އަހުރެމެންގެ ނުހަނުގާތް ބެއިކަލެއްކަމަށްވާ ޢިމާދު (ޢިމާދު ޞޯލިޙު) އުނދަގޫ ބޮޑުގޮތެއްގައި އުޅުއްވަމުން ގެންދަވާ ބައްޔެއް، މިހައިރު އިތުރަށް ބޮޑުވާގޮތެއްވުން އެކަށީގެންވެއްޖެކަމަށް އައްޑޫ ސިޓީބިޓީގެ ފޭދޫ ކިޔުނު ޖަޒީރާއިން އަހުރެންނަށް ރެއިގައި ދެރަވާޒާތުން ކަބަރެއް އަތުވާއްޖެޔޭ. މާލޭގެ މަދަރުސާއެއްގެ ކުދީންކޮޅު ކުޅުމަށް އޮންނަ ކުޑަބިމަކަށް ދުވެލައްވައި ޢިމާދު ދުރުވެ، ކުރައްވާފައިވާ އަސަރާއި ވޭނެއްގެ ބޮޑުކަމުން އޮބިނޯވެގެން، ކަރުން ކުލަކުލައިގެ ނާރުތައް ނެރިލައްވައިގެން ދެތިން ސަތޭކައެއްހާ މީހުންގެ ކުރިމަތީގައި އަޑުގެ ނެތްތަނަށް އެތައްއިރަކު ހަޅޭއްލެއްވުމީ، ބަލި އިތުރަށް ބޮޑުވީކަމެއްކަން ކަބަރުގައި ބުނެޔޭ. އެހެންވުމަކީ ވެދާނެކަމެކޭ. އެހެނީ ޢިމާދުމެން ބޮޑު އުއްމީދެއްގައި ހައްދަވާފައިވާ ފިނިފެންތެޔޮ ކާލިޝަން، އެހައިއަވަހަށް ފަނިކައި މިހައިރު ފީވެދާގޮތްވުމުން ހިތަށްވެސް ބާވަތެއްގެ ދައްޗެއް ވެލައްވައި، ބަލި ބޮޑުވުމަކީ ބަޔަކު ޙައްރާންވާންވީ ކަމެއްހެއި؟ އެބަލިޖެހުމަށް މެދުވެރިވާކަމަށް އިހުއްސުރެ ބުނެވޭ މުޢުތަބަރު އެއްގޮތީ، ތަޢުޒީރު (ފޫކޮޅުގައި ދުއްރައިން ތެޅުން، ނުވަތަ ފޫކޮޅުގައި އެހެންމީހެއްގެ ފައިތިލައިގެ މަތީން ސައްޕުޖެހުން) ބާވަތުން ކަމެއްހިނގައި، ފޫކޮޅު ވަރަށްބޮޑަށް ނޫފައިގެން ބޮޑުވެގެންވާ އަނިޔާވުމުގެ ކަމެއް ހިނގުމޭ. މިނަންގަތް ނުލަފާގޯނާގެ ބާވަތުން އެފަދަކަމެއް ޢިމާދާމެދު ހިނގިކަމެއް އަހުރެންނަށް ސީދާ ފެނިފައި ނުވިޔަސް އެބާވަތުން ކަމެއް ހިނގުމީ އެކަލޯގެ އެހުންނަ ޒީލަ ހަލަނިކަމާހުރެ ފަހެ، ނުހިނގާނޭ ކަމެއްނޫނޭ. ހިނގައިފާހުއްޓޭ. އެލެކުނިއްޔާ އެކަމުން މީހެއްގެބަލި ބޮޑުވެ، އެކަމެއްގައި ނުހަނު އުނދަގޫވެސް އުފުލައި އުޅެދާނެތޭ. އެޔަކީ ދުނިޔޭގައި ކަންހިގާ އާދަމަތީން އެކަށޭނަ ކަމެކޭ. އެއްބަޔަކު ބުނަނީ، އެބެއިކަލަކު ރީނދޫ ބާގައިގައި ހުންނަވަނިކޮށް އޭނާ އެތަނުން ދުރުވެލެއްވީ އެތާނގެބަޔަކު ނުކުމެ ފޫކޮޅުގައި ވަރުހުރެގެން ސައްޕެއް އަޅައި ވިހެލުމުންކަމަށޭ. ދެން ވެންނެވީ ނޫބާގަޔަށޭ. އެތަނުންވެސް ބޭރުއަރުވާލީ އިހު ނަންގަތް ސައްޕުގެ ޒާތުން އިންސާނިއްޔަތަށް ބަލައިގެން ހަމަ އެގޮތަށޯލަޔޭ. ދެތާކުން ދެފަހަރަށް ކަންކުރިގޮތުން ފޫކޮޅަށް ވެލެއްވި ތަދާއި ވަރުބައްޔާއެކު، މަޑުމަޑުން އިއްތާލެއްވޭތޯ ބެއްލެވީ، ފިރުއަޢުނުގެ އަނެއްދިވެހިރާއްޖޭގެ އަލްހާމާނު ސާމާނާއެކު ފައިން އެރިފައި މިހައިރު އެއިން ގޮނޑީގަޔޭ. އެހައިތަނުން ބަޔަކުމީހުން ނުކުތްގޮތަށް ނުކުމެގެން، އަނެއްކާ އެބެއިކަލެއްގެ ފޫކޮޅުގައި އިހުގެ ބީދައިން ވަރުގަދަ ސައްޕެއް އަޅައި ވިހެލިއްޔޯލަޔޭ. އަޑުބަޑުހުށީ، މިނަންގަތް ފަދައަކުންމެއަ. ދެންފަހެ، ކަންހިގިމަގު މުޠޯލިޢާކޮށް އެފުށްމިފުށަށްޖަހައި، ބެލުމުން ސައްޕު ޒާތުން ހިނގިކަމެއް ހިނގީ އެމަގަށްނަމަ، މިހައިރު "ބަވާސީ" ގެ ބޮޑުވެގެންވާ އުނދަގުލެއްގައި އުޅުއްވުން ގާތްކަމަށް އަހުރެންގެ ހިތް އެބަބުނެޔޭ. އިހު ބަޔާންކުރި މޭރުމާއި ބީދައިން އެބެއިކަލަކީ، އަހުރެމެންގެ ގާތް ބެއިކަލަކަށްވީހިނދު، "ބަވާސީ" ބަލީގެ އުނދަގޫ އަހުރެންނަށް ފަހުމްވާހިނދު، އެކަކު އަނެކާއަށް ވީވަރަކުން އަޅާލަންޖެހޭ ހިނދު، "ބަވާސީ"އަށް ފަރުވާއެއް ކުރެވި ފަސޭހަވުން އެދޭހިނދު، އަދި އެކިތަންތަނަށް އެބެއިކަލަކު އަރުއްވައި މިހައިރު އަސަރާއެކު ވާހަކަ ދެއްކެވުމުގެ އަޑުގަދަކަމުން ޙިމާރުގެ ހުތުރު ގަދައަޑު ނުކުންނަހިނދު، އެހެންކަމުން ކަރުތެރެއާއި ފުރަގަސްފަރާތުގެ ކުދި ނާރުތަކަށް ދާނދެން ނުހަނު ބާރުކޮށް އެހުރި ބަލި އެތައްގުނަޔަކަށް ބޮޑުވެދާނެހިނދު، ރަނގަޅު ފަރުވާގެ ބާވަތުން "ބަވާސީ" ދަވާ މިނުސުޚާ ލިޔުނިއްޔޭ. ބެއިނުމަކީ އެބަލީގެ ފަރުވާއެއް ލިޔެލުމޭ. އެނޫން އެއްވެސްމަގާޞިދެއް އަހުރެންގެ ނުވެޔޭ.
ދަންނައެ! "ބަވާސީ" އަކީ އާދަމުގެ ދަރީންގެ ފުރަގަސްފަރާތަށް ޖެހޭ އުނދަގޫ ބައްޔެކޭ. މިބަލިޖެހޭގޮތަކަށް ވެފައިވަނީ ފުރަގަސް ފަރާތުން ބޮޑުކަމު ދޮރުކައިރީ ހުންނަ އިސްތަށިތަކުން އިސްތަށިބުޑެއް ދުޅަވެ ދޮސް ގަނެގެން ނުވަތަ ފުރަގަސް ފަރާތު ދޮރުގެ ކައިރިފަށުގައި ބިއްސެއްޖަހައި ދުޅަވުމުން، އެތަން މުލިއްސަކަށް ބަދަލުވެ ދޮސް ގަނެގެން، ފުރަގަސް ފަރާތު ދޮރުގެ އެތެރެ އުމަގު (އަނގަ ކުޑަކޮށް އެތެރެ ބޮޑުކޮށް ހުންނަ ފާރު) ވުމޭ. މިޔަކީ އުނދަގުލާއި ތަދު ބޮޑުވެގެންވާ، ދިލަ ބައްޔެއްމެއަ. މިބަލި ދެގޮތަކަށް ފެނޭމެޔޭ. އެއްގޮތީ، ތަދާއެކު ލެއި އަންނަގޮތޭ. އަނެއްގޮތީ، ލެއި ނުފައިބައިމެ، ތަދާއެކު އުނދަގޫ ބޮޑުގޮތޭ.
އައްމައްދަވާ. ބަލީގެފަރުވާ! މިޔަކީ، ސަމާސާ ޒާތުން ކިޔައިދޭ ފަރުވާއެއްކަމަށް ނުބެލުންހުއްޓޭ. އަދިކިޔެއްތަ. ޙަގީގީ ޒާތުން މޮޅުއިތުރު ފަރުވާއެއްކަމަށް އިނބުރެމެންނަށް ޝައްކެއް ވަހުމެއްވާނަމަ، ދިވެހި ބޭސްވެރިއެއްގެ އަރިހުން އަހައި ބަލައިފާހުށިކަމޭ. ދަންނައެ! އެބަލީގައި ދުޅަވެފައިވާ ތަނުން ލެއި އަންނަހުށިނަމަ، ލޮނެމެދާއި ލޮނާއި އެއްވަރަށް މުގުރައި ހިމުންކޮށް، މާމުޔާއި އެއްކޮށް އެތާނގައި އަޅަނި. އަދި ލޮނުމެދާއި މާމުޔާއި، ހެދނދުނު ހާބަނޑަށް ކާހުށި. ބަލި ކަނޑައިފާނެތޭ! ވަމިންހާ! އަނެއްވައްތަރުގެ ބަލި (މިބަހީ: ލެއި ނުފައިބާ ވައްތަރު) ދަނެއު! އެބައްޔަށް މޫސަދަރު ފަށުރިއްސެޔޮ ލޮނުމެދު ބައިހަމަޔަށް މުގުރައި، ބަލީގެކޮޅަށް (ފެންނަންހުރި ހިސާބަށް) ވިއްސައި އަޅާހުށި. އެތެރޭގައި އަޅަމުންދާ ގުބުހިވޭން ކެޑިދާހުށި. ވޭންގަދަވެ ކެރުމާއި ދިލަ ގަދަވެއްޖެނަމަ، ގިތެޔޮ ހޫނުކޮށް ވޭން ކެނޑެންދެން ކަފަބުރަކުން އެއިން ބޮނޑިތާންކުރަނި. އަނެއްކާވެސް ބޭސް އަޅަނި. ނޭގިހުރެ ބަލި މާބޮޑުނުވާނަމަ، ފަސޭހަވެދާހުށި. މުޖައްރިބު! (ވައްސަލާމް!)
No comments:
Post a Comment