
ޖެހެމުންދާ ފިނިފިނި ވައިރޯޅީގެ ސަބަބުން، މެންދުރުގެ މިވަގުތު ދީފައިވާ އަވީގެ އަސަރުވެސް ނުފޯރާ ކަހަލައެވެ.މުޅި ރަށުތެރެއަށް ވެރިވެފައިވަނީ ބުނަން ނޭނގޭ ކަހަލަ ހަމަހިމޭން ކަމެކެވެ.އެހެން ނުވާންވީ ސަބަބެއްވެސް ނެތެވެ.ރަށުގެ އެންމެ ބަސް ވިކޭ މީހުންގެ ތެރޭން އެކަކު ކަމަށްވާ އަލި ތައްކާނު ވަނީ ކުއްލި ގޮތަކަށް ރޭގެ ފަތިހުގެ ވަގުތެއްގައި މި ފަނާވަނިވި ދުނިޔެއަށް އަލްވަދާޢު ކިޔާފައެވެ.އަލި ތައްކާނަކީ، ރަށުގެ ވަރަށް ގިނަ ބައެއްގެ ލޯތްބާއި އިހް ތިރާމް ލިބިފައިވާ މީހެކެވެ.
ކަންމިހެން އޮތުމާއެކު، މިއަދު އަލި ތައްކާނުގެ އާއިލާއަށް ތައުޒިޔާ ކިޔަން ހުދުފިނިފެންމާގެ އަށް ނުދާ ހަމަ އެކަކުވެސް ނެތެވެ. ރަށުގެ ކުދި ބޮޑު އެންމެންނެވެ.އެ އެންމެންގެ ލޯތަށް ވެސް ވަނީ ކަރުނައިން ތެމި ފޯވެފައެވެ.ތައްކާނު ފަދައިން އޭނަގެ އަންހެނުން، އައިސާފުޅާއި ދަރިފުޅު، ލުޝްތާ އަކީ ވެސް މީހުންނަށް އެހާމެ ހެޔޮ، އޯގާތެރި ދެމައިންނެވެ.މި އަދު އެދެމައިންނަށް ތައުޒިޔާ ކިޔަން އެގޭގައި ނެތީ ނެތް މީހެކެވެ. "އައިސާ...ދެން ހިތްވަރު ކުރޭ..ކޮންމެ މީހަކީވެސް ކޮންމެވެސް ދުވަހަކުން މިދުނިޔެ ދޫކޮށް ދާނެ މީހެއް..އެކަމާ އަހަރެމެންނަށް ކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެ..މިއަދު އައިސާ ތިގޮތަށް ރުއިމުން ލުޝްތާ އަށް ވާނީ ކިހިނެއް؟ ނިކަން ބަލައިލަބަލަ އެމަންޖެއަށް..." އައިސާފުޅުގެ ދައްތަ، އައިމިނަ މިހެން ބުނުމުން ކޮންމެވެސް އެއްޗެއް ހަދާންވާ ފަދަ ގޮތަކަށް އައިސާ އިސްއުފުލައި،އޭނަޔާ ތައްކާނުގެ ލޯބީގެ ހަމައެކަނި ނިޝާން ކަމަށްވާ އެމައުސޫމް ދަރިފުޅަށް ބަލައިލިއެވެ.
ތެދެކެވެ.އައިސާފުޅަށް ވުރެ ލުޝްތާގެ ހާލު މާބޮޑެވެ. ރޭ ފަތިހުއްސުރެ ހުއްޓާނުލާ ރުއިމުގެ ސަބަބުން އެރީތި މޫނުގެ ހިތްގައިމުކަން ވަނީ ގެއްލިފައެވެ.ދެލޯ ވަނީ ވަޅު ވަދެފައެވެ.މޫނު މަތި ވަނީ މިލާފައެވެ. އައިސާފުޅުގެ މައިވަންތަކަމުން ފުރިގެންވާ ހިތަކަށް މިމަންޒަރަކަށް ކެތެއް ނުކުރެވުނެވެ.ދަރިފުޅު ގެނެސް މެޔާލާ ބޮޑި ކޮށްލިއެވެ.އެހިސާބުން ދެމީހުންގެވެސް ބަޑި ފަޅައިގެން ދިޔައެވެ. އަޑުން އަޑު ނަގާ ރޯން ފެއްޓިއެވެ. އެވަގުތު އެތާގަ ތިބި އެންމެންނަށް ވެސް މި މަންޒަރު ފެނުމުން ރޮވުނެވެ. ކުއްލިޔަކަށް އައިސާފުޅުގެ ހަދާނަށް އައީ ދެންމެ ދައްތަ ދެއްކި ވާހަކަތަކެވެ.އެހެންކަމުން ވަރަށް ހިތްވަރު ކޮށްފަ މޫނު ފޮހެލާފައި ލުޝްތާ އަށް ވިސްނަދެވޭތޯ މަސައްކަތް ކުރިއެވެ.
މާލަސްތަކެއް ނުވެ މުދިންބެ އައިސް މެންދުރު ނަމާދަށް ބަންގި ގޮވައިފިއެވެ.އޭރު ކަށުކަމާކެމީގެ ކަންތަކަށް ފަހު ތަޢްކާނުގެ ސަންދޯއް ވަނީ މިސްކިތަށް ގެނެސްފައެވެ.މެންދުރު ނަމާދަށް ފަހު ތައްކާނުގެ ކަށު ނަމާދުގައި ބައިވެރިނުވާ ހަމަ އެކަކުވެސް ނެތެވެ.މާގިނަ އިރުތަކެއްނުވެ ތައްކާނުގެ ސަންދޯއް ސަހަރާއަށް ގެންގޮސް، އެދިރުމެއްނެތް ހަށިގަނޑު ރަށުގެ ރަޢްޔިތުންގެ އެހީއާއެކު ވަޅުލެވުނެވެ.
ލުޝްތާ އޭނަގެ މަންމަ އުގުގައި ބޯއަޅައިގެންއޮވެ މަޑު މަޑުން ގިސްލަމުން ދިޔައެވެ. އެހެން ނުވާންވީ ސަބަބެއްވެސް ނެތެވެ. ތައްކާނު ދުނިޔޭގައި ހުރިއިރު، ބައްޕައެއްގެ ކިބައިން ދަރިއަކަށް ލިބޭނެ އެންމެ ފުރިހަމަ ލޯތްބާއި އަޅައިލުން ތައްކާނުގެ ކިބައިން ލުޝްތާއަށް ވަނީ ލިބިފައެވެ.އެފަދަ ބައްޕައެއް ގެއްލިދިޔުމުން ކޮންމެ ދަރިއެއްވެސް ހިތާމަ ކުރާނެއެވެ.އަދި އޯގާތެރި ފިރިއެއް ގެއްލި ދިޔުމުން ކޮންމެ އަންބެއްވެސް ކަރުނައަޅާނެއެވެ.ތައްކާނު އެދިޔައީ މިއޮއް ބޮޑު ދުނިޔެއަށް އެދެމައިން އެކަނި ކޮށްލާފައެވެ.
ދުވަސްތަކެއްވަންދެން ރަށުގެ މީހުންނާއި ގާތްތިމާގެ މީހުންގެ ފަރާތުން އެކިގޮތްގޮތުން އެހީއާއި ހަމްދަރުދީގެ ބަސްތައް ލިބެމުން ދިޔައެވެ. ނަމަވެސް އެއީ ދުވަސް ކޮޅަކަށެވެ.މަޑު މަޑުން އެގެޔަށް އައިސް ގޮސް އުޅޭ މީހުން މަދުވާން ފަށައިފިއެވެ. މިހެންވުމުގެ ސަބަބުން އެދެމައިން ހާލުގައި ޖެހެން ފަށައިފިއެވެ.ކާއެތި ކޮޅެއް ދިއްކޮށްލާނޭ މީހަކު ނުވާ ތާގައި ހާލު ބަލާލާނެ މީހަކުވެސް ނުވެއެވެ. ކޮންމެ އަކަސް މިހެން ވާން ފެށުމުން އައިސާފުޅަށް މަޖުބޫރުވީ ލުޝްތާ އަށްޓަކައި ފައިސާ ލިބޭނެ ގޮތެއް ހޯދުމެވެ.
އޭރު ލުޝްތާ އުޅެނީ ގްރޭޑް ނުވައެއްގައެވެ. ލުޝްތާ އަކީ މުޅި ސްކޫލުން ހުރިހާ ގޮތަކުންވެސް ފާހަގަ
ކޮށްލެވޭ މޮޅު ދަރިވަރެކެވެ.މިހެންވުމުގެ ސަބަބުން ސްކޫލުގެ މުދައްރިސުންނާއި ކުދިންގެ ހިތުގައި ލުޝްތާއަށް ވަނީ ހާއްސަ ގަދަރެއް ދެވިފައެވެ.ހާއްސަކޮށް ފިރިހެން ކުދިން ތިބެނީ ލުޝްތާގެ ރީތި ކަމަށް ފެންބޮވައިގެންފައެވެ.
ނުނިމޭ....
No comments:
Post a Comment