ތިރީގައި މިވަނީ މާޗް 2004 ގައި އިނގިރޭސި ވިލާތުގެ ސިޔާސީ ހިމާޔަތަށް އެދި މުޙައްމަދު ނަޝީދު ހުށަހެޅި ރިޕޯޓްގެ ދިވެހި ތަރުޖަމާއެވެ.
ތަޢާރަފް
1- އަޅުގަނޑު މިބަޔާން މިލިޔެނީ އަޅުގަނޑު ދިވެހިރާއްޖެއާއި އަދި އޭގެ ފަހުން ސްރީލަންކާ، މިދެގައުމު ދޫކޮށް ފިލާންޖެހުނު ސަބަބުތައް ބަޔާންކޮށް، އޭގެ އަލީގައި އަޅުގަނޑު މިވަގުތު އިނގިރޭސި ވިލާތުގެ ސިޔާސީ ހިމާޔަތަށް އެދޭ ސަބަބު ބަޔާންކުރުމަށެވެ.
2- ކުރުކޮށް ދަންނަވަނީނަމަ، އަޅުގަނޑަކީ ދިވެހިރާއްޖެއަށް ސިޔާސީ އިސްލާހުގެނައުމަށް ދިގުމުއްދަތެއްގައި މަސައްކަތްކޮށް، އަދި އެމަސައްކަތުގެ އިސް ހަރަކާތްތެރިއަކީމެވެ. ވޭތުވެދިޔަ 12 އަހަރަށްވުރެ ގިނަ ދުވަހު ރައީސް މައުމޫނާއި އޭނާގެ އާއިލާއިން ކުރަމުން އަންނަ ޚުދުމުހްތާރު ވެރިކަމަށް އަޅުގަނޑު ވަރަށް މަތީރަޖައަކަށް ފާޑުކިޔަމުން އައިސްފައިވާނެއެވެ. މިފާޑުކިޔުމުގެ ނަތީޖާއެއްގެގޮތުން އެތައް އަހަރުތަކެއްގެ މަތީން ތަކުރާރުކޮށް އަޅުގަނޑަށް އިންޒާރުކޮށް، ޖަލަށްލައި، އަދި އަޅުގަނޑަށް އަނިޔާކޮށްފައިވެއެވެ. މިދުވަސްވަރު، އެތައް ފަހަރެއްގެ މަތީން އަޅުގަނޑު ސްރީލަންކާއަށް ފިލައިގެން ގޮސްފައި ވާނެއެވެ. އެހެނަސް، 2004 ގައި ކުރިމަތިވި އެންމެ ފަހުގެ ހާދިސާ އިން ވަރަށް ސާފުކޮށް އެނގުނުގޮތުގައި ދިވެހިރާއްޖޭގެ ކަމާބެހޭފަރާތްތަކުން ސްރީލަންކާ އެތެރޭގައި އަޅުގަނޑަށް ޓާގެޓްކުރަމުން ދިޔައެވެ. އަދި، އަޅުގަނޑަކީ ދިވެހިރާއްޖޭގެ ސަރުކާރުގެ ސިޔާސީ އިދިކޮޅު ހަރަކާތްތެރިއެއްގެ ގޮތުގައި ސްރީލަންކާގެ ކަމާބެހޭ ފަރާތްތަކުން އަޅުގަނޑު ބަލައިގެންފައެއް ނުވާކަމާއި، އަޅުގަނޑަށް އެއްވެސް ވަރެއްގެ ހިމާއަތެއް ދޭން ސްރީލަންކާ އިން ގަސްތުނުކުރާކަން އެނގުނެވެ. އަޅުގަނޑު މީގެ ކުރިންވެސް ދިރިއުޅެ، އެގައުމުގެ އެތައް ރައްޔިތުންނަކާ ގާތް ގުޅުން އޮތް، އިނިގިރޭސި ވިލާތައް ފިލައިގެން ދާންޖެހުނީ މިސަބަބާހުރެއެވެ.
3- ދިވެހިރާއްޖޭގެ ސިޔާސި މަސަރްހާމެދު އިނގިރޭސި ވިލާތުގެ ކަމާބަހޭފަރާތްތައް އަހުލުވެރިވެފައި ނުވުމީ އެކަށީގެންވާކަމެއް ކަމަށް އަޅުގަނޑު ގަބޫލުކުރަމެވެ. އަދި، އަޅުގަނޑީ ސިޔާސީ ހިމާޔަތް ހޯދުމަށް އެދި އިނގިރޭސި ވިލާތަށް ހުށަހެޅި އެންމެ ފުރަތަމަ ދިވެހި ރައްޔިތް ކަމަށް ވެދާނޭކަމީ އެކަށީގެންވާކަމެކެވެ. އެހެންކަމުން އަޅުގަނޑު އެންމެ ފުރަތަމަ ހުށަހަޅާލާނީ ދިވެހިރާއްޖޭގެ ސިޔާސީ ނިޒާމުގެ ތައާރަފެކެވެ. އަދި، އޭގެ ފަހުން ރައީސް މައުމޫނުގެ އަނިޔާވެރިކަމުގެ ދަށުގައި އަޅުގަނޑާމެދު ކަންކޮށްފައިވާ ގޮތް، ތާރީޚުގެ ތަރުތީބުން ލިސްޓުކޮށްލާނަމެވެ. އަޅުގަނޑަކީ ރައީސް މައުމޫނަށް ހުރި ބިރުވެރިކަމެއްކަމަށް ދެކި، އަޅުގަނޑު ގެ އަޑު ކަނޑުވާލުމަށް ރައީސް މައުމޫނު ބޭނުންވި ސަބަބު ދެނެގަތުމަށް މި ތަޢާރުފު މުހިއްމެވެ.
އަމިއްލަ ތައާރަފް
4- އަޅުގަނޑު އުފަންވީ 17 މެއި 1967 ގައި ދިވެހިރާއްޖޭގެ ވެރިރަށް މާލޭގައެވެ. އަހަންނަކީ ކައިވެނިކޮށްހުރި ދެދަރީންގެ ބައްޕައަކީމެވެ. އަޅުގަނޑުގެ އަނބިމީހާއަށް ކިޔަނީ ލައިލާ އަލީއެވެ. އަޅުގަނޑުގެ އެންމެ ދޮށީ އަންހެން ދަރިފުޅަށް ކިޔަނީ މީރާ ލައިލާ ނަޝީދެވެ. އަޅުގަނޑުގެ ހަގު އަންހެން ދަރިފުޅަށް ކިޔަނީ ޒާޔާ ލައިލާ ނަޝީދެވެ.
5- 1974ން 1981 ވަނަ އަހަރާ ހަމައަށް އަޅުގަނޑު ތަޢުލީމް ހާސިލްކުރީ މާލޭގެ މަޖީދިއްޔާ ސްކޫލުންނެވެ. 1981 ން 1982 އަށް އަޅުގަނޑު ތައުލީމް ހާސިލްކުރީ ސްރީލަންކާގެ ކޮލޮމްބޯގައި ހުންނަ އޯވަސީސް ސްކޫލްގައެވެ. 1982 ން 1984 އަށް އަޅުގަނޑު “އޭ” ލެވަލް އިމްތިހާނަށް ކިޔަވައި، އެއިމްތިހާނު ފުރިހަމަކުރީ އިނގިރޭސި ވިލާތުގެ ވިލްޓްޝައަރ ގެ ޑޯޓްސީސް ސްކޫލުންނެވެ. 1984 ން 1989 އަށް އިނގިރޭސި ވިލާތުގެ ލިވާޕޫލްގެ ޖޯން މޯރޒް ޔުނިވާސިޓީން މެރިޓައިމް ސްޓަޑީޒް ޑިގްރީއެއް ފުރިހަމަކުރީމުއެވެ.
ފަސްމަންޒަރު
6- ދިވެހިރާއްޖޭގެ ސިޔާސީ މަސްރަހު ބިނާވެއޮތީ ވެރިކަން ކުރާ އާއިލާއިން އެބައިމީހުންގެ ވެރިކަން ދެމެހެއްޓުމަށް ކުރާ މަސައްކަތްތަކުގެ މައްޗަށެވެ. ޚާއްސަގޮތެއްގައި، އެހާ ފަސޭހަނޫން ގުޅުމެއްގެ ދަށުން، އަދި ބައެއް ފަހަރަށް ސިއްރުސިރުން ދެބަސްވެވޭ ހިނދު ކޯޅުންގަނޑު ފަޅައިގެންދާ، އިސް ދެ އާއިލާއެއް ގާއިމްވެ އޮވެއެވެ. މިދެއާއިލާގެ އެންމެ އިސް ދެ ޝަޚްސިއްޔަތަކީ ރައީސް މައުމޫނާއި، އިލްޔާސް އިބްރާހިމެވެ. މިދެ ބޭފުޅުންނަކީ ދިވެހިރާއްޖޭގައި ވާދަވެރި ބާރުވެރި ދެޝަޚްސެވެ. މިދެބޭފުޅުން ގުޅިފައިވަނީ އިލްޔާސްގެ ކޮއްކޮ ނަސްރީނާ އާ ރައީސް މައުމޫނާ ކުރެވިފައިވާ ކައިވެނީގެ ގުޅުމުންނެވެ. އަޅުގަނޑުމެންގެ އާއިލާތަކަކީ ސަގާފީގޮތުން މައިމީހާގެ ބާރު އިސް އާއިލާއެވެ. އެހެންކަމުން، ދިވެހިރާއްޖޭގައި ހުރި އެންމެ ބާރުވެރި މީހަކީ ނަސްރީނާކަމަށް ވަކާލާތު ކުރެވިދާނެއެވެ. އަޅުގަނޑުގެ ނަޒަރިއްޔާގައި ރައީސް މައުމޫނާއި، އިލްޔާސާއި، ނަސްރީނާ އަކީ އެކު އަނެކެއްހާ ޚިޔާނާތްތެރި، އިއްޒަތުއްނަފްސު ކިލަނބުވެ ހައްދުފަހަނައަޅާފައިތިބި ތިން މީހުންނެވެ.
7- މިނިވަން އިންސާފުވެރި އިންތިޚާބެއް ބޭއްވިއްޖެނަމަ ޝައްކެއް ނެތްގޮތުގައި ރައީސް މައުމޫނާއި އޭނާގެ އާއިލާއަށް ވެރިކަން ގެއްލޭނެއެވެ. އެހެންކަމުން، މިފަހުގެ ސިޔާސީ ހަރަކާތްތަކުގެ ބޮޑުބަޔަކީ ރައީސް މައުމޫނު އޭނާގެ ވެރިކަން ދެމެހެއްޓުމަށް ކުރެއްވި މަސައްކަތެވެ. ރައީސް މައުމޫނުގެ ސައްހަކަން އޭނާ ބިނާކޮށްފައިވަނީ ރަސްމަތިފުޅު އާއިލީ ޚާންދާންތަކާއި އޮތް ގުޅުމުގެ މައްޗަށެވެ. އަދި، މުއްސަނދި ޓޫރިސްޓް އިންޑަސްޓްރީއެއް ތަރައްގީކުރުމަށް މަގުފަހުކުރުވި ސުލްހަވެރި، ހަމަޖެހޭ މުޖުތަމައުއެއް ގާއިމްވެ ކުރުމުގެ ހަމައެކަނި ޒިންމާ އަދާކުރެއްވީ ޚުދު އޭނާ އެކަނިކަމަށް އިޝާރާތް އެކުރައްވާ ހަގީގަތާ ޚިލާފް ފުލޯކުގެ މައްޗަށެވެ. ދައުލަތުގެ މުއައްސަސާތައް އޭނާގެ އަމިއްލަ ފައިދާއަށްޓަކައި ލަނބުވާލާފައިވެއެވެ. ރައްޔިތުންގެ މަޖިލިސް ވެފައިވަނީ އޭނާ އަންގަވާ އެންގުންތަކުގައި ރަބަރު ތައްގަނޑު ޖެހުމަށް ގާއިމްކުރެވި އޮތް އޭނާގެ މުއްފަތުގައި އުޅޭ މީހުން ލައިގެން ހިންގާ އާލާތަކަށެވެ. ސަލާމާތީ ޚިދުމަތްތައް ވެފައިވަނީ ސައްހަ ސިޔާސީ ދެކޮޅުވެރިކަން މުގުރާލުމަށްޓަކައި މީހުން ބަންދުކޮށް، އެމީހުންނަށް އަނިޔާކޮށް، ރައީސް މައުމޫނާ ވާދަކުރުމުގެ ގާބިލްކަން ދައްކާ ކޮންމެ މީހަކު، އިލްޔާސް ހިމެނޭގޮތަށް، ގެ އަނގަ ބަންދުކުރާ ސިޔާސީ ޕޮލިސް ބާރަކަށެވެ. އަޅުގަނޑު އޭނާގެ ވެރިކަމާ ދެކޮޅަށް ފައުޅުކުރި ހިޔާލުގެ ސަބަބުން އަޅުގަނޑު ބަންދުކޮށް، އަޅުގަނޑަށް އަނިޔާކޮށް ދުރު ރަށަކަށް އަޅުގަނޑު އަރުވާލިއެވެ.
8- އެހެނަސް، އަޅުގަނޑުގެ ފޮތެއްގައި ދިރާސާކޮށްފައި ވާނޭފަދައިން ރައީސް މައުމޫނުގެ އާއިލާއަށް ރަސްމަތިފުޅު ޚާންދާނުތަކުން އައިސް އޮތް އާއިލާއެއްކަމަށް ދައުވާ ކުރުމުގެ ހައްގު އެ އާއިލާއަށް ލިބިފައެއް ނުވެއެވެ. އަދި، ޓޫރިޒަމް އިންޑަސްޓްރީން ހޯދި ތަރައްގީއަކީ ރައީސް މައުމޫނަށް އޭގެ ކްރެޑިޓާއި ރީތިނަން ރައްދުކުރާންވީ ކަމެއް ނޫނެވެ. އާއިލީ ވެރިކަމުގެ ޚިޔާނާތްތެރި ސޫރައަކީ ޓޫރިޒަމް އިންޑަސްޓްރީ އަށް ފިއްތުންތައް ކުރިމަތިކުރުވާ މައްސަލައެކެވެ. އަދި، އަޅުގަނޑުގެ އެންމެ އިސް ސިޔާސީ ސަޕޯޓަރުންގެ ތެރޭގައި ރާއްޖޭގެ އެންމެ ކާމިޔާބު ވިޔަފާރިވެރިން ގުނާލަމުއެވެ. ރައީސް މައުމޫނު ގެންގުޅުއްވާ އޮބިއެޅުވުމުގެ އުކުޅުގެ ސަބަބުން ދިވެހިރާއްޖޭގެ ވެރިރަށް މާލެއަށް މިފަހަކަށް އައިސް ދާޚިލީ ހަމަނުޖެހުން ގެނުވައިފައިވެއެވެ. ދިވެހިރާއްޖެ މަސްރަހު އޮތީ ގޮވުމާ ގާތުގައެވެ. އަދި، ދިވެހިރާއްޖޭގެ ސިޔާސީ-އިގްތިސޯދުގެ މިސްރާބުހުރި ގޮތުން ރައީސް މައުމޫނުގެ ވެރިކަން އޮތީ ނާޒުކު ފައްތަރެއްގައެވެ. ޚާއްސަގޮތެއްގައި އޭނާގެ ކޮންޓްރޯލް ދެމެހެއްޓުމަށްޓަކައި ގޮތްހުސްވެފައިވާ ރާސްތާތަކުގެ ބޭނުންހިފަމުން ދާދިއުމުގެ ސަބަބުންނެވެ.
ސިޔާސީ ކަންކަމަށް އަހުލުވެރިވުމާއި ބަންދު
9- ދިވެހިރާއްޖޭގެ ކަމާބެހޭ ފަރާތްތަކާއި އަޅުގަނޑާ ދެމެދު އޮތް މައްސަލަތައް އެންމެ ފުރަތަމަ ފެންމަތިވީ 1989 ގައެވެ. އަޅުގަނޑު ކިޔަވަން ހުރި އިނިގިރޭސި ވިލާތް ދޫކޮށް ރާއްޖެ އަނބުރާ އައުމުގެ ކުޑަ ދުވަސްކޮޅެއް ފަހުންނެވެ. އަޅުގަނޑުގެ ރަހްމަތްތެރީން ކޮޅެއްކަމަށްވާ މުހައްމަދު ޝަފީގާއި އިބްރާހިމް މުހައްމަދު ސޯލިހާ އެކު އުފެއްދި “ސަންގު” ކިޔާ އައު ސިޔާސީ މަޖައްލާއެއްގައި ނޫސްވެރިއެއްގެ ހައިސިއްޔަތުން އަޅުގަނޑު މަސައްކަތް ކުރަންފެށީ 1990 ވަނަ އަހަރުގެ ޖެނުއަރީ މަހުއެވެ. މެއި 1990 ވަނަ އަހަރު އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ކުޑަދުވަސްކޮޅެއް ފަހުން އެއިންތިޚާބުގައި ރައީސް މައުމޫނުގެ ޅިޔަނު އަދި އޭރުގެ ޑިފެންސް އަދި ޓްރޭޑް މިނިސްޓަރ އިލިޔާސް އިބްރާހިމަށް ފައިދާވާގޮތަށް ވޯޓުގައި ވަގުހަދާފައިވާކަން ދައްކުވައިދޭ ލިޔުމެއް އަޅުގަނޑު ލިޔުނީމެވެ. ނަތީޖާއެއްގެގޮތުން އެމަހު ސަންގު ގެ ރަޖިސްޓްރީ އުވައިލާ، އެމަޖައްލާއަކީ ޣައިރުގާނޫނީ މަޖައްލާއެއްކަމަށް ކަނޑައަޅާފައިވެއެވެ. އަޅުގަނޑަކީ ކަންކަމާ ކުރިމަތިލައި ކަންކަމަށް ފައިވިއްދާ މިޒާޖެއްގެ ވެރިއަކީމެވެ. އަދި، ހަމައެހެންމެ ރައީސް މައުމޫނު ސަންގާމެދު އެޅުއްވި ފަޔަވަޅަކީ ބައިނަލްއަގުވާމީ މިނިވަން ނޫސްވެރިކަމުގެ އިމުން ބޭރު ފިޔަވަޅެއްކަން ދެނެހުރެ، އަޅުގަނޑު އެލިޔުން އިނގިރޭސި ބަހުން އަލުން ލިޔުމަށްފަހު ސްރީލަންކާގެ އެންމެ އިސް ދުވަނޫސްތަކުގެ ތެރެއިން “ދަ އައިލަންޑް” ނޫހުގައި ޝާއިއުކުރީމުއެވެ. މިޝާއިއުކުރުމާ ގުޅިގެން އަޅުގަނޑު ގޭގައި ބަންދުކުރިއެވެ.
10- ގޭ ބަންދުގައި އަޅުގަނޑު ބަހައްޓާފައި ހުރި އިރު، ގޭގައި ދިރިއުޅޭ މީހުން ފިޔަވާ އެހެންމީހުންނަށް ގެއަށް ވަނުމުގެ ހުއްދަ ނެތްކަން އަންގާ އިއުލާނެއް ގޭ ދޮރުގައި ހަރުކޮށްފައި ހުއްޓެވެ. އަދި، ގެއަށް ވަންނަން މަސައްކަތް ކުރާ މީހުންނާއި، ގެއަށް ވަންނަ މީހުންނަށް ފާރަލުމަށްޓަކައި، އަޅުގަނޑުގެ ގެ ހުންނަ މަގުގެ ދެކޮޅުގައި ކުލަހެދުންއެޅި ސިފައިންގެ މީހުން ބައިތިއްބާފައި ތިބެއެވެ. އަޅުގަނޑުގެ މައްޗަށް ތަހްގީގު ހިންގާން ސިފައިން އެދުވަސްވަރު ބޭނުމެއް ނުވިއެވެ. އަދި، ކަންވެދިޔަ ގޮތުގެ ޚަބަރު އިވުނު އެތައް ނޫސްވެރިންނެއް އަޅުގަނޑާ އިންޓަވިއުކުރާން އަޅުގަނޑަށް ޒިޔާރަތްކުރިއެވެ. އެމީހުންގެ ތެރޭގައި ބީބީސީ ގެ ކްރިސް މޮރިސް އާއި އޮސްޓްރޭލިޔާއާއި އިންޑިޔާގެ ނޫސްވެރިން ހިމެނެއެވެ. އަޅުގަނޑު އެ ނޫސްވެރިންނާ ވާހަކަދެއްކީ ހަގީގަތް ބަޔާންކޮށް ތެދުބަހުންނެވެ. އަޅުގަނޑު ގޭ ބަންދުކޮށްފައި ހުރީ އިންތިޚާބުގައި ވަގުހެދިކަމުގެ ވާހަކަ ހާމަކޮށް އަޅުގަނޑު ލިޔުނު ލިޔުމެއްގެ ނަތީޖާއެއްގެ ގޮތުންކަމަށް އެމީހުން ގާތު އަޅުގަނޑު ބުނީމެވެ.
11- އޭގެ އަނެއް ދުވަހު އަޅުގަނޑުގެ ބަސް ހިމަނައިގެން ގެނެވުނު ޚަބަރެއް އޮސްޓްރޭލިޔަން ބްރޯޑްކާސްޓިންގ ކޯޕަރޭޝަން (އޭބީސީ) އިން ދުރަށްފޮނުވިއެވެ. އަދި، ނޮވެންބަރ 1990 ގެ ފަތިސް ވަގުތެއްގައި އަޅުގަނޑު ދޫނިދޫ ޖަލަށް ގެންދިޔައެވެ. އެތަނުގައި އަޅުގަނޑުގެ މައްޗަށް ތަހްގީގު ހިންގުމުގެ އިތުރުން ކުރިއަށް އޮތް 18 މަސްދުވަހު އަޅުގަނޑު އިނީ ކުޑަގޮޅީގައި އެކަހެރިކޮށް ބައިންދާފައެވެ. މިދުވަސްވަރުގެ ބޮޑުބައެއްގައި އަޅުގަނޑު ބައިންދާފައި އިނީ 4 ފޫޓު 6 ފޫޓު 6 ފޫޓު ހުރި ޓިނު ގޮޅިއެއްގައެވެ. ފެންވެރުމުގެ ފުރުސަތު ދެވެނީ ހަފްތާއަކު އެއް ފަހަރުއެވެ. ދުވާލަކު އެއް ލީޓަރުގެ ފެން ދެއެވެ. މިއީ، ޓިނު ގޮޅިއެއްގައި ދިވެހިރާއްޖޭގެ ހޫނު މޫސުމުގައި އިންނަ މީހަކަށް ވަރަށް ކުޑަ އެއްޗެކެވެ.
12- އަޅުގަނޑާ ކުރެވުނު ތަހްގީގުގައި ދައުލަތާ އިދިކޮޅު އެތައް އަމަލެއްގެ ތުހުމަތު އަޅުގަނޑުގެ މައްޗަށް އުފުލުނެވެ. މީގެ ތެރޭގައި ދައުލަތާ އިދިކޮޅު ލިޔުންތަކާއި ލުއިފޮތް ބަހައި އޭގެ ޒަރިއްޔާއިން ހަމަނުޖެހުން އުފެއްދުމަށް ހިތްވަރުދިނުމާއި، އިސްލާމްދީނާ ޚިލާފް އަދަބާޚިލާފް އަމަލާއި، ދައުލަތާ އިދިކޮޅު ޓެރަރިސްޓު އަމަލާބެހޭ މައުލޫމާތު ސިއްރުކުރުން ހިމެނެއެވެ. ނޫސްވެރިއެއްގެ ގޮތުގައި އަޅުގަނޑު ހަރަކާތްތެރި ވިއިރު އަޅުގަނޑު ކުރި ބައްދަލުކުރުންތަކާމެދު ސުވާލުކުރިއެވެ. އަޅުގަނޑު ބައްދަލުކޮށްފައި ހުރި މީހުން އެމީހުންނަށް އެނގުނެވެ. އޭގެ ތެރޭގައި އެހެން ނޫސްވެރިންނާއި، ރައްޔިތުންގެ މަޖިލިސް މެންބަރުންނާއި، ކެބިނެޓް މިނިސްޓަރުން ހިމެނެއެވެ. ޚާއްސަގޮތެއްގައި، އެއިރު ސަރުކާރު މިނިސްޓަރެއްގެ މަގާމުގައި ހުންނެވި އަހްމަދު މުޖުތަބާއާއި، މާލޭ މެންބަރުގެ މަގާމުގައި ހުންނެވި ޑރ. ވަހީދާ ބެހޭގޮތުން އެތައް ތަފްސީލެއް އެމީހުން ބޭނުންވިއެވެ. އެމީހުންގެ ތަހްގީގު އޮނިގަނޑާއި މިސްރާބުން އަޅުގަނޑަށް އަންދާޒާކުރެވުނީ މިމީހުންނަކީ ރައީސް މައުމޫނާ ދެކޮޅަށް ރޭވުންތަކެއް ރާވަމުން ގެންދާ ބައެއް ގެ ގޮތުގައި ޝައްކުކުރެވިފައި ތިބި ބައެއް ކަމަށެވެ. ނުވަތަ އެފަދަ ތުހުމަތެއް މަތިކޮށް، އެމީހުން ބައްދާލަން ރައީސް މައުމޫނު މަސައްކަތް ކުރައްވަނީ ކަމަށެވެ.
13- ތަހްގީގު ހިންގީ ހުވަފެނީ، ހަގީގަތާ އެއްކިބާވެފައިވާ ގޮތަކަށެވެ. އެހެނަސް، އެއީ ކުރިއަށް ރޭވިގެން ހިންގުނު ތަހްގީގެކެވެ. ފެންވަރާނޭ ފުރުސަތު އަޅުގަނޑަށް ދީ، އައު ޓީ-ޝާޓެއް ލާން ދެއެވެ. މާކުރިން އަޅުގަނޑު ގާތު އެމީހުން ބުނީ، އަޅުގަނޑާމެދު އެމީހުން ތުހުމަތުކުރާ ކުށްތަކަށް އިއުތިރާފް ވެއްޖެނަމަ ނިދާލާނޭ ފުރުސަތު ދީ، ރަނގަޅު ފެންވަރުގެ ވަސީލަތްތައް ދެވޭނޭކަމަށެވެ. އަޅުގަނޑު އިއުތިރާފް ވާންޖެހެނީ ކޮން ކުށަކަށްތޯ ސުވާލުކުރުމުން އެމީހުން ބުނީ ބާރުގެ ބޭނުންކޮށްގެން ގާނޫނުއަސާސީއާ ޚިލާފަށް ސަރުކާރު ވައްޓާލަން އުޅުމުގެ ކުށަށް ކަމަށެވެ. ކޮންމެ ތަހްގީގެއް ވީޑިއޯ ކުރެއެވެ. އެފަދަ “އިއުތިރާފްތައް” ދިވެހިރާއްޖޭގެ ޓީވީން ފެނި ރޭޑިއޯއިން އިވިފައި ހުރުމުން އަޅުގަނޑުގެ ކިބައިން އެމީހުން ބޭނުންވެގެން އުޅޭ އެތި އަޅުގަނޑަށް އެނގުނެވެ. މުޅި ގައުމަށް ދުރަށްދައްކައި އިއްވޭނޭ އިއުތިރާފް ބަޔާނެކެވެ. އޭރުން ސިޔާސީ ބާރެއްގެގޮތުގައި އަޅުގަނޑު ގެ ސައްހަކަން ގެއްލޭނެއެވެ. އަދި، އޭގެ އަލީގައި އަޅުގަނޑަށް އިތުރު ދައުވާކޮށް، އިތުރު އަނިޔާދިނުމަށް މަގުފަހިވާނެއެވެ.
14- މިއުކުޅުގެ އެއް މިސާލު ހިނގާ ދިއައީ 1983 ވަނަ އަހަރުއެވެ. އިނގިރޭސި ކުލީ ސިފައިންގެ އެހީގައި ސަރުކާރު ވައްޓާލަން މަސައްކަތްކުރި ކަމަށް އަހްމަދު ނަސީމް ކިޔާ މީހެއްގެ އިއުތިރާފް ޓީވީން ދެއްކިދެއްކުމެވެ. މިކަން ހިނގި ކަމުގެ އޮއްޓަރުހުރި އެއްވެސް ހެއްކެއް އެއްވެސް އިރަކު ނުދެއްކެއެވެ. އަދި، އަޅުގަނޑު ގާތު އޭރުގެ ޑިފެންސް މިނިސްޓަރ އިލްޔާސް އިބްރާހިމް ކަށަވަރުކޮށްދެއްވާފައި ވަނީ މިއީ ހަދައިގެން ދެއްކި ފުލޯކު ތުހުމަތެއް ކަމަށެވެ. އެހެނަސް، ދައުލަތާއިދިކޮޅު ހަރަކާތެއް ހިންގިކަމުގެ ކުށުގައި އަހްމަދު ނަސީމުގެ މައްޗަށް މަރުގެ ހުކުމް އިއްވުނެވެ. އަދި، ރައީސް މައުމޫނުގެ “ދީލަތިފުޅު ކަމުން” އެހުކުމް އުމުރަށް ޖަލަށްލުމުގެ ހުކުމަކަށް ބަދަލުކޮށްދެއްވާފައިވެއެވެ.
15- މިކަން އެނގިހުރެ އެއްވެސް ޒާތެއްގެ އިއުތިރާފަކަށް އެއްބަސްވުމުގެ ނަތީޖާ އަޅުގަނޑަށް އެނގެއެވެ. އަދި، އެފަދަ އިއުތިރާފެއް ވެއްޖެނަމަ އެވަގުތު އަޅުގަނޑު ތަހައްމަލު ކުރަމުން ދިޔަ ވޭނާއި އަޅުގަނޑު ކިބައިން ނިގުޅައިގަނެވިފައިވާ ކަންކަން އެތައް ގުނައެއް އިތުރުވެ، އަދި ސަރުކާރަށް ފައުޅުގައި ފާޑުކިޔުމަށް ހަމައަށް އަޅުގަނޑު ގެންދިޔަ، އަޅުގަނޑު ގާބޫލުކުރާ އުސޫލުތައް މުގުރިގެން ދިއައީހެވެ. އެހެންކަމުން، އަޅުގަނޑު ދިން ހަމައެކަނި ބަޔާނަކީ އިންކާރުގެ ބަޔާނެކެވެ.
16- އަޅުގަނޑު އެމީހުންނަށް އެއްބާރުލުން ނުދޭކަން ގަބޫލުކުރެވުމުން އަޅުގަނޑަށް އަދަބުދިނެވެ. ހަފްތާއެއް ވަންދެން، ނިދިން މަހުރޫމްކޮށް، ނިދިޔަދެނީ ރެއަކު ދިހަމިނެޓު ނުވަތަ ފަނަރަ މިނެޓަށެވެ. ފުޅިތޮއްޓާއި ބޭރަށް ހިންގުން ޖެހޭފަދަ ބޭސް އަޅުގަނޑުގެ ކާނާއަށް އެޅިއެވެ. އަޅުގަނޑު އިނީ ކަސްތޮޅުއަޅުވާފައެވެ. އަދި، އެންމެ ނިކަމެތިވީ ދުވާލަކު އެންމެ ބައި ލީޓަރު ފެންދޭތީއެވެ. އެއް ފަހަރު 12 ދުވަސް ވަންދެން ޗޭނުޖަހާއިފައި ގޮނޑިއެއްގައި ވާރޭގައި އަޅުގަނޑު ބޭންދިއެވެ. އަދި، އިތުރު 14 ދުވަސްވާންދެން ކަރަންޓު ޖަނަރޭޓަރެއްގައި އަޅުގަނޑު ބަނދެފައި ބެހެއްޓިއެވެ.
17- 18 މަސްދުވަހުގެ އެކަހެރި ބަންދަށް ފަހު، 8 އޭޕްރީލް 1992 ގައި އެއްވެސް އަންގާލުމަކާނުލާ އަވަސްނިޔާ އިއްވާ ކޯޓަކަށް އަޅުގަނޑު ހާޒިރުކުރިއެވެ. ގާނޫނީ ވަކީލެއްގެ އެއްވެސް އެހީތެރިކަމެއް އަޅުގަނޑަށް ދީފައެއް ނުވެއެވެ. އަދި، ދައުވާއަށް އިންކާރުކުރާކަމަށް އަޅުގަނޑު ދިން ބަޔާން އެއީ ތެދުބަޔާނެއްކަން ކަށަވަރުކޮށް ދޭން ފުރުސަތު ދިނުމުގެ އިތުރުން ވާހަކަދައްކާނޭ ފުރުސަތެއް އަޅުގަނޑަކަށް ނުދެއެވެ. އަޅުގަނޑުގެ މައްޗަށް 3 އަހަރާއި 6 މަސްދުވަހަށް ޖަލަށްލުމުގެ ހުކުމެއް އިއްވުނެވެ. އަޅުގަނޑުގެ މައްޗަށް އެއްވެސް ޒާތެއްގެ ޝަރީއަތެއް ހިންގީ ދިވެހިރާއްޖެއާއި ސްރީލަންކާއަށް ކަނޑައަޅާފައި ކޮލޮމްބޯގައި ހުންނަވާ ބްރިޓިޝް ހައި ކޮމިޝަނަރ ގެ ނުފޫޒު އެމައްސަލާގެ ތެރެއަށް ފޯރުކުރެއްވީތީއެވެ.
18– އެކަހެރިކޮށް އަޅުގަނޑު ދެން ބަހައްޓާފައި ހުރީ ގާމާދޫ ޖަލުގައެވެ. އަޅުގަނޑު ހީކުރީ އަޅުގަނޑުގެ މައްޗަށް ކުރި ހުކުމުގެ މުއްދަތު ހަމަވާންދެން އަޅުގަނޑު ޖަލުގައި ބަހައްޓާނޭކަމަށެވެ. އެހެނަސް، 1993 ވަނަ އަހަރުގެ ޖޫން މަހު ކުރީކޮޅު އަޅުގަނޑު ޖަލުން ދޫކޮށްލިއެވެ. ހުކުމުގެ މުއްދަތު ހަމަވުމުގެ ކުރިން އަޅުގަނޑު ދޫކޮށްލީ ދެސަބަބެއް މެދުވެރިވެގެން ކަމަށް އަޅުގަނޑަށް ގަބޫލުކުރެވެއެވެ. ފުރަތަމަ ސަބަބަކީ، އެމްނެސްޓީ އިންޓަނޭޝަނަލް އާއި އިނގިރޭސި އެމްބަސީ ހިމެނޭގޮތަށް، އެކިއެކި އެމްބަސީތައް ތަމްސީލުކުރައްވާ ފަރާތްތަކުން އަޅުގަނޑު އަވަހަށް ދޫކޮށްލުމަށް ސަރުކާރަށް އިލްތިމާސްކުރެއްވުމެވެ. އެފަދަ ފިއްތުންތަކަށް ދިވެހިރާއްޖޭގެ ސަރުކާރު ދީލާލާނެއެވެ. އެހެނީ، ދިވެހިރާއްޖޭގެ ސަރުކާރަކީ ބޭރުގެ އެހީއަށް ފުރިހަމައަށް ބަރޯސާވެފައިވާ ސަރުކާރެކެވެ.
19–ދެވަނަ ސަބަބަކީ، ދިވެހިރާއްޖޭގެ ސިޔާސީ މަސްރަހަށް ފާހަގަކޮށްލާންޖެހޭ ފަދަ ބަދަލުތަކެއް އައިސްފައި ވުމެވެ. 1994 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މައުމޫނާ ވާދަކުރެއްވުމަށް އޭނާގެ ޅިޔަނު އިލްޔާސް އިބްރާހިމް ނިކުންނަވާނޭކަން އިލްޔާސް ވަރަށް ސާފުކޮށް ރައީސް މައުމޫނުގެ ސަމާލުކަމަށް ގެނުވައިފައިވެއެވެ. އަދި، އަޅުގަނޑަކީ އިލްޔާސްގެ ހަރުކަށި ފާޑުކިޔުންތެރިއެއްކަން އެންމެނަށް މެ އެނގެއެވެ. އެހެންކަމުން، އަޅުގަނޑު ޖަލުން ދޫކޮށްލުމަށް ފަހު، ރަނގަޅަށް ފެންވަރުވައިގެން ގެންދިއައީ ރައީސް މައުމޫނާ ބައްދަލުކުރާށެވެ. ރައީސް މައުމޫނު ވަރަށް ލުއިލުއި ކޮށް އަޅުގަނޑު ގާތު ވިދާޅުވީ އަޅުގަނޑުގެ ނޫސްވެރިކަމުގެ މަސައްކަތައިގެން ކުރިއަށް ދެވިދާނޭކަމަށެވެ. އަޅުގަނޑު ދެން ގެންދިއައީ މިނިސްޓަރެއްކަމަށްވާ ޒާހިރު ހުސެއިން ހިންގަވާ ސަރުކާރާ އެއްކޮޅު ނޫސް ހަވީރު އޮފީހަށެވެ. އެތަނުގައި އަޅުގަނޑު ގާތު ބުނީ އެނޫހުގައި މަސައްކަތް ކޮށް، އިލްޔާހާ ދެކޮޅަށް ލިޔުމަށެވެ. ދެނުބައިގެ ތެރެއިން ކުޑަ ނުބައި އިޚްތިޔާރުކުރާން ޖެހިއްޖެ ހިނދެއްގައި އިލްޔާސްގެ ބަދަލުގައި އަޅުގަނޑު އިޚްތިޔާރު ކުރާނީ ރައީސް މައުމޫކަމަށް ފަހަރުގައި ރައީސް މައުމޫނު ހީފުޅުކުރެއްވީ ކަމަށް ވެދާނެއެވެ. އަދި، އެމީހުންގެ މިހީއަށް އަޅުގަނޑު ތާއިދުކުރީމެވެ. އަޅުގަނޑު ބުނީ އިލްޔާސް ވެރިކަމަށް އަންނަތަން ދެކެން އަޅުގަނޑު ބޭނުންނުވާކަމަށެވެ. ޒާހިރު ވިދާޅުވީ އެމީހުން އިސްލާހުވެ، ސަރުކާރުގެ ތެރޭގައި ފެތުރިފައިވާ ޚިޔާނާތްތެރިކަން ނައްތާލާނޭކަމަށެވެ. އެމީހުން އަޅުގަނޑު ގާތު ވިދާޅުވީ މިހުރިހާ މައްސަލަތަކަކީވެސް ރާއްޖޭގެ ސިޔާސަތުގެ ތެރޭގައި އިލްޔާހާ ގުޅިލާމެހިފައިވާ މައްސަލަތައް ކަމަށެވެ. އިލްޔާހުގެ ނުފޫޒުގެ ސަބަބުން ހިނގާ މައްސަލަތައް ކަމަށެވެ.
20- އެމީހުންގެ ހުށަހެޅުމަށް އަޅުގަނޑު އިންކާރުކޮށްފި ނަމަ އަޅުގަނޑު އަނބުރާ ޖަލަށް ގެންދާނޭކަން އެނގިހުރެ އެމީހުން ގާތު އަޅުގަނޑު ބުނީ އަޅުގަނޑު އެމީހުންނަށް މަސައްކަތް ކޮށްދޭނަން ކަމަށެވެ. އެހެނަސް، ސިއްހީ ފަރުވާ ހޯދުމަށް ހަފްތާއެއްގެ މުހުލަތު އަޅުގަނޑު ބޭނުންވާކަމަށެވެ. އަޅުގަނޑުގެ ބުރަކަށީގައި އިންތިހާއަށް ރިއްސައެވެ. އަޅުގަނޑުގެ ލޮލުން ވަނީ ފެންހިކިފައެވެ. އަޅުގަނޑަށް ކާންދިން ތަކެތީގެ ސަބަބުން އަޅުގަނޑުގެ އެތެރެ ހަށިން ލޭ އާދެއެވެ. އަދި، އަޅުގަނޑުގެ ބޮޑުކަމުދާ ތަކެތީގައި ލޭހުރެއެވެ. އަޅުގަނޑުގެ ރުހުން ހޯދުމަށް އެމީހުން މަސައްކަތް ކުރަމުން ދިޔަދިއުމާއި، އަޅުގަނޑު ދޫކޮށްލުމަށް ބައިނަލްއަގުވާމީ ފިއްތުންތައް މެދުވެރިވީ ކަމަށް ރިއާއަތްކޮށް އެމީހުން އަޅުގަނޑުގެ ޝަރުތު ގަބޫލުކުރިއެވެ. ދިވެހިރާއްޖެއިން ލިބެންހުރި ސިއްހީ ފަރުވާ ގެ ދާއިރާ ހަނިކަމުން އަޅުގަނޑު ބުނަމުން ގެންދިއައީ އަޅުގަނޑަށް ބޭނުންވާ ފަރުވާ ހޯދުމަށް އިންޑިޔާއަށް ދިޔުމަށްޓަކައި އަޅުގަނޑުގެ ޕާސްޕޯޓް ކޮންމެހެން ބޭނުންވާކަމަށެވެ. ތިން ދުވަސް ފަހުން އަޅުގަނޑުގެ ޕާސްޕޯޓް ލިބުނެވެ. އަދި އަޅުގަނޑު އިންޑިޔާގެ މެޑްރާހަށް ދިއުމަށް ފުރީމުއެވެ.
21- ރާއްޖޭން ފުރުމުގެ ކުރިން އަޅުގަނޑު އިންޑިޔާގެ ހައި ކޮމިޝަންއާ ގުޅީމެވެ. އިންޑިޔާއަށް ދިއުމާއެކު ދިވެހި ރައްޔިތުންނަށް ދޫކުރާ ޓޫރިސްޓް ވިސާގެ މުއްދަތު ހަމަވުމަށް ފަހު އަޅުގަނޑު އިންޑިޔާގައި އިތުރު މުއްދަތަކަށް ހުންނާން ބޭނުންވެއްޖެ ހިނދެއްގައި އަޅުގަނޑު އަނބުރާ ރާއްޖެއަށް ފޮނުވާނުލާނޭ ކަމުގެ ޔަގީންކަން އިންޑިޔާ ހައި ކޮމިޝަނުން އަޅުގަނޑު ހޯދީމެވެ. މިކަން ވީ ކުރުން މުހިއްމު ކަމަކަށެވެ. އެހެނީ، 1988 ވަނަ އަހަރު ރައީސް މައުމޫނާ ދެކޮޅަށް ދިން އުދުވާނީ ހަމަލާއިން އޭނާ ސަލާމަތްކުރުމަށް ހަތިޔާރުގެ އެހީ ފޯރުކޮށްދިނީ އިންޑިޔާއިން ކަމަށް ވީތީއެވެ. މިއަދާ ހަމައަށް މި ދެގައުމުގެ ދެމެދުގައި “ޚާއްސަ ގުޅުމެއް” ގާއިމްވެ އޮތްކަމަށް ބެލެވެއެވެ. ހައި ކޮމިޝަނުން އަޅުގަނޑަށް ތައާފަރްކޮށްދެއްވީ ޕްރޮފެސަރ ސޫރިޔަ ނަރާޔަނަށެވެ. އޭނާ އަކީ މެޑްރާސް ޔުނިވާސިޓީގެ ދެކުނު އޭޝިޔާ ޑިޕާރޓްމަންޓް ގެ ޓީޗަރެކެވެ.
22- ސޫރިޔަ ނާރާޔަން އާ ގުޅޭނޭ އެޑްރެހާއި ނަންބަރު އަޅުގަނޑަށް ދިނީ ކީއްވެކަން އަޅުގަނޑަށް އެވަގުތު ސާފެއްނުވިއެވެ. އެހެނަސް، މެޑްރާސަށް ދެވުމާއެކު އަޅުގަނޑު އޭނާއާ ބައްދަލުކުރީމެވެ. ޕްރިފެސަރ ނާރާޔަނާ ގުޅުން ގާއިމްކޮށް ބޭއްވީމެވެ. ދިވެހިރާއްޖޭގެ ސިޔާސި މަސްރަހު ހުރިނެތްގޮތާމެދު އަޅުގަނޑާ އެތައް ސުވާލެއްކޮށް، އަޅުގަނޑުގެ ޖަވާބުތަކުން ގާތްގަނޑަކަށް 8 ނޯޓުފޮތް ފުރާ ޕްރޮފެސަރ ނަރާޔަން ނޯޓު ލިޔުނެވެ. އަޅުގަނޑު ދިން މި މައުލުމާތަށް ހެދިނުހެދިއެއް އަޅުގަނޑަކަށް ނޭނގެއެވެ. އެހެނަސް، އެކަށީގެންނުވާ ކަމަށް ބެލެވޭފަދަ ސުވާލެއް އެހުމުގެ ފުރުސަތު އަޅުގަނޑު ނުހޯދަމެވެ. އެއީ، އިންޑިޔާގެ ކަމާބެހޭ ފަރާތްތަކުގެ ތާއީދަށް އަޅުގަނޑު ބޭނުންވެފައި ހުރުމުގެ ސަބަބުންނެވެ. މެޑްރާސް ގައި އަޅުގަނޑު ދެމަސްދުވަހު ހުރީމެވެ. މިމުއްދަތުގެ ތެރޭގައި ހަވީރު ނޫހުން އަޅުގަނޑަށް ދެ ފޯނުކޯލް ކުރިއެވެ. އަޅުގަނޑު ރާއްޖެ އަނބުރާ އަންނަ ދުވަހެއް ހޯދުމަށެވެ. މިސުވާލު ކުރެވި ދިއައީ ރަސްމީ ސިފަޖެހިކަމަށް ވީނަމަވެސް އޭގެ ފަހަތުގައި އޮތް އިންޒާރު ވަރަށް ސާފެވެ. އަޅުގަނޑު އިތުރު ވަގުތު ހޯދީ އަޅުގަނޑުގެ ސިއްހީ ފަރުވާ އަދިވެސް ކުރިއަށް ދަނީކަމަށް ބުނެއެވެ. އަދި، ފަރުވާ ފުރިހަމަވުމާއެކު އަނބުރާ ރާއްޖެ ދާނަންކަމަށް ބުނެއެވެ.
23- އެހެނަސް އޭގެ ކުޑަ ދުވަސްކޮޅެއް ފަހުން ހިނގި ހާދިސާއެއްގެ އަލީގައި ރައީސް މައުމޫނަށް އަޅުގަނޑުގެ އެހީ ގެ ބޭނުންތެރިކަން ކެނޑުނެވެ. އަދި، ހަވީރުން އަޅުގަނޑަށް ކުރި ފޯނުކޯލްތައް ހުއްޓުމަކަށް އައެވެ. އިންތިޚާބުގެ ކެމްޕޭންތެރޭގައި ރައީސް މައުމޫނުގެ ވެރިކަމަށް ގޮންޖަހާލެވޭ މިންވަރަށް ރައްޔިތުންގެ މަޖިލީހުން ވޯޓު އިލްޔާސް ގަންފައިވާކަން ހާމަވިއެވެ. އެހެންކަމުން އިލްޔާސް ހައްޔަރުކުރިއެވެ. އަދި، ބަންދު ނޫނީ ބޭރުގައުމަކަށް އަރުވާލެވުމާ މެދު އެއް ގޮތް އިޚްތިޔާރު ކުރުމަށް އިލްޔާހަށް އެންގިއެވެ. އިލްޔާސް އިނގިރޭސި ވިލާތަށް ފުރިއެވެ. އަދި، އިލްޔާހަށް ވިއްކާލި ވޯޓުކޮޅު ރައީސް މައުމޫނު ޖެހުނީ އަނބުރާ ގަންނާށެވެ. ރައްޔިތުންގެ މަޖިލީހުގެ ތެރެއަށް ޚިޔާނާތްތެރިކަން ވެއްދީ ރައީސް މައުމޫނެވެ. އެޚިޔާނާތުގެ ހިޔާވަހީގައި ރައީސް މައުމޫނުގެ މުއްފަތުން ދިރިދެމިތިބި މެންބަރުންގެ ސަބަބުން ރައީސް މައުމޫނުގެ ވެރިކަމަށް މަރު އެތިފަހަރު ދޭން ކައިރި ކުރިކަމީ އަޅުގަނޑަށް ވި ހެއްވާކަމަކަށެވެ. ހަމަ އެއާއެކު މިހާދިސާ ވީ އަޅުގަނޑުމެންގެ ސަރުކާރުގެ ޚިޔާނާތްތެރި ހަރާންކޯރު ކަމުގެ އިތުރު ނިޝާނަކަށެވެ.
24. ދިވެހިރާއްޖެއާއި އިންޑިޔާއާ ދެމެދު އޮންނަ ޚާއްސަ ގުޅުމުގެ ސަބަބުން ދިވެހިރާއްޖޭގެ ސަރުކާރުން ބޭނުންވާ ގޮތާ ޚިލާފަށް އަޅުގަނޑަށް ދިގުމުއްދަކަށް އިންޑިޔާގައި ހުރެވުން ވާނީ އުނދަގޫކަމަކަށް ކަމަށް އަޅުގަނޑު ގާތު އޭނާ ގެންގުޅުއްވާ ނުސީދާގޮތަށް ވިދާޅުވީ ޕްރޮފެސަރ ނާރާޔަނެވެ. އިންޑިޔާގައި އަޅުގަނޑު ހުރުމުގެ ފުރުސަތުތައް ފަނޑުވަމުން ދިއުމާގުޅިގެން އަޅުގަނޑުގެ އާއިލާ ކިބައިން އަޅުގަނޑު އެދުނީ ދެކުނު އޭޝިޔާ ދޫކޮށް ދިއުމަށްޓަކައި ބޭނުންވާނޭ ފައިސާ އަޅުގަނޑަށް ފޯރުކޮށްދިނުމަށެވެ. މިފައިސާ އަޅުގަނޑާ ހަމައަށް ވާސިލްކޮށްދިނީ އިންޑިޔާގައި ހުރި އާއިލީ ރަހްމަތްތެރިއެއް މެދުވެރިކޮށް، ސިއްރުންނެވެ. އަޅުގަނޑާ އިނގިރޭސި ވިލާތާ ހުރި ގާތްގުޅުމާއި އެގައުމަށް އަޅުގަނޑު ފަރިތަވެފައި ވުމާ ގުޅިގެން 1994 ވަނަ އަހަރުގެ އޯގަސްޓް މަހު އަޅުގަނޑު އިނގިރޭސި ވިލާތަށް ދަތުރުކުރީމެވެ. އަޅުގަނޑު އެރަށަށް އެރީ ޓޫރިސްޓް ވިސާއެއްގައެވެ. ކޮންމެ ދިވެއްސަކަށްމެ 6 މަސްދުވަހުގެ ޓޫރިސްޓް ވިސާއެއް ލިބެއެވެ.
25. އެމަހުގެ ތެރޭގައި އިނގިރޭސި ވިލާތުގައި ހުރެގެން ދިވެހިރާއްޖޭގެ ރިޔާސީ އިންތިޚާބު އޮތް ދުވަހު އަޅުގަނޑު ބީބީސީ ވޯލްޑް ޓުޑޭއަށް ބަސްދީގަތުމެއް ދިނީމެވެ. އެބަސްދީގަތުމުގައި އަޅުގަނޑު އަލިއަޅުވާލީ ވެރިކަމުގައި ދެމިހުރުމަށްޓަކައި އިންސާނީހައްގުތަކާ ޚިލާފަށް ރައީސް މައުމޫނު ކޮށްފައިވާ ޢަމަލުތަކުގެ މައްޗަށާއި، ރައްޔިތުންގެ ފައިސާއިން ރައީސް މައުމޫނު ކުރައްވާ ޚިޔާނާތްތެރި ޚަރަދުތަކުގެ މައްޗަށެވެ. އަޅުގަނޑުގެ މިދަތުރުގައި ހެމިޝް ހެމިލްޓަން ހިޔުމަން ރައިޓްސް އިނާމު އަޅުގަނޑަށް ލިބިފައިވެއެވެ. އަދި، ދުނިޔޭގެ އެކިއެކި ކަންކޮޅުތަކުގައި ނޫސްވެރިކަމުގެ މިނިވަންކަމަށް މަސައްކަތް ކުރާ މީޑިޔާ ގްރޫޕެއްކަމަށްވާ އިންޓަނޭޝަނަލް ޕެން ގެ ޝަރަފްވެރި މެންބަރެއްގެ މަގާމު އަޅުގަނޑަށް ލިބިފައިވެއެވެ. އަދި، އެމްނެސްޓީ އިންޓަނޭޝަނަލް ގެ ދައުވަތަކަށް އެފަރާތުގެ ގެސްޓް ސްޕީކަރ އެއްގެގޮތުގައި އަޅުގަނޑު ތަގުރީރުކުރީމެވެ.
26. އިނގިރޭސި ވިލާތުގައި ހަތަރު މަސް ހޭދަކުރުމަށްފަހު، އަޅުގަނޑު އަނބުރާ ސްރީލަންކާގެ ކޮލަމްބޯއަށް ދިއައީމެވެ. އަދި، “ދަ އައިލަންޑް” ނޫހުގެ ނޫސްވެރިއެއްގެ ވަޒީފާގައި މަސައްކަތް ކުރާން ފެށީމެވެ. އަޅުގަނޑު ލިޔަމުން ގެންދިއައީ ހަފްތާ އަކު އެއް ފަހަރު ޝާއިއުކުރާ ކޮލަމެކެވެ. އޭގައި އަޅުގަނޑު އެންމެ އިސްކޮށް ފޯކަސްކުރީ ވެރިކަން ހިންގުމާބެހޭ މައްސަލަތަކަށާއި، އިންސާނީ ހައްގުތަކާބެހޭ މައްސަލަތަކުގެ މައްޗަށެވެ.
27. އެދުވަސްވަރު ކޮލަމްބޯގެ މަސްރަހު ވަރަށްވެސް ކުލަގަދައެވެ. ގައުމިއްޔަތު ގެ ހަރަކާތެއްގެ ބައެއްގެ ގޮތުގައި ބިރުދެއްކުމުގެ ކެމްޕޭނެއް ޖޭވީޕީން ކޮލޮމްބޯގައި ކުރިއަށްގެންދިއައެވެ. ޖޭވީޕީ އަށް ފާޑުކިޔާ ނުވަތަ ފައުޅުކޮށް އެމީހުންނަށް ތާއީދު ނުކުރާ ގްރޫޕުތަކާއި ޖަމިއްޔާތަކަށް ބިރުދެއްކުމުގެ ހަރަކާތެކެވެ. “ދަ އައިލަންޑް” ނޫހުގެ އެޑިޓަރ ވިކްރަމް ރަނަސިންގްހަ އަށް ބޮމުގެ ހަމަލާއެއް ދިނެވެ. އަދި، އޭނާ ސަލާމަތްވީ ހަމަ ކިރިޔާއެވެ. “ދަ ސަންޑޭ އައިލަންޑް” ގެ އެޑިޓަރ ގާމިނީ ވީރަކޫން އުޅުއްވަން ޖެހިވަޑައިގަތީ ފިއްލަވައިގެނެވެ. ގާމިނީއަކީ އަޅުގަނޑު އޭނާއަށް ވަރަށް އިހްތިރާމް ކުރާ، އަޅުގަނޑުގެ ވަރަށް ގާތް ބޭފުޅެކެވެ. އަދި، ސިޔާސީ މައިދާންތަކުގައި އަޅުނޑުމެން ދެމީހުންގެ ގުޅުން ގާއިމްވެފައިވެއެވެ.
28. މިއީ އަޅުގަނޑަށް އުނދަގޫ މަސްރަހަކަށް ވިއެވެ. އެވަގުތު އަޅުގަނޑު ސްރީލަންކާގައި ހުރީ ވީސާއެއް ވޯރކްޕާމިޓެއް ނެތިއެވެ. އަދި، އެގައުމުގައި އަޅުގަނޑުގެ މަދަދުވެރިންގެ ގޮތުގައި އެންމެ އިސްކޮށް ގުޅިފައިވަނީ މިދެބޭފުޅުންނާއެވެ. އެގައުމުގައި އަޅުގަނޑު ހުރުމުގެ ގާނޫނީ ސައްހަކަން އާންމު ގޮތެއްގައި ކަށަވަރުކޮށްދެއްވަމުން އައީ މިދެބޭފުޅުންނެވެ. މީގެ އިތުރުން، އަޅުގަނޑު ވަޒީފާއިން ވަކިކުރުމަށް ބުނެ ދިވެހިރާއްޖޭގެ ސަރުކާރުން އެވަގުތު އައިލަންޑް ނޫހަށް ލިޔަމުން ގެންދިއައެވެ. އަދި، އަޅުގަނޑަށް ޝައްކުވާގޮތުގައި އެނޫސް ކޮންޓްރޯލް ކުރާ އައިލަންޑް ގްރޫޕުގެ މެނޭޖިންގ ޑައިރެކްޓަރ ޖޭމްސް ލެންރޯލަށް ދިވެހި ސަރުކާރުން ރިޝްވަތުދޭން މަސައްކަތް ކުރުވިއެވެ. ނުވަތަ ރިޝްވަތުދިނެވެ.
29. އަޅުގަނޑުގެ ހާލަތު އިތުރަށް ނާޒުކުވީ، އަޅުގަނޑާއެކު މަސައްކަތް ކުރާ މީހަކާ ބައްދަލުކުރާން މެންދުރުގެ ވަގުތެއްގައި ދަތުރުކޮށްފައި ދަނިކޮށް، މޯލްޑިވިއަން ނެޝަނަލް ސެކިޔުރިޓީ ސާވިސަސް (އެންއެސްއެސް) ގެ ދެ ސިފައިގެ މީހުން އަޅުގަނޑާ ކުރިމަތިލީފަހުންނެވެ. އެމީހުން އަޅުގަނޑު ގެންގޮސް އެތާހުރި އިމާރާތެއްގެ ފާރަކާލާ ހިއްޕާލާފައި އަޅުގަނޑު ގާތު ބުނީ އަޅުގަނޑަށް އެންމެ ރަނގަޅު ގޮތަކަށް ވާނީ ދިވެހިރާއްޖެއަށް އަނބުރާ ގޮސް، މަޑުން ހުރުން ކަމަށެވެ. އަދި، އަޅުގަނޑުގެ އަމިއްލަ އިޚްތިޔާރުގައި ރާއްޖެއަށް ނުގޮސްފިނަމަ، އަޅުގަނޑު ދެން ގެންދެވޭނީ މަރުވެފައި އޮންނަ މަސްގަނޑުލާ ފަދަ “ބޮޑީ ބޭގެއް” ގައި އެމީހުންނާއެކުކަމަށެވެ. ޖެހިގެން އައި ދުވަހު އަޅުގަނޑު ސިންގަޕޫރަށް ފުރީމެވެ. އަދި، ރައީސް މައުމޫނަށް ގުޅައި އަމާންދިނުމުގެ ހުށަހެޅުމެއް ކޮންމެވެސް ޒާތެއްގައި ހުށަހެޅީމެވެ. ކަންކަން ވެދިޔަ ގޮތުން އަޅުގަނޑު ހުރީ ވަރަށް ބިރު ގައިންފައެވެ. އަދި، މިފަދަ ހާލަތެއްގައި ކަންކަން ބަދަލުކުރުމަށް އަޅުގަނޑު އަތުއޮތް ބާރު ވަރަށް ހަނިކަމަށް އަޅުގަނޑަށް ގަބޫލުކުރެވުނެވެ.
30. ސްރީލަންކާގެ ސިޔާސީ މަސްރަހު ހައްދުން ނައްޓައިގެން ގޮސްފައިވެއެވެ. ބޭރު ގައުމެއްގައި ރައީސް މައުމޫނު އަޅުގަނޑަށް ސާފު އިންޒާރު ދީފައިވެއެވެ. އެއްވެސް ޒާތެއްގެ ރައްކާތެރިކަމެއް ފޯރުކޮށްދޭނޭ ހަމަ އެކަކު އަތްދަށަކު ނެތެވެ. މީގެ ކުރީ ފަހަރެއްގައި ރައީސް މައުމޫނު އަޅުގަނޑު ގާތު ވިދާޅުވީ ހަމަޖެހޭ ދިރިއުޅުމަކައިގެން ކުރިއަށް ދިއުމަށެވެ. އަދި، އޭނާގެ ވެރިކަމުގެ ދަށުގައި ތިބިކަމަށް އޭނާ ދެކޭ މުޖުތަމައުގެ ބޭރުގައި ނުހުރުމަށެވެ. އެހެންކަމުން، އަޅުގަނޑު ރައީސް މައުމޫނަށް ގުޅީމެވެ. އަދި، ދެންނެވީ އަޅުގަނޑު މީހަކާ ކައިވެނިކޮށް، ދިރިއުޅުމެއް ފަށާން ގަސްތުކުރާކަމަށެވެ. އަދި، ރައީސް މައުމޫނުގެ ވެރިކަމަށް ފާޑުކިޔުމުގެ ބަދަލުގައި ދިރިއުޅުމެއް ފެށުމަށްޓަކައި ދިވެހިރާއްޖެއަށް އަނބުރާ ދިއުމަށް އަޅުގަނޑު އެދޭކަމަށެވެ.
31. އަދި، އަޅުގަނޑު އެކަން އެގޮތަށް ކުރީމެވެ. އަޅުގަނޑު ކައިވެނިކުރީ ލައިލާ އަލީއާއެވެ. އަޅުގަނޑުގެ ސިޔާސީ ލިޔުންތައް އަޅުގަނޑު ހުއްޓާލީމެވެ. އަދި، އިންޓަރ-ޕްރެސް ސަރވިސް (އައިޕީއެސް) އަށް ލިޔާން އަޅުގަނޑު ފެށީމެވެ. އަޅުގަނޑު ލިޔުނީ ސިޔާސީ ކަންކަމާ ދުރު ތިމާވެށި ފަދަ ކަންކަމުގެ މައްޗަށެވެ. އަދި، ދިވެހިރާއްޖޭގެ އެތައް އަމިއްލަ ކުންފުންޏެއްގެ “ފީޒިބިލިޓީ” ހެދުމުގެ މަސައްކަތް އަޅުގަނޑަށް ލިބުނެވެ.
32. އެހެނަސް، ސިޔާސީ ލިޔުންތެރިކަމުން ދުރުވެ ހުރި ދުރުވެ ހުރުމާއި، ރައީސް މައުމޫނަށް ވެފައިވާ ވައުދު މުގުރިގެން ދިއައީ، އޮކްޓޯބަރ 1994 ވަނަ އަހަރު “މޯލްޑިވިއަން ޕީޕަލްސް ޕާޓީ” ކިޔާ ސިޔާސީ ޕާޓީއެއް ރަޖިސްޓްރީ ކުރުމަށް މަސައްކަތްކުރި ސިޔާސީ ޝަޚްސު، އަދި ލިޔުންތެރިކަމުގެ އިސްފަތީގައި ތިއްބެވި ތާރީޚުގެ މުއައްރިޚުން ގެ 4 ބޭފުޅުން ބަންދުކުރުމާގުޅިގެންނެވެ. މިބޭފުޅުންނަކީ، ބަހާއި ތާރީޚަށް ޚިދުމަތްކުރާ ގައުމީ މަރުކަޒުގެ ލިޔުންތެރިޔާ އަދި ޚާއްސަ މުޝީރު މުހައްމަދު ލަތީފާއި، ލިޔުންތެރިޔާ އަދި ޚާއްސަ މުޝީރު އަހްމަދު ޝަފީގާއި، މާލޭ މުނިސިޕަލް ކައުންސިލްގެ ރައީސް އަދި ކުރީގެ މާލޭ މެންބަރ އަދި ރާއްޖޭގައި ހުރި އެންމެ އިސް ތާރީޚުލިޔުންރެރިޔާ (ކޮލި) ހަސަން އަހްމަދު މަނިކެވެ. މިޕާޓީ ރަޖިސްޓްރީ ކުރުމަށް ސޮއިކުރި މީހުންގެ ތެރޭގައި އަޅުގަނޑުވެސް ހިމެނުނީމެވެ.
33. ސިޔާސީ ޕާޓީ އުފެއްދުމަށް ހުރަސްއަޅާ އެއްވެސް ކަމެއް ނެތް ކަމަށާއި، އެކަން ނުވެ އޮތީ ސިޔާސީ ޕާޓީއެއް ރަޖިސްޓްރީ ކުރުމަށް އެއްވެސް ފަރާތަކުން ހުށަހަޅާފައި ނުވާތީކަމަށް، އޭގެ ކުރިން އެތައް ފަހަރެއްގެ މަތީން ރައީސް މައުމޫނު ވިދާޅުވެފައިވެއެވެ. ރާއްޖޭގެ އެތެރެއާއި ބޭރުގެ ފާޑުކިޔުންތެރީންނަށް ރާއްޖޭގައި ސިޔާސީ އިދިކޮޅު ޕާޓީއެއް ނެތް ސަބަބު ކިޔައިދޭން ބޭނުންކޮށްފައިވާ ވާހަކައަކީ މިއީ ކަން ސާފުވެއެވެ. އެހެނަސް، ސިޔާސީ ޕާޓީ ރަޖިސްޓްރީ ކުރުމަށް ހުށަހެޅި ހުށަހެޅުމަށް ރައީސް މައުމޫނު ކުރި އިންކާރު ވެގެންދިއައީ އޭނާގެ މަގާމުގެ ފުލޯކުކަމަށް އަލިއަޅުވާލެވިގެން ދިޔަ މައްސަލައަކަށެވެ. އެހެނަސް، އެފަހަރު ރައީސް މައުމޫނު ވިދާޅުވީ ސިޔާސީ ޕާޓީގެ ހުށަހެޅުމަށް އިންކާރުކުރެވުނީ ގާނޫނުއަސާސީން އެކަމަށް ޖާގަނުދޭތީކަމަށެވެ.
34. ޕާޓީ ރަޖިސްޓްރީ ކުރުމަށް ހުށަހެޅި ބޭފުޅުން ބަންދުކުރީ، ޕާޓީ ހެދުމުގެ މައްސަލައިގައި އެކިފަހަރުމަތިން އެކި ގޮތަށް އެކި އެއްޗެހި ރައީސް މައުމޫނު ވިދާޅުވެފައި ހުރި ހުރުން ފާހަގަކޮށް، ޕާޓީ ރަޖިސްޓްރީ ކުރުމަށް ހުށަހެޅި ހުށަހެޅުން އަނބުރާ ގެންދިއުމަށް އިންކާރުކުރުމުންނެވެ. މިބޭފުޅުން ބަންދުކުރީ މިބޭފުޅުންނަކީ ދިވެހިރާއްޖެއަށް މިނިވަންކަން ލިބުނު އެންމެ ކުރީ ދުވަސްވަރުގެ މަޝްހޫރު ހަރަކާތްތެރީންކަމާއި، އަދި އަޅުގަނޑުމެންގެ ގައުމުގެ ބާނީން ކަމުގައި މީހުން ދެކޭދެކުމަށް ފަރުވާލެއް ނުބަހައްޓައެވެ.
35. ރައީސް މައުމޫނުގެ މި ޚުދުމުޚްތާރު ފިޔަވަޅާ ދެކޮޅަށް އިހްތިޖާޖު ކުރުމުގެ ގޮތުން ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ހިނގާ ބެލެހެއްޓުމުގެ މަސައްކަތާ ހަވާލުވެ ހުންނެވި އިލެކްޝަންސް ކޮމިޝަނަރ އިސްތިއުފާދެއްވިއެވެ. މީގެ އިތުރުން މި ހަތަރު ބޭފުޅުން ހައްޔަރުކުރުމާ ބެހޭގޮތުން ނޫސްތަކުގައި އެއްވެސް އެއްޗެއް ލިޔެފައެއް ނުވެއެވެ. އެހެނަސް، އަޅުގަނޑަށް މިކަން ވީ ތަހައްމަލުކޮށްލައިގެން ހުރެވޭ ވަރަށް ވުރެ ބޮޑު މައްސަލައަކަށެވެ. ދިވެހިރާއްޖޭގެ ޑިމޮކްރެޓިކް ރިފޯމާއި އިންސާނީ ހައްގުތަކާމެދު ރައީސް މައުމޫނު ގެ ފޮނި ވާހަކަތަކަކީ ތާކުންތާކުނުޖެހޭ ފުލޯކެއްކަން އޭނާގެ މި ގޮތްކުޑަ ހަރަކާތުން ހާމަވިއެވެ. އެހެންކަމުން، ކަންހިނގި ގޮތް ވަރަށް ސާފު އިބާރާތުން ހާމަކުރާ ލިޔުމެއް އައިޕީއެސް އަށް އަޅުގަނޑު ލިޔުނީމެވެ. އަދި، އެލިޔުން ޝާއިރު ކުރުމުގެ ކުރިން ބައިނަލްއަގުވާމީ ނޫސްވެރިންގެ ކޮންފަރެންސެއްގައި ބައިވެރިވުމަށް އަޅުގަނޑު ނޭޕާލަށް ފުރީމެވެ. އަޅުގަނޑު ނޭޕާލުގައި ހުއްޓައި އަލުން އިންތިޚާބުވުމަށް މަސައްކަތް ކުރަމުން އައި ރައްޔިތުންގެ މަޖިލީހުގެ ދެ މެންބަރުން ކަމުގައިވާ މުހައްމަދު ޝިހާބާއި ހުސެއިން އަފީފް ބަންދުކުރިއެވެ. އަދި، ކޮންފަރެންސްގައި ބައިވެރިވި އެހެން ނޫސްވެރިންނަށް އަޅުގަނޑު މިކަން އަންގައިދިނީމެވެ. އެތަނުން ބައެއް ނޫސްވެރިން ބައިނަލްއަގުވާމީ ނޫސްތަކުގައި ޝިހާބާއި އަފީފްގެ ބަންދުގެ ވާހަކަ ޝާއިރުކުރިއެވެ.
36. 30 ނޮވެމްބަރ 1994 ގައި އަޅުގަނޑު ރާއްޖެ ހަމަ އައުމާއެކު އަޅުގަނޑު ބަންދުކުރިއެވެ. އަޅުގަނޑު ކުޑަގޮޅީގެ އެކަހަރި ބަންދުގައި ބޭންދީ އެންމެ ދެ ހަފްތާއަށެވެ. އެހެނަސް، އަޅުގަނޑުގެ ޕާސްޕޯޓު އެމީހުން ހިފެހެއްޓިއެވެ. އަޅުގަނޑު އެހާ އަވަހަށް ދޫކޮށްލި ސަބަބު އެހާ ސާފެއްނޫނެވެ. އެހެނަސް، އަޅުގަނޑަށް ޝައްކުކުރެވޭގޮތުގައި އެންމެ ކުރީ ފަހަރު އަޅުގަނޑު ބަންދުކުރުމުގެ ނަތީޖާއެއްގެގޮތުން ރައީސް މައުމޫނު ކުރިމަތިލާންޖެހުނު މައްސަލަތަކުގެ ސަބަބުން އޭނާ އަޅުގަނޑު ބަންދުގައި ބެހެއްޓުމާމެދު ޖެހިލުންވީއެވެ. ބައިނަލްއަގުވާމީ މުޖުތަމައުގެ ކުރިމަތީގައި ރައީސް މައުމޫނުގެ އިތުބާރު ވަރަށް ބޮޑުބައެއް ގެއްލިފައިވެއެވެ. ނަތީޖާއެއްގެގޮތުން ބައިނަލްއަގުވާމީ އެހީ ގެ އިތުރު ގުނައެއް ޝަރުތުކޮށްފައިވީ ކަނޑައެޅޭ ސިޔާސީ މިންގަނޑުތަކެއް ހިފެހެއްޓުމާއެވެ. ބައިނަލްއަގުވާމީ މުޖުތަމައު އިން އިތުރު ފާޑުކިޔުންތަކާއި އިތުރު ޝަރުތުތައް ރާއްޖޭގެ ސަރުކާރުގެ މައްޗަށް ކަނޑައެޅުން ހުއްޓުވުމަށްޓަކައި އަޅުގަނޑު އިތުރަށް ބަންދުކޮށްފައި ބެހެއްޓިނަމަ އެހުރި ސަބަބާމެދު ބޮޑެތި ދޮގުތަކެއް ފަރުމާކުރާން ރައީސް މައުމޫނަށް ޖެހުނީހެވެ.
37. އަޅުގަނޑުގެ ޕާސްޕޯޓް އަނބުރާ ހޯދުމަށްޓަކައި އަޅުގަނޑު އެންމެ ފުރަތަމަ އިލްތިމާސްކުރީ ޑިފެންސް މިނިސްޓްރީއަށެވެ. އެތަނުން ބުނީ އަޅުގަނޑުގެ ޕާސްޕޯޓު ވީ ޖިނާއީ ކޯޓުގައި ކަމަށެވެ. 27 ފެބްރުއަރީ 1995 ގައި އަޅުގަނޑު ޖިނާއީ ކޯޓަށް ގޮސް އަޅުގަނޑުގެ ޕާސްޕޯޓަށް އެދުނީމެވެ. އެމީހުން އެކަމަށް އިންކާރުކުރިއެވެ. އަދި، ބައިގަޑިއެއްހާއިރު އެތަނުގައި ހޭދަކުރުމަށްފަހު އަޅުގަނޑު ދިއައީ ގެއަށެވެ. ގޭގައި މާގިނައިރުތަކެއް ނުވަނީސް ސިފައިން އައިސް އަޅުގަނޑު ގެންދިއައީ އިތުރު ދެހަފްތާގެ ބަންދަކަށެވެ. އެމީހުން އަޅުގަނޑަށް ސާފުކޮށްދިނީ ރާއްޖެ ދޫކޮށް އަޅުގަނޑަށް ނުދެވޭނޭކަމެވެ. އަދި، އަޅުގަނޑު ލިޔާ ލިޔުންތައް ނުހުއްޓައިފިނަމަ އަޅުގަނޑު ގެ ބަންދުތައް އިތުރު ކުރެވޭނޭކަމަށް އެމީހުން އިންޒާރުދިނެވެ.
38. ބަންދުން ދޫކޮށްލުމުން އަޅުގަނޑު އައިޕީއެސް ގައި އަދާކުރި ވަޒީފާ ދޫކޮށްލީމެވެ. އަދި، ދިވެހި ބަހުން ފޮތް ލިޔާން ފެށީމެވެ. އަޅުގަނޑުގެ އެންމެ ފުރަތަމަ ފޮތް ޝާއިއުކުރީ 1996 ވަނަ އަހަރުއެވެ. ދަގަނޑު ދަހަނާ ކިޔާ މިފޮތަކީ ރާއްޖޭގެ ބޮޑުންގެ މެދުގައި ހިނގި ކޯޅުންގަނޑުގެ ނަތީޖާއެއްގެގޮތުން ރާއްޖެ އިނގިރޭސި ވިލާތުގެ ހިމާއަތުގެ ދަށަށް ދިއުމަށް މެދުވެރިވި ވާހަކަ ބަޔާންކުރާ ތާރީޚު ފޮތެކެވެ. އަދުގެ ސިޔާސަތާބެހޭ އެއްވެސް ވާހަކައެއް އެފޮތަކު ނުވެއެވެ. އެހެނަސް، އެފޮތަކީ ދައުލަތާ ޚިލާފް ޣައިރުގާނޫނީ ފޮތެއްކަމަށް ދެކި އެފޮތް ވިއްކުން އެޑިޔުކޭޝަން މިނިސްޓްރީން މަނާކުރިއެވެ. އަޅުގަނޑު މިކަމަށް އިންކާރުކުރީމެވެ. ރައްދުގައި އެމީހުން އަޅުގަނޑު ނޮވެމްބަރ 1994 ވަނަ އަހަރު ލިޔުނު ލިޔުންތަކުގެ މައްޗަށް ދައުވާއުފުލިއެވެ.
39. މިހިސާބުން އެމްނެސްޓީ އިންޓަނޭޝަނަލް އިން ޒަމީރުގެ ގައިދީއެއްގެ ގޮތުގައި އަޅުގަނޑު ބަލައިގަތެވެ. ރައީސް މައުމޫނު ގެ މި ވިސްނުންތެރިކަން ނެތް އަވަސް ފިޔަވަޅުގެ ސަބަބުން ރާއްޖެއަށް އެހީ ފޯރުކޮށްދޭ ބައިނަލްއަގުވާމީ މުޖުތަމައުގެ ފަރާތުން ރައީސް މައުމޫނަށް އަތުވެދާނޭ ނޭދެވޭ ރައްދެއްގެ ބިރު އިހްސާސްކުރެވުނީ ކަމަށް ވެދާނެއެވެ. ކޮންމެއަކަސް އޭނާ އަޅުގަނޑު ބަންދުގައި ހުއްޓާ އަޅުގަނޑަށް ލިޔުމަކުން އެންގީ އަޅުގަނޑުގެ މައްސަލަ އިސްތިއުނާފް ކުރެވިދާނޭކަމެވެ. އަޅުގަނޑުގެ ފޮތާދެކޮޅަށް އިހްތިޖާޖުކުރީ ރައީސް މައުމޫނުގެ އޮފީހުން ކަމުގައި ވީހިނދު ރައީސް މައުމޫނުގެ އަޅުގަނޑަށް ފޮނުވި މިސިޓީއަކީ އޭނާއަށް އެޅުނު ޅައެއްޗެއް އެނޫން ގޮތަކަށް ސިފަކޮށްދޭން ލިޔުނު ސިޓީއެއްކަމަށް އަޅުގަނޑަށް އަންދާޒާކުރެވެއެވެ. އެހެނަސް، ރައީސް މައުމޫނު ދިން ލަފާގެ މަތިން، އަޅުގަނޑު ބަންދުކުރެވުނުތާ ތިން މަސްފަހުން އަޅުގަނޑުގެ މައްސަލަ އިސްތިއުނާފަށް ހުށަހެޅީމެވެ. އަޅުގަނޑުގެ މައްސަލަ އިސްތިނާފު ކުރެވެމުން ދިޔައިރު އަޅުގަނޑު ބެހެއްޓީ ގޭ ބަންދުގައެވެ. އަޅުގަނޑުގެ މައްޗަށް ޖިނާއީ ކޯޓުން ކުރި ހުކުމް ހައިކޯޓުން އަނބުރާލިއެވެ. އަދި، އަޅުގަނޑުގެ މައްޗަށް ހަ މަސްދުވަހުގެ ހުކުމެއް އިއްވިއެވެ. އެއީ، އަޅުގަނޑު އޭރު ތަންފީޒުކޮށްފައިވި ތިން މަސް ހިމެނޭގޮތަށެވެ. އެހެންކަމުން، އިތުރު ތިން މަހަށް އަޅުގަނޑު އަނބުރާ ޖަލަށް ގެންދެވުނެވެ.
40. 1997 ވަނަ އަހަރުގެ ކުރީކޮޅު އަޅުގަނޑުގެ ހުކުމް ތަންފީޒުކޮށް ނިންމުމަށްފަހު އަޅުގަނޑު ގެ އަނބިމީހާ ގާތަށް ގެއަށް އަނބުރާ ދެވުނެވެ. އަޅުގަނޑުގެ އަނބިމީހާ ވޯލްޑް ހެލްތް އޯގަނައިޒޭޝަން ގެ ޕްރޮގްރާމް އޮފިސަރެއްގެ މަގާމުގައި ވަޒީފާ އަދާކުރަން އޭރު ފަށައިފިއެވެ. އަޅުގަނޑުމެންގެ ދަރިފުޅު ބެލެހެއްޓުމަށްޓަކައާއި އަޅުގަނޑުގެ ލިޔުމައިގެން ކުރިއަށް ދިއުމަށް އަޅުގަނޑު ގޭގައި މަޑުކޮށްލީމުއެވެ. މެރިޓައިމް ސްޓަޑީޒް އިން އަޅުގަނޑު އަތުއޮތް އިލްމީ ތަމްރީނު ބޭނުންކޮށްގެން ފީޒިބިލިޓީ ތަހްލީލުތަކުގެ އަމިއްލަ މަސައްކަތް ކުރަން ފެށީމެވެ. އަދި، “ހިތާއި ހިތުގެ ގުޅުން” ކިޔާ ލޯބީގެ ވާހަކައެއް އަޅުގަނޑު ލިޔުނީމެވެ. މިއީ ސިޔާސީ އެއްވެސް މިންވަރެއް ނުހުމެނޭ ފޮތެކެވެ. އަދި، އަޅުގަނޑުގެ ނަން އާންމު މައިދާނަށް އައުމަކީ ރައީސް މައުމޫނު ހިތާނުވާކަމެއް ކަން ޝައްކުވެގެން، އަޅުގަނޑުގެ އެފޮތް އަޅުގަނޑު ޝާއިއުކުރީ އެހެން ނަމެއްގެދަށުންނެވެ. ދިވެހިރާއްޖޭގައި އެފޮތް ވިކުނެވެ.
41. 1999 ވަނަ އަހަރުގެ އޮކްޓޯބަރ މަހު އިލިޔާސް އިބްރާހިމް އަޅުގަނޑަށް ގުޅައި، އަޅުގަނޑާ ބައްދަލުކުރާން އެދުނެވެ. ދިވެހިރާއްޖެއަކީ ވަރަށް ކުޑަ ގައުމެކެވެ. އަދި، ސިޔާސީ ހަތުރުންނާއެކު ވެސް މިފަދަ ގޮތަކަށް މުއާމަލާތް ހިންގާ ހެދުމަކީ އާންމު ކަމެކެވެ. ބައްދަލުކުރުމުގައި އިލިޔާސް އަޅުގަނޑަށް ވަޒީފާއެއް ހުށަހެޅިއެވެ. ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި މާލޭ މެންބަރުކަމުގެ ގޮނޑިއަށް އޭނާ ވާދަކުރައްވާ އިރު އޭނާގެ ކެމްޕޭން ގައި މަސައްކަތްކުރުމުގެ ވަޒީފާއެވެ. މިހުށަހެޅުމާމެދު އަޅުގަނޑު ވަރަށް ހައިރާންވިއެވެ. އަޅުގަނޑު އިލިޔާސް ދެކެ އަންނަ ރުޅީގެ ސަބަބުން އޭނާއަށް ގޮންޖަހާލުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއްކަމަށް ދެކި، އަޅުގަނޑު ބުނީ އިލިޔާހަށް ވަޒީފާއެއްގެ ފުރުސަތު ހުށަހެޅުމަށް އަޅުގަނޑު ބޭނުންކަމަށެވެ. އަޅުގަނޑު މާލޭ ގޮނޑިއަށް ކުރާ ކެމްޕޭނުގައި މަސައްކަތް ކުރުމުގެ ވަޒީފާކަމަށެވެ. އެހިނދާ ހަމައަށް ރައްޔިތުންގެ މަޖިލީހުގެ ގޮނޑިއަކަށް ވާދަކުރުމާމެދު އަޅުގަނޑު އެހާ ސާފުކޮށް ވިސްނާފައެއް ނުވެއެވެ. އެހެނަސް، އިލިޔާހުގެ ހަޔާތްކުޑަކަމުގެ ކުރިމަތީގައި އަޅުގަނޑުގެ ހައިބަތު ދައްކާލުން މުހިއްމުވިއެވެ. އިލިޔާސް ސައިޒަށް ކަނޑާލުމުގެ މަގްސަދުގެ އިތުރުން، އަޅުގަނޑުގެ އިދިކޮޅު ފިކުރިއްޔަތަށް އާންމުންގެ ތާއީދެއް ނެތްކަމަށް ރައީސް މައުމޫނު ކުރިން އަޅުގަނޑާ ދިމާއަށް ބުނެފައިވި ބަހުގެ ރައްދު ދޭން އަޅުގަނޑު ހުރީ ބޭނުންވެފައެވެ. ރާއްޖޭގެ އާބާދީގެ މެދުގައި އަޅުގަނޑުގެ އަޑަކީ ގުގުމާލާ އަޑެއް ނޫންކަމަށާއި، އަޅުގަނޑުގެ އަޑަކީ އެކަހެރި، އެކަނި އަޑެއްކަމަށް ރައީސް މައުމޫނު ވަނީ ވިދާޅުވެފައެވެ.
42. މިބައްދަލުވުމާ ހަމަ ވިދިގެން ފުލުހުން އަޅުގަނޑުގެ ގެ ރޭޑު ކުރިއެވެ. އަޅުގަނޑުގެ ކޮމްޕިއުޓަރާއި، ހުރިހާ ލިޔެކިޔުމަކާއި، އެވަގުތު އަދި ޝާއިއުނުކޮށް ހުރި އެތައް ލިޔުމެއް ފުލުހުން ގެންދިއައެވެ. މިދެންނެވި ލިޔުންތައް އަދިވެސް އަޅުގަނޑަށް އަނބުރާ ރައްދުކޮށްފައެއް ނުވެއެވެ. ކަން މިހިނގި ބީދައާމެދު އަޅުގަނޑު ކަންބޮޑުވެ، ހިތްނުތަނަވަސްވިއެވެ. އެހެނީ، އަޅުގަނޑުގެ ދަރިފުޅެއް އޭރު އޮތުމާއި، ސަލާމަތީ ބާރުތަކުން މަސައްކަތް ކުރަނީ ވެރިކަންކުރާ އާއިލާތަކުގެ ވަކިވަކި ފަރުދުންގެ ހިތްޕުޅަށް އެއިރަކު އަރާވަޑައިގަންނަވާ ހާ ގޮތަކަށް ކަމުން، ދެން ވާނޭ ގޮތް އަންދާޒާކުރުމަކީ މުސްތަހީލުކަމަކަށް އޮންނަނީ ވެފައިކަމުންނެވެ. ކޮމިޝަނަރ އޮފް އިލެކްޝަންސްގެ އޮފީހަށް އަޅުގަނޑު ގެންދެވުނެވެ. އޭނާ އަޅުގަނޑަށް ތުހުމަތުކުރެއްވީ އަޅުގަނޑަށް ވޯޓުލުމަށް މީހުންނަށް އިލްތިމާސްކޮށް ލުއިފޮތް އަޅުގަނޑު ލިޔެފައިވާކަމަށް ވިދާޅުވެއެވެ. އޭނާ އަޅުގަނޑަށް ހަނދުމަށްކޮށް އެރުވީ އެފަދަ ކަންކަން ކުރެވޭނީ އިންތިޚާބު އޮންނަ ދުވަހުގެ މަސްދުވަސް ކުރިން، އިންލެކްޝަންސް ކޮމިޝަނަރ އެތަކެތި ފާސްކުރެއްވުމަށް ފަހުކަމަށެވެ. އެފަދަ ޒާތުގެ ލުއިފޮތް ލިޔުނުކަމަށް އަޅުގަނޑު އިންކާރުކުރީމެވެ. އަދި، އެފަދަ ލުއިފޮތް ލިޔެފައި ހުރިކަމުގެ އެއްވެސް ހެއްކެއް ނެތީތީ އެމައްސަލަ ކުރިއަށް ގެންދެވިފައެއް ނުވެއެވެ. އެހެނަސް، މިތުހުމަތުގެ ނިވާފަތްގަނޑުގައި ތިބެ، އަޅުގަނޑަށް ބިރުދައްކައި، އަޅުގަނޑުގެ އެތައް ތަކެއްޗެއް އަތުލުމުގެ ހަރަކާތް ހިންގާން ސަބަބެއް އެމީހުންނަށް ލިބުނެވެ.
43. މާލެ ތަމްސީލުކުރުމަށް އަޅުގަނޑުގެ ކެމްޕޭނައިގެން އަޅުގަނޑު ކުރިއަށް ދިއައީމެވެ. އަދި، އަޅުގަނޑުގެ ކެމްޕޭން އޮފީހާއި އަޅުގަނޑުގެ ކެމްޕޭން މެނޭޖަރުންކަމުގައި ވި އަހްމަދު މައުސޫމާއި އަހްމަދު ނަސީރަށް އެތައް ގޯނާއެއް ކުރަމުން ގެންދިއައެވެ. އެހެނަސް، އަޅުގަނޑުމެންނަށް އިންތިޚާބު ކާމިޔާބުކުރެވުނެވެ. އަދި، ރައްޔިތުންގެ މަޖިލީހުގައި ތިއްބަވާ މާލޭ ގެ ދެ މެންބަރުންގެ ތެރެއިން އެކަކަށް އަޅުގަނޑު އިންތިޚާބުކުރެވުނެވެ. މާލޭގެ އަނެއް ގޮނޑި ކާމިޔާބުކުރެއްވީ އިލިޔާހެވެ.
44. ރައްޔިތުންގެ މަޖިލީހަށް އެތެރެވެވުމާ ގުޅިގެން އެންމެ ފުރަތަމަ އަޅުގަނޑު ހުށަހެޅީ މީހުން ހައްޔަރުކުރުމުގެ އިޖްރާއާތު އިސްލާހުކުރުމުގެ ބިލެވެ. އަޅުގަނޑު މިބިލު އެކުލަވާލީ އަޅުގަނޑުގެ އަމިއްލަ ތަޖްރިބާގެ އަލީގައެވެ. އަދި، އެބިލު ފަރުމާކުރީ ގޮތެއްފޮތެއް، އުސޫލެއް، ސަބަބެއްނެތި ޚުދުމުޚްތާރު ގޮތުގައި މީހުން ހައްޔަރުކުރުމަކީ ސަލާމަތީ ބާރުތަކަށް ނުކުރެވޭނޭ ކަމެއްގެ ގޮތުގައި ކަނޑައެޅުމުގެ މަގްސަދުގައެވެ. އެހެނަސް، މިފަދަ މިންގަނޑުތަކެއްގެ ދަށުން ސަލާމަތީ ބާރުތައް މަސައްކަތް ކުރާންވެއްޖެނަމަ، އެމީހުންގެ އަމިއްލަ ފައިދާއަށް އެމީހުންގެ އައުވާނުންގެގޮތުގައި ސަލާމަތީ ބާރުތައްލައްވާ ކުރުވާ މަސައްކަތަށް ހުރަސްއެޅޭނޭކަން ރައީސް މައުމޫނަށާއި ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި އޭނާގެ ސަޕޯޓަރުންނަށް ސާފުވެވަޑައިގަތެވެ. ބިލާމެދު ބަހުސްކުރާން ފެށުނުއިރު މަޖިލިސް އަޑުއެހުމަށް ހުންނަ އާންމުންގެ ގެލަރީ ހުރީ ފުރިބާރުވެފައިކަމުން ފުލުހުންނަށް އެންގީ ގެލަރީގައި ތިބި މީހުން ހައްޔަރުކުރުމަށެވެ. އަދި، ބަހުސްގެ ބާކީ އޮތް ބައި ކުރިއަށް ގެންދެވުނީ އާންމުނަށް ބަންދު މަޖިލީހެއްގެ ގޮތުގައެވެ.
45. ކަންމިހެން ވުމާއިއެކު، އެހެން މަޖިލިސް މެންބަރުންނާއި ބައެއް މިނިސްޓަރުންގެ ފަރާތުން އަޅުގަނޑަށް އިންޒާރުތައް އަންނާންފެށިއެވެ. މިބިލުގެ ސަބަބުން މާސިންގާ ހައްޔަރުކުރުންތަކެއް ކުރިމަތިވެ، ބިލަށް ތާއީދުކުރިއްޔާ ކުރިހާ ސިޔާސީ މީހުންނާއި އާންމުން، ހައްޔަރުކޮށްގެން ގެންދާނޭކަމަށް އެބޭފުޅުން ވިދާޅުވިއެވެ. މިއީ ހަގީގީ ބިރެއްކަން އަޅުގަނޑަށް ގަބޫލުކުރެވުނެވެ. އަދި، އަޅުގަނޑުގެ އަމިއްލަ ސަލާމަތް ނުރައްކަލުގެ ތެރެއަށް ވައްޓާލާން ތައްޔާރަށް ހުރުމާއި، މަޖިލިސް މެންބަރުންނާއި އާންމުން ހިމެނޭގޮތަށް އެތައް ބައިވަރު ސަޕޯޓަރުންނެއްގެ ސަލާމަތްކަން ނުރައްކަލުގެ ތެރެއަށް ވައްޓާލަން ތައްޔާރަށް ހުރުމަކީ ވަރަށް ތަފާތުބޮޑު ދެކަން ކަންވެސް އަޅުގަނޑަށް ވިސްނުނެވެ. ރައީސް މައުމޫނަށް ކުރައްވާން ނުކެރޭކަށް ކަމެއް ނޯންނާނޭކަން އަޅުގަނޑަށް ކަށަވަރެވެ. އެހެންކަމުން، ސަޕޯޓަރުންގެ ސަލާމަތަށްޓަކައި އަޅުގަނޑު އެބިލު އަނބުރާ ގެންދިއައީމެވެ. އަދި، މީގެ ބަދަލުގައި ބިލުގެ ފުރަތަމަ ރޭ ހައްޔަރުކުރި މީހުންގެ ތެރެއިން މަދުބަޔަކު ހައްޔަރުން ދޫކޮށްލިއެވެ.
46. މިނާކާމިޔާބީން އަޅުގަނޑަށް ދަސްވީ، އިންތިޒާމްކުރެވިގެން ނިކުންނަ ވަރުގަދަ އިދިކޮޅު ހަރަކާތެއްގެ ދަށުން މެނުވީ ސިޔާސީ ނިޒާމަށް ގެންނާންޖެހިފައިވާ އިސްލާހީ ބަދަލުތައް އަޅުގަނޑުމެނަށް ކާމިޔާބުނުކުރެވޭނޭ ކަމެވެ. ދޫދޫކޮށް، ގުޅިފައިވާ ފަރުދުންތަކެއްގެ ގޮތުގައި ހަރަކާތްތެރިވަމުން ގެންދިއުމަކީ އަޅުގަނޑުމެން ބަލިކަށިކުރުވައި، އަޅުގަނޑުމެން ވަރަށް ނާޒުކު ފައްތަރެއްގެ މަތީގައި ތިބުވާ މައްސަލައެއް ކަން އަޅުގަނޑަށް ވިސްނުނެވެ. މިބީދައިން ވިސްނާވައި، އިސްލާހުގެ ފިކުރި ހުރި އެހެނިހެން މަޖިލިސް މެންބަރުންގެ ޚިޔާލުވެސް ހުރީ މިރޮނގުންނެވެ. ބަދަލުގެނައުމުގެ ހަގީގީ ފުރުސަތު ލިބެންއޮތީ ސިޔާސީ ޕާޓީއެއް ގާއިމްކުރެވިގެން ކަން އެބޭފުޅުންވެސް ގަބޫލުކުރެއްވިއެވެ. އަދި، އަޅުގަނޑާއެކު 4 ރައްޔިތުންގެ މަޖިލިސް މެންބަރުންނާއި، ކުރީގެ ކެބިނެޓް މިނިސްޓަރަކާއި، ޗޭމްބަރ އޮފް ކޮމާރސް ގެ ރައީސްއާއި ނައިބު ރައީސް ހިމެނިވަޑައިގަންނަވާ ގޮތަށް 41 ދިވެހި ރައްޔިތުން، ފެބްރުއަރީ 2001 ގައި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ކިޔާ ސިޔާސީ ޕާޓީއެއް ރަޖިސްޓްރީކުރާން ހުށަހެޅީމުއެވެ. އަންދާޒާކުރެވުނު ގޮތާ އެއްގޮތަށް، އަޅުގަނޑުމެންގެ ހުށަހެޅުން ރައީސް މައުމޫނު އިންކާރުކުރެއްވިއެވެ.
47- އަދި ހަމައެއާއެކު ޕާޓީ ހުށަހެޅުމުގައި ސޮއިކުރެއްވި އެއް މެންބަރ އަބްދުއް ޝާކިރު ހައްޔަރުކުރުމަށް ރައީސް މައުމޫނު އެންގެވިއެވެ. މިކަން ކުރެއްވީ، ސަރުކާރުގެ ބަޖަޓުގެ ދެފުށްފެނުން އިތުރުކޮށްދިނުމަށް މަގުފަހިކޮށްދޭ ބިލެއް އަޅުގަނޑު ހުށަހަޅާފައިވާ ހިނދު، އެބިލަށް ތާއީދުކުރައްވާފައި އޮތީ ހަތިފުށީ ޝާކިރު ކަމުގައި ވުމުންނެވެ. ހަތިފުށީ ޝާކިރު ބަންދުގައި ބެހެއްޓީ އެއް ހަފްތާގެ މުއްދަތަށެވެ. އޭނާ ދޫކޮށްލުމާއެކު ބިލަށް ކުރެއްވި ތާއީދު އޭނާ އަނބުރާ ގެންދެވިއެވެ. މިމައްސަލާގައި އަޅުގަނޑު އޭނާއާ ބައްދަލުކުރުމުން އޭނާ ވިދާޅުވީ ތާއިދު އަބުރާ ނުގެންގޮސްފިނަމަ އޭނާ އަނބުރާ ޖަލަށް ގެންދެވޭނެކަމަށް އޭނާއަށް އިންޒާރުދީފައި އޮތްކަމަށެވެ

No comments:
Post a Comment