ދެވަނަ ބޮޑުހަގުރާމައިގެ ދުވަސްވަރު މުޅިދުނިޔެއައް ކުރިމަތިވި ތަދުމަޑުކަން ދިވެހިންނަށްވެސް ކުރިމަތިވިއެވެ. އަލްއަމީރު މުހައްމަދު އަމީންގެ ވެރިކަމުގަ ޖަރުމަންވިލާތުން ފެށިމިހަގުރާމައިގެ ހަބަރު ރާއްޖެއަށް ލިބުނީ ކޮޅުބުގައި އޭރުހުއްނެވި އިގިރޭސީ ސަފީރުގެ ފަރާތްޕުޅުންނެވެ. މިހަބަރު ލިބުމާ އެއްކޮށް ކާބޯތަކެތި ރައްކާތެރި ކުރުމަށް ރައީސް އަމީން ރާއްޖޭގެ ރަށްތަކަށް ސަރުކާރުގެ އިސްވެރިން ފޮނުވައިގެން ނަސޭހަތްތެރި ވިއެވެ.
ރާއްޖެއަށް ކާބޯތަކެތި ގެއްނާނެ އެއްވެސް މަގެއް ނުފެނުނެވެ. ހަގުރާމައިގެ ބިރުވެރިކަން ރާއްޖެއައް އިހުސާސް ކުރެވުނީ އައްޑު އަތޮޅުގައި އޮތް އިގިރޭސީންގެ ބޯޓަކަށް ބޮން އެޅުމާ ހިސާބުއްނެވެ. ދިވެހީން އާމްދަނީ ހޯދަން ކުރާ މަސައްކަތަކީ މަސްވެރިކަމާ ދަޑުވެރިކަން ކަމުގައި ވިޔަސް ބާނާ މަސްކޮޅާ ހައްދާ ތަރުކާރީ ކޮޅުވެސް ވިއްކޭނެ ގޮތެއްނެތެވެ. ކޮއްމެ ރަށަކީ ދަޑުވެރިކަން ކުރާރަށްތަކަށް ނުވުމުން ދިވެހިން ވަރަށްބޮޑައް ކާނާއަށް ބަޑައްޖެހުނެވެ. އެއްމެފަހުން ވައްކަމާ ފޭރުން ރާއްޖޭގެ ރަށްތަކުގައި ހިގަންފަށާފިއެވެ. ބަޔެއްމީހުން ކާނެއެއްޗެއް ނުލިބި ބަޑަށް މަރުވާން ފަށާފިއެވެ. ހަމަ މިޔާއެއްކޮއް ވަރުގަދަ ބަލިމަޑުކަމެއް ރާއްޖޭގަ ފެތުރިއްޖެއެވެ. ޝިގައްލާ.ކޮލެރާ،ފައިލޭރިޔާ، މެލޭރިޔާ އަދި ލެޕްރަސީ ފަދަ ނުރައްކާތެރި ބަލިތަކެވެ.
1 ސެޕްޓޭމްބަރ 1939 ވަނަ އަހަރުފެށި ދެވަނަ ބޮޑުހަގުރާމާގައި ދެއްވަދޫ ރައްޔިތުން އުޅުނުހާލު ކަރިމްބެއްޔާ އަޅުގަޑަށް ކިޔާދިންގޮތަށް ހަދާން ހުރި މިންވަރަކުން ތިބޭފުޅުންނަށްހަމަޔަށް ގެނެސްދެވޯތޭ ބަލާލާނަން. ކަރިމްބެއްޔާއަކީ ވަރައްގިނައިން އަޅުގަޑުގެ ގެޔައް އައްނަމީހެއް ކަމުން އަބަދުވެސް ކަރިމްބެއްޔާ އައްސިއްޔާމް ކޮއްމެވެސް ވާހަކައެއް ކަރިމްބެއްޔާ ކިޔާދޭނެއެވެ. މިގޮތުން އަޅުގަޑައް އެއްމެ އަސަރު ކުރިވާހަކައަކީ ދެވަނަ ބޮޑުހަގުރާމައިގަ ދެއްވަދޫ މީހުން އުޅުނު ދަތިހާލުގެ ވާހަކައެވެ.
'' ދެވެނެ ބޮޑެ ހަގެރާމެޔާ ފައްޓޭގެތާޔޯ ބޮނީމެއި އެއްމެނާސްތޮއު ބިރުން. މާލޭން ހަބަރެހިފޭގެން އެއްނު ލަހުން ކަމުން އަހައްނެކެޓެ އެވަރާޓެ ހަގެރާމޯގެ މައުލޫމާތެކެ ނުލެބެއި. މިހެން ތިބެއި އެކެދޮހާ މުހައްމަދު އަމީން ފޮނެވީ ވަފުދެކުން އާހުބޮނިޔާ އެއްމެނާސް ކާޑެޓޭ ބަލޭގެން އެހެކުނެ އެނެކެ މީހާޓޭ އެހީތެރިވެގެން އޮއްނާޓެޔޯ، ހަޑެލާ ހުޓާ ކަރާސީން ތެލާއެއްތެތި ރާއްދޭޓެ ކުރިޔެޓޭ އޮތެ 3 އަހަރު އެތެރުއެސް ގެނަހަވިޔެއނިހޭން ހީނުވެއިޔޯ. އެހެންވީމެއި އެއްމެނާސް އެމީހެކުއްނެޓެ ވިޔުން އެހީއެކެ އެހެނެ މީހިއްނެޓެސް ވެދީގެން އޮއްނާޓެޔޯ. މިހެންތިބެއި ދެންކަނެއްތެކެ ނުލެބީ މީހިނެ ބަޑެޓެ މަރަވެއްނެ ފައްޓޭގެތެ. ތަގެ ކާފާ( އަހައްމަދު ކަލޯ)އާއި އެކެބަޑު މަރިޔާ މޫސާގެ ތެއްޔެހެ ކޫދުމަރެވޫ ބަޑެޓެ. މޫސާވީ ކާއްތާ މަރިޔާ ކޮޑެޔާއްގޭ މިހިދެ އެއިއްނައު. މީހިނެ ކަނެއްތެކެ ނުލެބީގެން އެހެކުނެ އެނެކާއްގޭން ވައްކަން ކެރެއްނެ ފޮއްޓޫ. ދެން ކުއްދާ އެވޭލެ މީހިނެސް އޮންޑު ނިކަން ނުބޭކޮޓެ. ގޭދެރު ހަދެވޭފއި ތިބެނެ ގެހެގެހާ އެއްތެތިމަރޭ، ބަދިގު އެއްތެކެ ކައްކޭފއި ހުއްޓިފެހެއި އެޔާސް ވަގެޓެ ކައިފެއި ނުވީތާކެޓެ އެހޭ ތަދެވޭލާސް ބާކީ ހުއްނާ ވިއްދާޓެސް ވެއްލާއެއްތެތި އޮޑޭލެއި އެޔެއްނު. އެދުވަސްކޮޑު ކަތީބެކެޓެ ހުއްޓު ދޮންހުތާ އަލިދީދި. ބަންޑާރެ ރުކުން ކުރުބާއި ކައުޓިއޮޑުމެއްކޫ މަނާކަމެކެ. ދޭތެރެ ދޭތެރުން ތަގެ ކާފާއޮއްނެއި އިޓުގު ގޮޅިޔާޓެ ލައިފެއި ރުކެއޮޑޭފެއި. އެއްމެ ގިނޭން އަޓިގު ގޮޅިޔާޓެ ލައިފެއި އޮއްނައު އެޔާ. ތަގެ ބައްޕާނެ ލައްކެ ހާލާކުންގޭ ބޮޑޭގޭ ތިތޮއު. ތޯ ވިސްނޭލެހޭ މައުމޫނޫ ފަޅޯގެހު ދަޑިގަޑާ ކައްނު އޭބުދެން ލައްކެ ބޮޑެވަރެ ވީމެއިކުން. ފަޅޯ ކޭބަރެ ފެނުކައްކޭގެންގެސް ކައިފެއި އަހަނެމިތޮއު، އަދެ ދޮހާ ތަހިލާނެ ބިރިޔާނެ ކިޔެސް ތަގެ ބައްޕާނެ ބޮޑެވޫ އެހެން. ދެން އޮތެ އެނެއްކަމާކޫ ޝިގައްލާ،ކޮލެރާ،ފައިލޭރޔާ ޖެހީގެން މީހިނެ މަރެވެނެ ފައްޓޭގެތެ. މިރަޓުން އެކެ ދޮހާކު އެތެރު 8 ވެނެ މަރެވީ. މޫސާ މުހުއްމާ ވެނެމީހާއި އެޔާގެ ދިޔޭ މަރެވޫ އެކެދޮހާކު. އެވޭލެ އޮއްތު އަގެވޭފެއި މާގަދާޓޭ ހޮޑެލައި އެހެން ހާލެދެރޭގޯތެއި މީހިން ގާތެޓެ ނޯޔެއްނެ. އޭބު ގައުން ގައުން އަރެނެ ބައްލެކެޓެވެގޯ. ދެން އެހެކުނާސް ނޯޔެތެ. މޫސާ މުހުއްމާގެ ކުއްދޭ މަރެވޫ އެޔާއަތު މަންތެޓެ. އެކުއްދޭލީ ހޮޑެ ތާހިރެ ކެރެއްނެވޮގޯ ފޮޑޮހާޓެ ކުއްދޭގޮވޭގެން ގެޔެމަގުމަންތެ އެޔާތުމަންތެޓެ. އަވަހައި ކުއްދޭ ގޮވޭގެންއާހު އެޔާވެނެމީހޭޓެ ގޮވޭލެއި ބޮނޫ ކުއްދޭސް މަރޭގެޔޯ. އެޔާވެނެ މީހޭ ބަހިކެ ނުކެޔެގެން ބެލީވޭލާ އެޔެސް އޮއްތު މަރޭގެހޯ. އަސްލު އެވޭލެ މީހިނެ އެވަރާޓެ މަރެވޫ ފަރުވާ ނުލެބީގެން . ވެނެއްތެއްކޫ ފަރުވާ ދެއްނެ މީހިއްނެޓެ ނުކެރއި ގާތެސް ވެއްނެ ބިރުން. ގައުން ގައުން އަރެނެ ބައްލެކެމެއި. ކޮއްމިހިން އެހެން ހުއްޓިކަމެކެސް ނުން އޭބު. އެހެންތެނެކައި މޫސާ މުހުއްމާ ގާޓޭ އެބައްލާ އަރެއްނި. މިބޮނޫ މީހެކެ މަރެނުވެނެ ދޮހޮޔެކެ ނޯޔެއި. އެވޭލެ މަޓެހީވެއްނޫ މައުމުނޫ، މަރެނުވެނީސް ބަޔެކެ މީހިނެ ތިބއްނިހޭން ވަޑުލައިފެއި. މިހެން މިބޮނޫ ތި ހަބީބާ( މުހުއްމެއިދިޔެގެ އައްމާ) މަރޭގެ ކަމަޓެ ހެނެވޭފއި ކަފުނެ ކެރފެއި އޮވެއި އެޔެތެދެވޫ. އެހެއްމެއި އެހެންގެސް ނުއެގީ ލައްކެ މީހިނެ ހުއްނެއި ވަޑއުއެސް ލައިފެއި''
ނިމުނީ
ނޯޓް: ލެޕްރަސީ އަކީ ގައިގެ ތަންތައް ފާރުވެ ގުނަވަންތައް ވަކިވެ އެކަހަލަ ކަންތައްވުން
ޝިގައްލާ، ކޮލަރާ އަކީ ބޭރައް ހިންގާ ހޮޑުލުން ކަންތައް ވުން.
މެލޭރިޔާ ފައިލޭރިޔާ އަކީ މަދިރީގެ ސަބަބުން ޖެހޭ ބައްޔެއް . މިބަލީގެ އަލާމަތަކީ ފައި ދުޅާ ވުން .
Subscribe to:
Post Comments (Atom)
No comments:
Post a Comment