
(މިވާހަކަ ލިޔެފައިވަނީ ވަރަށް ކުރީގައި އިވުނު ގޮތަށް. ފަހަރުގައި މިއަށްވުރެ ގިނަ ރޭ އެތަނުން ވެލާ ކަހަނބު ފެނުމަކީވެސް ނުވެ ނުދާނެ ކަމެއް ނޫން.)
މުހުއްމާ ކަތީބާ (މުހުއްމާބެއްޔާ)ގެ ގެޔާއި ހުސީނާ އަބްދުއްސަމަދު (ހިއްލާބޭގެ ބައްޕާ) ގެ ގެޔާއި ދޭތެރޭގައި ހުންނަ ރޯޝަނީގޭ ގޯތި ތެރޭން ފެނުނު މަންޒަރުތަކެއްގެ ވާހަކަ އެވެ. އެއީ ކަޅުފޮއި ރެއެކެވެ. ދެއްވަދޫއަށް ކަރަންޓުގެ މާބޮޑު އަލިކަމެއް ނުލިބެއެވެ. ހަވީރު 6 ޖަހާއިރު ކަލޭފާނު ބެއްޔާ ޖަނެރޭޓަރު ސްޓާޓް ކުރުމަށްފަހު ރޭގަނޑު 12 ޖަހަންވާއިރަށް އެވެސް ނިއްވާލައެވެ. އެހެންކަމުން ކޮންމެ ގެއެއްގައިވެސް އަލިފާނުން ދިއްލާފައި އެހުންނަ "ހުޅުބައްތި" ބޭނުންކުރެއެވެ.
އަހަންނަކީ ސީދާ ދެއްވަދޫ މީހަކަށް ނުވިކަމުގައިވިޔަސް، ހަމީދުބޭ (އަލްމަރްހޫމް ރަނަހަމީދުބެ) އަށް ފެނުނު މަންޒަރުތަކާއި، ދެއްވަދޫ އިން އެދުވަސްވަރު ފެނުނު ބޮޑު ސިންގާ ކަހަނބު ވައްތަރުގެ ވެލައެއްގެ ވާހަކަ ތުންތުންމަތިން ތިބޭފުޅުންނަށްވެސް އަޑު އިވިފައި އޮތުމުން، ފަހަރުގައި އަހަރެން ލިޔާއިރު އެއިވުނު ވާހަކަތަކާއި އެމީހުންގެ ތަޖުރިބާގެ ވާހަކަ ލިޔާއިރު މުހިއްމު ބައެއްް މަންޒަރުތަކުގެ ވާހަކަތައް ނުލިޔެވި ހުރެދާނެއެވެ. އަޅުގަނޑު މިބަލަނީ ހަނދާން ހުރި ވަރުން ދާއްޔާގެ ކިޔުންތެރިންނާއި ވިގަނީގެ ދުލުން ނޫނަސް، މިވާހަކަތައް ހިއްސާކޮށްލެވޭތޯއެވެ. ދާއްޔާއަކީ ވިގަނިގެ ދޫ ކަމަށް ބަލާ..!!
..... ގަޑިން ދަންވަރު 2 ޖެހީއެވެ. ތަންކޮޅެއް އަވަހަށް އެން ދަމައިގެން މަހަށް ފުރަން ޖެހޭތީ އަބްދުއްސަމަދުބޭ (ހުދުފިނިފެންމާގެ) އޭނާގެ ގެއިން ނުކުމެގެން އެމް އޭ 3 (އެމް.އޭ 3 އަކީ އަނީސްބޭ/ކުރީގެ ކަތީބު ދޯނިޔާ) ކުން މަހަށް ދާ މީހުންގެ ގެތަކަށް ދާން ތައްޔާރުވަނީއެވެ.
ސަމަދުބޭ: "ފާތުމާދިޔޭ.. ފާތުމާދިޔޭ.. ތެދެވެހޭ ދެން. މަވަށްޓާ ތައްޔާރެކޮށްލެންނެ. އައި ތިޔަން މީހެންނެޓެ ގޮވޭލެއި" މިހެން ބުނެފަ ސަމަދުބޭ އޭނާގެ އަތަށް ހެޔޮވަރުގެ ޢާންމުކޮށް އެގެންގުޅޭ ޓޯޗު ހިފައިގެން ދޯނީގެ ފަޅުވެރިންނަށް ގޮވަން ހިނގައިގަތެވެ. އިރުމަތީކޮޅު ނިންމާފައި އެނބުރި ގެއަށް އައީ އާކުރުބެއްޔާގެ މަގުން ތުއްތުބެއްޔާގެ ގޭ ދޮރުމަތިން ލާފައެވެ. ސަމަދުބޭގެ ހިނގުން އޭރު ވަރަށް ހަލުވިވެސް ވާނެއެވެ. މަޖުދީ ނަގާލާފައި އެންމެ ބާރަށް ހިނގާނީ އޭނާއެވެ.
ވަރަށް ހަމަޖެހިލައިގެން އެޗުކާމެންގެ (ފޫޅުމާގެ) ކައިރިން ހަނިމަގަށް އަޅާލައި ހަބީބާމެންގޭ ކައިރިން ކަނާތަށް ގޯޅި އަޅަން ހިތާ ސަމަދުބެ ހިތަށް އެރިއެވެ. "ނޫން. މިރޭ ދާނީ ހުރި ސީދަލަށް ބޮޑުމަގަށް އަރަން...މަހަށް ފުރަން ފެން ބަލާ މިސްކިތު ވަޅު ދޮށަށް ބަޔަކު އަންނަންޏާވެސް ފެންނާނީ އޭރުން" މިހެން ހިތާ ސަމަދުބެ ދިޔައީ ކުރިޔަށް ހިނގަމުންނެވެ. ގާތްގަނޑަކަށް އޭރު 3 ޖެހުމާ ކައިރިވަނީ އެވެ. އެއީ ވަރަށް ހަނި މަގެކެވެ. ކަތީބު މުހުއްމައިދީމެންގެ ގެއާ އަރާ ހަމަވިއިރު ތޫނު ތޫނު އެހެންނަމަވެސް ވަރަށް މަޑުމަޑުން ކޮންމެވެސް އެއްޗެއް ގޮވާ އަޑު ސަމަދުބެއަށް އިވެން ފަށައިފި އެވެ.
ސަމަދުބޭގެ ހިނގުމުގެ ދުވެއްޔަށް ކުޑަވަރެއްގެ ލޮޅުމެއް އައިސްފިއެވެ. ސަމަދުބެ އޭރު ކަރިމްބެއްޔާގެ ލުނބޯގަހާއި އަރާ ހަމަވިތަނާއެވެ. އެލުނބޯގަހުން ނައްޓާލާއިރު އައްލީމެންގެ ގެއާއި ދިމާލުން ހުޅަނގު ފަރާތުން އެއިވުނު އަޑު ކުއްލިޔަކަށް ބާރުވެއްޖެއެވެ.
ސަމަދުބެ ހިތާހިތާ ބުންޏެވެ. ....ހުކުޑު ފިލެޔާޓޭ ވެންނު.... (ހުކުޑު ފިލެޔާ އަކީ ކުޑަވަރެއްގެ ކުކުޅު ފިޔޮކެއްހެން ސޫރަ ގެނެސްގެން އުޅޭ ފުރޭތަ އެކޭ ބުނެއުޅެއެވެ.) ސަމަދުބެއަކީ ވަރަށް ގިނައިން ގުރުއާން ކިޔަވާ، ގުރުއާނުގެ ބޮޑު ބައެއް ހިތުދަސް މީހަކަށް ވުމުން، ހިތަށް އައިހާ ހެޔޮ އެއްޗެއް ކިޔަން ފަށައިފި އެވެ. އައްލީމެންގެ ގެއިން ނުނެއްޓެނީސް ދެން އިވުނީ އެއަޑު ކެނޑި ދިގު ރުކެއް ކަނޑައި ބިންމައްޗަށް ވައްޓާލި ކަހަލަ ބާރު އަޑެކެވެ. ސަމަދުބެ ކޮންމެވެސް ވަރަކަށް ޖެހިލުންވެސް ވިއެވެ. އަދި އެއީ ނާމާންކަމެއް ކަން އެނގި ފަސްއެނބުރި ނުބަލައި ސަމަދުބެ ބާރުބާރަށް ހިނގާފައިގޮސް މިސްކިތަށް ވަދެ 2 ރަކުޢަތް ނަމާދެއް ކުރުމަށްފަހު ގެއަށް ވަދެ އަނބިކަނބަލުން ފާތުމާދިޔެ ކައިރީ މިވާހަކަތައް ކިޔައިދިނެވެ.
ޖެހިގެން އައި ދުވަހު ރަށުތެރޭގައި މިވާހަކަ ފެތުރުނެވެ. އޭގެފަހުން ރޭގަނޑު 8 ޖެހުމުން އެއްވެސް މީހަކަށް ހަނިމަގުން ހިނގާކަށް ނުކުރެއެވެ. އެހެންނަމަވެސް ކޮންމެ ރެޔަކުވެސް ކަތީބު މުހުއްމެއިދި އަންހެނުންނާއި، ޖިހާދުގެ މަންމަ ދޮންދެއްތާއާއި، ޑޮލަރޭގެ މަންމަ ފަރީދެއްތާމެން އެމަގުން ދަތުރުކުރެއެވެ. މުހުއްމާ ކަތީބާގެ އަންހެނުން ވަޙީދާއަކީވެސް އެގްރޫޕް މީހެކެވެ. މިމީހުން ގިނަ ވަގުތު ހޭދަކުރަނީވެސް ރޯޝަނީގޭ ތެރޭގައެވެ.
ޖެހިގެން އައި ރެއެވެ. ވާރެގޭ އާމިންދެއްތާ (ރޯޝަނީގެ ހުރިހާ ދަރިންގެ މަންމަ) ވަރަށް ބައްޔެވެ. ސިލޯނުން އޮޕަރޭޝަން ކުރުމަށްފަހު ރަށަށް އެނބުރި އަތުވެއްޖެއެވެ. ރަށު ރައްޔިތުން ކޮންމެ ދުވަހަކުވެސް އެގޭތެރޭގައި ހޭލަމޭލައަށް އުޅެއެވެ. ރައްޔިތުން ވަރަށް އެކުލުންތެރިއެވެ. އެންމެންވެސް އެކަކު އަނެކަކަށް އެހާމެ ހެވެއެވެ. ދެކުނު އަވަށުގެ މާރިޔައްދައްތާމެން، ފަރިއްޓޭގެ މަންމަމެން ގްރޫޕް ހަދައިގެން ހަވީރު ރޯޝަނީގެ އަށް އާދެއެވެ. އޭރު އެގޭ މަރީ ހުންނަނީ މާލޭގައި ކިޔަވާށެވެ.
ރޯޝަނީ އާމިންދެއްތާގެ ބައްޔަކީ ކެންސަރު ކަމުގައި މީހުން ބުނެ އެވެ. ފުއްޕާމޭގެ ކެންސަރު ޖެހިފައި ހުރުމުގެ ސަބަބުން ކެއްސާ ކޮންމެ ފަހަރަކުވެސް ދެލޮނގާ ދިއްކޮށްލީމާ އެއަށް ލަނީ ހުސް ލެއެވެ. ހާޑުކޮށް ކުޅެއް ޖަހާލިޔަސް އަންނަނީ ލެއެވެ. ހޮޑުލިޔަސް އަންނަނީ ލެޔެވެ. ދުވާލަކަށް އެކަހަލަ އެތައް ލޭ ހޮޑާއި ލޭކުޅު އެހަށިގަނޑުން ބޭރުވެއެވެ. މިހުރިހާ އެއްޗެސްވެސް ހިފައިގެން ގޮސް ވަޅުލަނީ އެގޭ ގޯތިތެރޭގައި ހުންނަ ރުކެއްގެ ދަށުގައެވެ.
މާދަމާއަކީ ހުކުރު ދުވަސް ކަމުން މަސްވެރިންވެސް ވަރަށް އަވަހަށް މަހުން ލަފައިފިއެވެ. އެންމެ ރަނގަޅަށް މަސް ބޭނީ އަށާވީހާ (ދިގެމީހާ ދޯނިޔާ) އެވެ. އުނެސާޅީހާ މަހަށް ނުދިޔައީ ތަގުވާވެރިޔާ އޭނާގެ މަންމަ މާބޮޑަށް ބަލިވުމުން އެދުވަހު މަހަށް ނުގޮސްގެންނެވެ. ރޯޝަނީ މަންމަ އަކީ ތަގުވާވެރިޔާގެ މަންމަ އެވެ. ކަތީބުގެ ލަޤަބުން މަޝްހޫރުވެފައިވާ މުހުއްމާ ކަތީބާގެ ދޮށީ އަނބިކަނބަލުންނެވެ. މިހާރުގެ އަންހެނުން ވަޙީދާ ތާއަބަދު ހުނނަނީ ރޯޝަނީ އާމިނަތު ކައިރީ ޚިދުމަތުގައިކަންވެސް ފާހަގަ ކުރެވެއެވެ. ލޭތައް ވަޅުލައި ތަށިތައް ދޮވެ ސާފުކުރުމުގައެވެ. މަސްވެރިން އަވަހަށް މަހުން ލެފީމާ ރޯޝަނީގޭގައި ތިބި ވަރަށް ގިނަ އަންހެންވެރިން އެމީހުންގެ ގެތަކަށް ދާން ހިނގައިގަތެވެ.
މަރުޙޫމް ރަނާހަމީދު އަކީ ޢާންމުކޮށް ދަންވަރު ހޭލައި އުޅޭ މީހެކެވެ. ދަންވަރު 2، 3 ޖެހިކަމުގާވިޔަސް ވަލުތެރޭން، ރުއްގަނޑުތަކުން އޭނާ ހިނގައި އުޅެއެވެ. އިއްތިފާގުން މިރޭ އޭނާ ދިޔައީ އެއްކަލަ ހަނިމަގުންނެވެ.
ވަރަށް އަނދިރިއެވެ. ވަރަށް ކަޅުފޮއި އެހާމެ ނާމާންކަން ރަށުތެރެއަށް އޮތީ ވެރިވެފައެވެ. ރޯޝަނީގެކައިރިން ހަނިމަގުން ދަތުރުކުރާއިރު ކުރީރޭ ސަމަދުބެއްޔާއަށް އިވުނު އަޑު ހަމީދުބެއަށް އެބަ އިވެއެވެ. އެއަށްވުރެ ބާރަށެވެ. މިއަޑު ކައިރީގައި ތިބި އެހެން ގެތަކަށްވެސް އިވެއެވެ. ކަރިމްބެއްޔާމެންގެއަށާ ހުދުފިނިފެންމާގެއަށާ ޑޯރެންސީވިލާގޭގައި ނިދާފައި ތިބި މީހުންނަށްވެސް މިބުނާ ހުކުޑުފިލެޔާ ގޮވާ އަޑު އިވުނު ކަމަށް ވެއެވެ. ހަމީދުގެ ހިތަކަށް އެކައްޗެކޭވެސް ނާރައެވެ. އޭނާ ހުރީ މަގުގެ ދެކޮޅުގައި ހުރި ދެ ލުނބޯގަހާއި ދޭތެރޭގައެވެ. އެއް ގަހަކީ މުޅި ރަށުގައިވެސް ހުރި އެންމެ ވަރުގަދަޔަށް ހެދެމުން ދިޔަ އެންމެ ބޮޑެތި ލުނބޯއަޅާ ގަހެވެ. އެގަސް ހުންނަނީ ރޯޝަނީގޭ ކަންމަތީގައި އެގޭ ގިފިލި ތެރޭގައި ހަނިމަގަށް ވާގޮތަށެވެ. އަނެއް ގަސް ހުންނަނީ މުހުއްމާ ކަތިއްބެއްޔާގެ ބަދިގެއާ ދިމާލުން ކަރިމްބެއްޔޭގެ ގިފިލި ތެރޭގައި ހަނިމަގަށް ވާގޮތަށެވެ. މިދެމެދު ހަމީދު ހުއްޓާ މާސިންގާ ދިވެހި ރުކެއް ކަނޑައި ބިންމައްޗަށް ވައްޓާލިހެން ހީވެގެން އެދިމާލަށް ބެލިއިރު ކަމަކު ދާކަށް ނެތެވެ. ހަމީދުބެއަށް ފެންނަނީ ރޯޝަނީ އާމިންދެއްތާ ފާޚާނަ ކުރަން އިށީނދެގެން ހުންނަ ލަކުޑި ގޮނޑި ލޭތައް ވަޅުލާ ރުކުގެ ކައިރީގައި ހުއްޓައެވެ. އޭގެ މަތީގައި އޮތީ އާދަޔާ ޚިލާފު އެއްޗެކެވެ. ވައްތަރީ ކަހަނބު ފާޑުގެ ވެލަޔަކާއެވެ. ވެލާ މަޑުމަޑުން ގޮނޑިން ފައިބައިގެން ލޭ ވަޅުލާފައި ހުންނަ ތަނުގެ މަތީގައި އޮށޯވެއްޖެއެވެ. މިމަންޒަރު ބަލަން ކެތް ނުކުރެވިގެން، ބިރުން، ހަމީދުބެ ކުރިޔަށް އެންމެ ފިޔަވަޅެއްވެސް ނޭޅިއެވެ. އއޭނާ އަނބުރާލާފައި އައި ކޮޅަށް ދިޔައީ އެވެ. އޭގެފަހުން ކޮންމެ ރެޔަކުވެސް ދަންވަރު ގަޑީގައި އެބުނާ ހުކުޑު ފިލެޔާ ގޮވައެވެ. އޭތި ގޮވާ އަޑު ނީވޭ ރެޔެއް ނަމަ ރޯޝަނީ ގޯތިތެރެއަށް އަލިގުޅައެއް ތިރިކުރާތަން ފެންނަ މީހުންވެސް ދެއްވަދޫގައި އެބައުޅެއެވެ. އެހެން ރެޔަކު ފެނުނު މަންޒަރު އަދި މާ ބިރުވެރިއެވެ. ދިގު ދިގު މީހެކެވެ. އޭނާ އޮތީ ހަނިމަގުގެ ހުރަހަށް ރޯޝަނީގޭ ފާރާއި ޑޯރަންސީވިލާގޭ ފާރާއި ދޭތެރޭގައި ފާރުމަތީގައި އޮށޯވެގެންނެވެ. އެ ދިގު މީހާގެ ބޯ އަޅާލައިގެން އޮތީ ރޯޝަނީގޭ ފާރުމަތީގައެވެ. އެހުރިގޮތަށް ދިގުދަމާލައި އޮށޯވެގެން އޮތްއިރު ޑޯރަންސީވިލާގޭ ފާރުމަތީގައި އޮތީ ދެފައެވެ.
މިގޮތަށް އެކި ފާޑުފާޑުގެ ބިރުވެރި އަޑުތަކާ މަންޒަރުތައް ފެނިފެނި ހުއްޓާ އެހެން ރެޔަކު ފެންނަނީ ރޯޝަނީގޭ ތެރެއިން ވެލައެއް ނުކުމެގެން ބަދިގެ ދޮރުމަތީގައި ބަނޑުޖަހާލައިގެން އޮއްވައެވެ. ކުރިން ބުނި ރުއް ކައިރީގައި، އާމިންދައްތަ އިށީނުމަށް ޚާއްޞަ ކުރެވިފައިވާ ލަކުޑި ގޮނޑިމަތީގައިވެސް ވެލައެެއް އޮތެވެ. ޖެހިގެން އައި ދުވަހު ރޯޝަނީ އާމިނަތު މިދުނިޔެއާއި ވަކިވެގެން ހިނގައްޖެއެވެ.
No comments:
Post a Comment