ލިޔުނީ: މިރާޒް
ރައީސް ނަޝީދުގެ ވެރިކަން ދެބައިވެގެންދާއިރު ގިނަގުނަ ދުއްތުރާތަކެއް ކުރިމަތި ވެފައިވާކަން ޔަގީނެވެ. އޭގެތެރެއިން ގިނަ ދުއްތުރާތަކުން އަދުގެ ސަރުކާރު ސަލާމަތްވެފައިވާތީ ފެނެއެވެ. ގިނަ މަސައްކަތްތަކެއް ކޮށްފައިވާތީއެވެ. ވާދަވެރި ސިޔާސީ ފަރާތްތަކާއި ވާހަކަ ދައްކައިގެންނެވެ. ބައެއް ހާލަތްތަކުގައި ސަރުކާރުން ދޫދީގެންނެވެ. އަނެއް ހާލަތް ތަކުގައި ވާދަވެރި ސިޔާސީ ފަރާތްތަކަށް ބިރު ދައްކައިގެންނެވެ.
މި ހުރިހާކަމަކުންވެސް އަދުގެ ސަރުކާރަށް ތާއަބަދަށް ހިންދެމިލައިގެން އޮވެވޭގޮތެއް ނުވިއެވެ. ނަމަވެސް މިއަދު މިފެންނަ މަންޒަރު ވަރަށް ތަފާތުވެއްޖެއެވެ. ރައީސް ނަޝީދުގެ ހިކުމަތު އަމަލީ މިފަހަރު ބޭނުން ކުރާތީ މިފެންނަނީ ތަފާތު ގޮތަކަށެވެ. ސަނާކިޔުމާއި ހިތްވަރު ދީގެންނެވެ. ކޮނޑަށް އަތްލާންޖެހޭފަހަރު އެކަންވެސް ކުރާތީ ފެނެއެވެ. ނަމަވެސް ފަހަރު މިފެންނަނީ އެއަށްވުރެ މާގާތް އެކުވެރިއަކު ފެނިގެން އުޅޭތީއެވެ.
ފާއިތުވި ހަފުތާގެ ތެރޭގައި ބައިނަލް އަގުވާމީ ދުނިޔޭގެ ބޮޑު ހަބަރަކަށްވެގެން ދިޔައީ އަދުގެ ރައީސް ނަޝީދު އެއްބައިވަންތަ ކަމުގެ ސަރުކާރެއް އެކުލަވާލަން ބޭނުންކަމަށް ބުނުމެވެ. ވާދަވެރި ސިޔާސީ ޕާރޓީ ޑީއާރުޕީގެ ލީޑަރު ތަސްމީނަށް ތަޢުރީފު ކުރަމުން ގެންދަނީ ހަމައެކަނި ރައީސް ނަޝީދުގެ ރޭޑިއޯ ހިޠާބުގަ އެކަންޏެއްނޫނެވެ. ބައިނަލް އަގުވާމީ މީޑިއާގައިވެސް ކަން ހިނގަނީ ހަމަ މިބީދައިންނެވެ. މި މަންޒަރު ހީނުކުރާ މިންވަރަށް ރަކުރާރު ވަމުން އެބަދެއެވެ. މިއަދު ޑިމޮކްރެޓިކް އުސޫލުތަކަށް އެންމެ ފުރިހަމައަށް އަމަލުކުރާ ވާދަވެރި ލީޑަރަކީ ތަސްމީނުކަމުގައި ވެނިމި ހިނގައްޖެއެވެ.
ފަހަތުން ރައީސް ނަޝީދަށް ލިބޭނީ ކޮންފައިދާއެއްތޯ ގިނަ ސިޔާސީ ވެރިން މިހާރުވެސް ސުވާލު އުފައްދަމުން ދާނެއެވެ. ތަސްމީނު އަތުގައި ހިފުމުން ސަރުކާރު ހަނުހިމޭނުން އޮތުމަށް ކޮންމެސް ވަރަކަށް ފަސޭހަވާތީ މިހާރުވެސް އެބަފެނެއެވެ. ފާއިތު ތަނުގެ ތަޖުރިބާއަށް ބަލާއިރު ތަސްމީނު އަތުގައި ހިފުމުން، ސިޔާސީ މައިދާނަށް ކޮންމެވެސް މިންވަރަކަށް ހަނުހިމޭންކަން ވެރިވެއްޖެކަމުގެ އިހުސާސް މިހާރުވެސް ކުރެވެއެވެ. ސިޔާސީ މައިދާ ހަނުހިމޭންވެ ޕާރޓީތަކުގެ މަގުމަތީ ހަރަކާތްތައް ހުއްޓުމައްކަށް އައިސް ޖުމުލަ ގޮތެއްގައި ވާހަކަ ދައްކާ މާހައުލަކަށް ބަދަލުވެގެން ދިޔަކަމީ ތަސްމީނު އަތުގައި ހިފުމުގެ ނަތީޖާކަމަށް ބެލެވިދާނެއެވެ. ވާދަވެރި އިތުރު ޕާރޓީތަކުން ކިތައްމެ ހިތް ނުތަނަވަސް ވީނަމަވެސް ޑީއާރުޕީގެ ތާއީދު ނެތި މާނަހުރި ކަމެއް ހިންގޭކަށް ނޯނާނެއެވެ.
ވާދަވެރި ޑީއާރުޕީގައި ޑިމޮކްރެޓިކް ނޫން ބަޔަކު ތިބިކަމަށް ބުނެ، ރައީސް ނަޝީދު ތަސްމީނުގެ ސިޔާސަތަށް ތާއީދުކުރުމުން ޑިއާރުޕީގެ ތެރޭގައި ކަސިޔާރު އޮއިވަރެއް ފެތުރިދާނެކަމަށް ފެނެއެވެ. އެގޮތީ ރައީސް ނަޝީދު ހިތާނުވާބަޔަކު ޑީއާރުޕީގައި ތިބިކަން ފާޅުކުޅައުމަކީ އެފަރާތް ތަކަށް ހަޖަމު ކުރަން މާފަސޭހަ ވާހަކައަކަށް ނުވާނެއެވެ. މެންބަރު މަހުލޫފުގެ އިތުރުން ޑީއާރުޕީގެ ނައިބުޒައީމް ކަން ކުރައްވާ އަލީ ވަހީދު ރައީސް ނަޝީދު ހިތާ ނުވާމީހުންގެ ލިސްޓަށް އަރައިފިނަމަ އޭގެފައިދާ ނެގޭނެ ކިތައްމެ ތަނެއް ތަސްމީނަށް ފެންނާނެއެވެ. މިހާރުވެސް ޑީއާރުޕީގައި ކުރީ ރައީސްގެ ކޮއްކޮ އަބްދުއްﷲ ޔާމީނަށް ތާއީދުކުރާ ބަޔަކު އެ ޕާރޓީގައި އެބަތިއްބެވެ. އެއިން އެއްވެސް މީހަކަށް ތަސްމީނު ހިތާވާނެކަމަކަށް ނުފެނެއެވެ. ސިޔާސީގޮތުން ހާލަތު ނިޔާކުރީތީވެ، ޔާމީނާއި އެއްމޭޒެއް ދޮށުގައި އިށީންނަށް ޖެހުމަކީ ހަޖަމު ކުރަންޖެހޭ ސިޔާސީ ނިންމުމެއް ކަމުގައި ނޫނީ ނުވާނެއެވެ. ނަމަވެސް އިންތިހާބަކަށް ކުރިމަތިލާއިރު އެއްމޭޒު ދެމޭޒައް ވާނެކަމީ އެންމެ ދިވެހީން ދަންނަ ހަގީގަތެކެވެ.
މި ވެރިކަމުގައި އެންމެ ހިތްހަމަ ނުޖެހޭކަމަކަށް ވެފައިވަނީ ކުރީގެ ކޮރަޕްޝަން މައްސަލަތަކުގެ ބިތުފަންގި ނެގުން ލަސްވަމުން ދިއުންކަމުގައި ރައީސް ނަޝީދުގެ ވަނީ އިޝާރާތް ކޮށްފައެވެ. މިއީ ސިދާ ތަސްމީނަށް ޖެއްސެވި ބަހެއް ކަމުގައި ބެލެވިދާނެއެވެ. ތަސްމީނުގެ މައްޗަށް މިފަދަ ކޮރަޕްޝަނުގެ ތުހުމަތުތަކެއް ކޮށްފައިވެއެވެ. އިންތިހާއަށް ތަސްމީނަށް ތައުރީފުކުރަމުން ނުގޮތަކަށް ކޮރަޕްޝަންގެ ވާހަކަ ގެނައުމުން ތަސްމީނު އިތުރަށް ވިސްނާނެކަން ޔަޤީނެވެ.
ބޮޑުމަންޒަރަށް ބަލާލާއިރު މިކަން މާދިގު ދެމިގެން ދާނެކަމަކަށް ލަފައެއް ނުކުރެވެއެވެ. އެހެނީ ރިޔާސީ އިންތިހާބު ކައިރިވަމުން އަންނައިރު އެއްބައިވަންތަ ސަރުކާރެއް އެކުލަވައިލައިގެން ރައީސް ނަޝީދު ވެރިކަން ހަނުހިމޭން ކުރުމަށް ވާދަވެރި ހުރިހާ ސިޔާސީ ޕާރޓީތަކުން އެއްބަސް ވާނެކަމަށް ނުފެންނާތީއެވެ. ނަމަވެސް ވާދަވެރި އެންމެ ބޮޑު ޕާރޓީ ޑީއާރުޕީ އެހީތެރިކަން އެކަނި ދީފިނަމަ އެކަން ކާމިޔާބު ކުރުމަށް އަދުގެ ސަރުކާރަށް ފަސޭހަ ވެދާނެއެވެ. ނަމަވެސް ޑީއާރުޕީގައި ތަސްމީނަށް ތަބާނުވާނެ ބަޔަކު ތިބިކަން މިހާރުވެސް އެނގިފާޅުވެއެވެ. ރައީސް ނަޝީދުވެސް ހާމަކުރާގޮތުން ޑީއާރުޕީގައިވެސް ޑިމޮކްރެޓީ އުޞޫލުތައް ނުދަންނަ ބަޔަކު އެބައުޅެއެވެ. ވީއިރު އެކަމަށް އިތުރު ހިންތާއެއް ހަދަން ރައީސް ނަޝީދަށް ޖެހޭނެއެވެ.
އެއްބައިވަންތަކުމުގެ ސަރުކާރެއް އެކުލަވާލުމަކީ ރައީސް ނަޝީދަށް ވަރަށް ބޮޑު ގޮންޖެހުމަކަށް ވާނެއެވެ. ވަތަންއެދޭގޮތަށް ފެށިކެންޕޭނަށް ފަހު ސަރުކާރު އެކުލަވާލެވިގެން ދިޔަގޮތާއި ސަރުކާރުގެ ތެރޭގައި ކޯލިޝަން ރޫޅީގެން ދިޔަގޮތުން ރައީސް ނަޝީދު ޖަވާބުދާރީވާން ޖެހޭ އެތައް ސުވާލެއް ހުންނާނެއެވެ. ނަމަވެސް މި ހުރިހާސުވާލެއްގެ ޖަވާބު ތައްޔާރުކޮށްގެން ހުރިނަމަ މިހުރީހައްތާވެސް ކުރިއަށް ދެވިދާނެ މަގުތަކެވެ. ނޫންނަމަ ތަސްމީނު އަތުގައި ހިފައިގެން އަދި ދޮޅު އަހަރު މަޑުކޮށްލެވުނަސް ސަރުކާރު ހިމޭންކުރެވިދާނެއެވެ.
No comments:
Post a Comment