދިވެސް އެހެން ބޭބޭފުޅުއްނަށް ވައްތަރު ވައްތަރުގެ އުގައްނައި ދެއްވަމުން ގެންދެވިއެވެ.

މިރަދުން ރަސްކަން ކުރައްވާތާ ކުޑަދުވަސްކޮޅެއްގެތެރޭގައި ވަރަށްގަދަޔަށް ބޭރަށްހިންގުމުގެ އާލާސްކަންފުޅެއް ޖެހިވަޑައިގެންފިއެވެ.މިއާލާސްކަން ފުޅުގައި ރދުން އަވަހާރަވިއެވެ. މިރަދުން ވަޅުފުޅުލެވުނީ މެދުޒިޔާރަތުގެ ތެރޭގައެވެ.

ސައްޔިދު ރަސްގެފާން އަވަހާރަވުމަށްފަހު ވަޒީރުންގެ ބަޔަކަށް ދެއްވަދޫ ފަޑިޔާރުތަކުރުފާން ރަސްކަމަށް އިސްކުރަންފެނިގެން އޭނާގެ ގެޔަށްގޮސް އޭނާއަށް ބައިއަތު ހިފާފިއެވެ. އަދިމިކަން ކުރުމާއެކު ގިނަމީހުން މިމީހުއްނާ ބައިވެރި ކުރެވެންދެން މިކަން ސިއްރުކޮށްގެން ތިބެއްޖެއެވެ. ދެން ސައްޔިދު ރަސްގެފާންގެ ހުވަފަތް އަނބިކަބަލުއްނަށް 4 މަސް ވުމަށްފަހު ދެއްވަދޫ ފަޑިޔާރު ތަކުރުފާން ކައިވެނި ކުރައްވަން އެދިލައްވައިފިއެވެ. ނަމަވެސް އެފަޑިޔާރުތަކުރުފާނަކީ މުސްކުޅިއެއްކަމުން އެކަމނާ އެކަން ގަބޫލު ނުކުރައްވާ އެހެންމީހަކާ ކައިވެނި ބައްލަވައިގަތުމަށް ގަސްތުކުރެއްވި އެވެ.

މިހަބަރު ދެއްވަދޫ ފަޑިޔާރު ތަކުރުފާނާ އެނާގެ އެކުވެރިއްނަށް އިވުމުން ވަރަށް ކަންބޮޑުވާން ޖެހުނެވެ. އެހެނީ މަރިޔަމް ކަނބާފާން އޭރުއިއްނެވީ ގަޑުވަރުގައެވެ.އެހެންކަމުން އޭނާގެ ފިރިކަލުން އެތަނަށް ގެންދަވއިފިނަމަ ރަސްކަމަށް އެމީހެއްގެ ބާރުފޯރާފާނެތީއެވެ.

ދެން ދެއްވަދޫ ފަޑިޔާރުތަކުރުފާން އޭނާގެ ހުރިހާއެކުވެރިން ފަޑިޔާރުގެޔަށް އެއްކުރައްވައިފިއެވެ. އަދި ފަޑިޔާރު ތަކުރުފާން މިއެއްމެނަށް އެތައް ލާރިއެއް ބެއްސެވިއެވެ.އަދި ރަސްކަމުގެ ތަހުތުގައި އިށިންދެ ވަޑައިގަތުމަށްފަހު އެމީހުއްނަށް ދެލައްކަ ބައްސަވައި ދެއްވާނެކަމަށް ވައުދުވެވަޑައިގަތެވެ.

މިޔައްފަހު ދެއްވަދޫ ފަޑިޔާރު ތަކުރުފާން އޭނާގެ އެކުވެރީން ގޮވައިގެން ފަޖުރުފަޅާލުމުގެ ކުރީގައި ރަސްކަމުގެ ކޯލުތެރެއަށް ވަދެވަޑއިގަތެވެ.ފަޑިޔާރު ތަކުރުފާނާއެއްކޮށް ގަޑުވަރު ތެރެއަށް ވަދެވަޑައިގެން މީހުންގެ ތެޜޭގައި އިސްކޮށް ތިއްބެވީ މުހައްމަދު އަމާން ވަޒީރާއި؛ބިލެއްފެހި އިބްރާހިމް ރަނަހަމައިދި ކަލޭގެފާނާ؛ ގަމު މޫސާގެ އަލީ ދަހަރާ ތަކުރުފާނާ؛ ފަޑިޔާރު ތަކުރުފާނުގެ ޅިޔަނު އަލީ ވަޒީރެވެ.

ފަޑިޔާރު ތަކުރުފާން މިމީހުއްނައިގެން ގަދުވަރުތެރެއަށް ވަދެވަޑއިގަތުމަށްފަހު' ގަޑުވަރުގައި އިއްނެވި ކުރީ ރަދުންގެ އަނބިކަބަލުން މަރިޔަމް ކަނބާފާނުގެ ބައްޕަ ފެންފުށީ ވެލާނާ ތަކުރުފާނާއި އޭނާގެ އެކުގައިވާ މީހުން ހިފާބަދެވުނެވެ.އެއަށްފަހު ފަޑިޔާރު ތަކުރުފާން ރަސްކަމުގެ ތަހުތުގައި އިށިންދެވަޑައިގަތެވެ.

ދެން އަލިވިލުނީމާ ނާބުސްޙާނުން ބަޑިބެރު ޖަހައިފިއެވެ.ބެރުގެ އަޑަށް ލަސްކަރީންނާ ވަޒީރުންގެ ތެރެއިން އެތާ ނެތްމީހުން ގަޑުވަރަށް ހާޒިރު ވެއްޖެއެވެ. އެއަށްފަހު ހަސަން ތާޖުއްދީން ދުރުވެ އަދުލުން ރަސްކަން ހިންގަވާނެކަން ދެއްވަދޫ ފަޑިޔާރު ތަކުރުފާނުގެ ކިބައިން އަހުދު ހިއްޕެވުމަށްފަހު އޭނާއަށް ރަސްކަމުގެ ބައިއަތު ހިފައިފިއެވެ.

މިހިސާބަށް ކަންތައް ދިޔުމުން ގަޑުވަރުގައި އިން މަރިޔަމް ކަނބާ އެރަސްގެފާނުގެ ދެފައިންފުޅުގައި ބޮސްދެއްވާ އަމާން ދެއްވުމަށް އެދިވަޑައިގަތެވެ. ރަދުން އެކަމަނާއާއި އެކަމަނާގެ މައިންބަ އަމާން ދެއްވިއެވެ.އަދި އެކަމަނާއަށް މާތްކޮށް ހިތްތަވައި ދެކޮނު ގޮކޮޅުގައި ބައިންދަވައި އެކަމަނާއާއި ކައިވެނި ބައްލަވައިގަތެވެ.އެއަށްފަހު ބަދެފައިތިބި އެއްމެން މޮހާލައި ދޫކޮއްލައިފިއެވެ.މިރަދުއްނަށް ރަސްކަން ލިބުމުން ' މީނާއަށް ރަސްކަން ހޯދައިދިނުމަށްއެހީވި މީހުއްނަށް މޮޅުމޮޅު ދަރަޖަ ދެއްވިއެވެ.

ދެއްވަދޫ ފަޑިޔާރު ތަކުރުފާން ރަސްކަމަށް އިސްވުމަށްފަހު ނަންފުޅަކީ އައްސުލްތާން މިހައްމަދު ބުނިލްހާއްޖު އަލީ ތުއްކަލާ ސިރީކުލަރަންމަނި މަހާރަދުއްނެވެ.ރަސްކަމަށް އިސްވީ 1692 މީލާދީގައެވެ.

ދެއްވަދޫ ރަސްގެފާނަކީ ކީރިތި؛އިލްމުވެރި؛އޯގާތެރި ރަސްކަލަކު ކަމުގައިވެއެވެ.މީނާއަކީ ރަސްކަންލިބުމުގެ ކުރީގައި ސާދަ އަހަރު ފަޑިޔާރުކަން ކުރެއްވި ބޭފުޅެކެވެ.

މިރަދުން އިލްމުވެރިއްނަށް ބައިތުލްމާލުން ހޭދަކުރެއްވިއެވެ. އެހެންކަމުން އިލްމްވެރިން ގިނަވިއެވެ.ކޮއްމެ އާޝޫރާދުވަހަކު މިރަދުން ވަރަށްގިނައިން ލާރިއާއި ރުފިޔާއާއި އަސްރަފީ ނެރުއްވައި ބައްސަވައި ދަރަނަވެރިންގެ ދަރަނި ފުއްދަވާ ދެއްވާ ހެއްދެވިއެވެ.މިހަބަރު ލިބިގެން މަލާބާރުން ވެސް ދަރަނިވެރިން އާދައެވެ.އެމީހުއްނަށްވެސް ދަރަނިފުއްދާނެ ފައިސާ ދެއްވައެވެ.

ދެއްވަދޫ ރަސްގެފާނުގެ ރަސްކަމުގައި ރާއްޖޭގައިހުރި ވަރަށްގިނަ މިސްކިތް އާކުރައްވާ އަލުން މިސްކިތް ބިނާކުރައްވައި؛އަދި މިސްކިތް މިސްކިތުގެ ފަގުފް ހަމަޖެއްސިއެވެ.އަދި ރައްޔިތުންގެ އަތުންނެގޭ ވާރުން އެތައްއެއްޗެއް ކަޑުއްވާލެއްވިއެވެ.

މިރަދުންގެ ޒަމާނުގައި ރާއްޖޭގެ ރައްޔިތުން ހެޔޮތިޔާގެ ކަމުގައި ތިއްބެވެ.އެޒަމާނުގައި ސޫރަތުއްނާ އަސެއިން ގިނަގިނައިން ނައުފަހަރު ވިޔަފާރި ކަމުގައި އައިސް އުޅުނެވެ.ރަދުން ހަމަޖެއްސި ގަވާއިދެއްގެ ދަށުން ދިވެހިން ވިއްކާ ބޮއްޔާއި މަހާއި ރޯނު ބައްލަވައިގައްނަވަނީ ސަރުކާރުއްނެވެ.

ދެއްވަދޫ ރަސްގެފާން ރަސްކަމަށް އިސްވިތާ ހަތްވަނައަށްވީދުވަހު ހަސަންތާޖުއްދީނަށް ފަޑިޔާރުކަމަށް ކޮލިލެއްވިއެވެ.އޭނާ ފަޑިޔާރުކަން ގަބޫލުކުރުމުގެ ކުރިން 'އޭނާ ކުރައްވާ ހުކުމް ރަސްގެފާން ގަބޫލުކުރައްވަނެކަމަށް ރަސްގެފާން ލައްވަ އަހުދު ހިއްޕެވިއެވެ.

މިގޮތަށް ދެއްވަދޫ ރަސްގެފާން ރަސްކަން ހިންގަވުމުންދާތާ ދުވަސްކޮޅެއް ވީތަނާ ރަސްގެފާންގެ އަނބިކަބަލުން އިސްދޫ އިބްރާހިމް ވެލާނާ ތަކުރުފާނުގެ ހަދީޖާ ކަބާފާނު އަވަހާރަ ވެއްޖެއެވެ.އެއައްހަހު އިސްދޫ އިބްރާހިމް ވެލާނާ ތަކުރުފާނުގެ ހުސައިން ތަކުރުފާނުގެ ސަންފާ ކަނބާފާނާއި ރަދުން ކައިވެނި ބައްލަވައިގަތެވެ.

ރަސްގެފާން މިކުރެއްވި އައު ކައިވެނި ފުޅަށްފަހު ދުވަސްކޮޅެއްވީތަނާ ވަރަށްބޮޑު އާލާސްކަން ފުޅެއް ޖެހިވަޑައިގަތެވެ.އެއިރު ސަންފާކަބާ އިއްނެވީ އާލާސްވެއެވެ.

ރަސްގެފާން މިއާލާސް ކަންފުޅުގައި އޮއްނަވަނިކޮށް ކުރެންދޫ އަލީ ހަތީބު ތަކުރުފާނާއި އިސްދޫއަލީ ވެލާނާ ތަކުރުފާނާއި ދެމީހުން ރަސްގެފާނުގެ އަރިހަށްގޮސް ވައްތަރު ވައްތަރު ވާހަކަދައްކައިގެން ރަސްގެފާނުގެ އެއްބަޑު ކަމަނާޔާއި އެކަމަނާގެ ފިރިކަލުން އިބްރާހިމް ފާމްދޭރި އެދެކަބަލުންގެ އަލީ ހާތިބު ތަކުރުފާނު ދެކެ ރަދުން ވަރަށް ކޯފާވާނެގޮތް ހަދާފިއެވެ. އަދި ރަދުން ކޯފާވެގެން އެތިން މައިން ރަދުން އަރިހަށް ނުވަނުމަށްވެސް އެންގެވިެވެ. އޭގެ ކުރީގައި ރަދުން ހިޔާލުކުރައްވާފައިވަނީ އެރަދުއްނަށްފަހު އެރދުންނަށް ބޮޑިބޭބެ ވިދާޅުވާ މި އަލީ ކަތީބް ތަކުރުފާނަށް ރަސްކަން ހަމަޖެއްސުމަށެވެ.

ކޮއްމެއަކަސް މިކަންތަށް މިގޮތަށް ހަމަޖެހުމަށްފަހު ރަސްގެފާނު އަރިހުގައި އޭނާ އވަހާރަ ވަންދެން ތިބީ ކުރެންދު އަލީ ހަތީބް ތަކުރުފާނާ އިސްދޫ ވެލާނާ ތަކުރުފާނާ ސަންފާ ކަބާފާނެވެ. މިގޮތަށް ތިއްބާ ރަސްގެފާން އަވަހާރަ ވެއްޖެވެ. ރަސްގެފާން އަވަހާރަވުމުން އެކަން މީހުއްނަށް ނާންގާ؛ އަލީ ވެލާނާ ތަކުރުފާން ނުކުއްނަވާ ؛ރަދުންގެ އެއްބަދު ކަމަނާޔާއި އޭނާގެ ފިރިކަލުން އިބްރާހިމް ފާމްދޭރި ތަކުރުފާނާއި ރައްނަބަޑޭރި ތަކުރުފާނާއި އޭނާގެ މައިކަމަނާޔާއި މި އެއްމެން ދެއްވަދޫއަށް އަރުވާލުމަށް ރަދުން އަމުރުފުޅު ކުރެއވި ކަމަށް އަންގަވަފިއެވެ.

ދެން ރަދުންގެ އަމުރުފުޅުކަމަށް މީހުން ގަބޫލުކޮށް މި އެއްމެން އޮޑިޔަކަށްލާ ފުރުވާލާފިއެވެ. މި އެއްމެން ރަށުން ބޭރުވުމަށްފަހު ރަދުން އަވަހާރަވީކަމުގެ ހަބަރު މީހުއްނަށް ދިނެވެ.

އެޔަށްފަހު ހސަން ތާޖުއްދީން ދުރުވެ ރަދުން ހިނަވައި ކަފުނުކޮށް އޭގެ އަނެއްދުވަހު ވަޅުފުޅު ލައްވައިފިއެވެ.ވަޅުފުޅުލެވުނި އެރަދުއްނާއި ހަދީޖާ ކަބާފާނާއި ފަސްދާނަލެއްވުމަށް ހުކުރު މިސްކިތް ހުޅަގު ފަރާތުގައި ހަދާފައިވާ ތަނުގައެވެ. އެއީ 1701 މީލާދީގައެވެ.

ދެން ދެއްވަދޫ ރަސްގެފާން އަވަހާރަވިތާ ނުވަނަނައަށް ވީދުވަހު އިސްދު އަލީ ވެލާނަ ތަކުރުފަން ރަސްކަމަށް އިސްވެއްޖެ އެވެ.މިރަދުއްނަކީ އިސްކޮޅުން ކުރު، ކަޅު، ހިތަގަދަ،އަނިޔާވެރި،ތަންދޮރު ނޭގޭ ރަހުމަތްތެރިކަމާ އޯގާތެރިކަމެއް ނެތް ބޮޑާ ރަސްކަލެއް ކަމަށް ބުންވެއެވެ

ނޯޓް:: މިއަލޫމާތު ނަގާފައި ވަނީ ''ކުރީގެ ހުވަދު އަތޮޅު'' ކިޔާ ފޮތަކުއްނެވެ



3 comments:

  1. ދެއްވަދޫ މީހުންނަކީ މުޑުދާރު ފާހިށު ކަންކަމުގެ ތެރެއަށް ޤަރަގުވެފައިވާ ބައެއް، މިމީހުން މިނުގައިކަމުން ސަލާމަތްކުރުމައް ދެއްވަދޫ ރަސްގެފާނުން ފަދަ މީހުނައް މިއަދު ދެއްވަދޫ ވަނީ ބޭނުންވެފައި

    ReplyDelete
  2. ދެއްވަދޫ މީހުންނަކީ މުޑުދާރު ފާހިށު ކަންކަމުގެ ތެރެއަށް ޤަރަގުވެފައިވާ ބައެއް، މިމީހުން މިނުބައިކަމުން ސަލާމަތްކުރުމައް ދެއްވަދޫ ރަސްގެފާނުން ފަދަ މީހުނައް މިއަދު ދެއްވަދޫ ވަނީ ބޭނުންވެފައި، އެމްޑީޕީ ގުއިރޯނުގައި ޖެހި ދެއްވަދޫ މީހުން ވަނީ ތަރަވެފައި، ފާހިށު ލިޔުންތައް ބްލޮގު ސައިޓު ތަކުގައި ލިޔެ މުޅި ދިވެހިރާއްޖެގެ ނަމައް މިމީހުންދަނީ ހުތުރުއަރުވަމުން.

    ReplyDelete
  3. ވަރަށް މޮޅު ލިޔުމެއް މައުލޫމާތު މުއްސަންދި ލިޔުމެއްް

    ReplyDelete