3/6/11

ދިވެހިރާއްޖެ އިސްލާމްވުން

މާދަމާއަކީ ދިވެހިރާއްޖެ އިސްލާމްވީ ދުވަސް ކަމަށްވާތީ މިދުވަހާބެހޭ ކުޑަ މައުލޫމާތް ކޮޅެއް މައިދެއްވަދޫގެ ކިޔުންތެރިންނާ ހިއްސާކޮއްލަމެވެ.

އިބުން ބަތޫތާގެ ގަލަމުން ރާއްޖެ އިސްލާމްވުމަށް މެދުވެރިވި ހާދިސާ


އެތާނގެ އަހުލުވެރީންކުރެ، ފަޤީހު ޢީސަލްޔަމަނީ އާއި، ފަޤީހު މުޢައްލިމު ޢަލީ އާއި، ޤާޟީ ޢަބްދު ﷲ އާއި، އަދި އެނޫން އެތައް ބަޔަކު އަހުރެން ގާތުގައި ވާހަކަ ކިޔައިދިނެވެ. އެވާހަކަޔަކީ:

ދިވެހިރާއްޖޭގެ އަހުލުވެރީންނަކީ ކާފިރުން ކަމުގައިވި އެވެ. އެމީހުނަށް ކޮންމެ މަހަކު ޖިންނި ފުރޭތައެއް ފައުޅުވެ އެވެ. އެ ފުރޭތަ އަންނަނީ ކަނޑުންނެވެ. އަންނައިރު، ހީވަނީ، ބައްތިތަކެއް ދިއްލާފައި އޮންނަ ނަވެއްހެންނެވެ. އެމީހުންގެ އާދަޔަކީ، އެފުރޭތަ ފެނިއްޖިއްޔާ ބިކުރުވެރި އަންހެންކުއްޖަކު ނަލަހައްދައި ޒީނަތްތެރިކޮށްގެން، އަތިރިމަތީ ހަދާފައި ހުންނަ، ބުދުކޯލެއްގައި ބައިންދަނީ އެވެ. އެބުދުކޯލުގައި ކަނޑު ފެންނާނޭ ކިޑިކީއެއް ހުރެ އެވެ. ދެން އެކުއްޖަކު އެތާނގައި ރޭގަނޑު ބައިންދާފައި، އަނެއް ދުވަހު އެބައިމީހުން އައިސް ބަލާއިރު، އޮންނަނީ އެކުއްޖަކުގެ ބިކުރުވެރިކަން ކެނޑި މަރުވެފަ އެވެ. ކޮންމެ މަހަކު އެބައިމީހުން ބުދުފައްޅިއަށް ގެންދާނޭ ކުއްޖެއް ހޯދަނީ ޤުރުޢަތުލައިގެންނެވެ. އެމަހަކު ޤުރުޢަތު އައި ކުއްޖަކީ، ހަމަ ކޮންމެހެން އެ ބުދުކޯލަށް ދާން ޖެހޭނޭ ކުއްޖާ އެވެ. މިގޮތް މަތީގައި އުޅެނިކޮށް އެބައިމީހުންގެ ކައިރިއަށް މަޣުރިބުކަރައިގެ ބެއިކަލަކު ދުރުވެއްޖެ އެވެ. އެބެއިކަލެއްގެ ނަމަކީ، އަބުލް ބަރަކާތުލް ބަރުބަރީ އެވެ. އެކަލޭގެފާނަކީ، ޤުރުއާން ދަސް ބެއިކަލެކެވެ. ފަހެ، އެކަލޭގެފާނުން ދުރުވެ، މާލޭގެ މުސްކުޅި އަންހެނެއްގެ ގޭގައި ފައިބާ ހުންނަވަނިކޮށް، އެއްދުވަހަކު އެކަލޭގެފާނު ބޭރުން ދުރުވިއިރު، އެ ގޭގެ ހުރިހާ އަންހެނުން ރޮއި ހޭރެނީ އެވެ. ހީވަނީ، މީހަކު މަރުވެގެން އުޅޭ ހެންނެވެ. ދެން އެކަލޭގެފާނު، އެބައިމީހުން އެ ރޯ ކަމެއް އޮޅުންފިލުއްވާން އުޅުއްވައި، އެގޮތުން ނުފިލައިގެން ތަރުޖަމާނަކު ގެނެސް ޚަބަރު ބެލިއިރު، ވީގޮތަކީ، މިމަހު ޤުރުޢަތު އައީ، މި ކަނބުލޭގެ ދަރިފުޅުގެ މައްޗަށެވެ. މިހެންވީމާ، މީނާގެ އިން އެންމެ އަންހެން ދަރިފުޅަކު މިރޭ ބުދުކޯލަށް ފޮނުވާންޖެހޭ ކަމުގެ މޮޅީން ރޮނީ އެވެ.

ދެން އެކަނބުލޭގެ ގާތު، އަބުލް ބަރަކާތުލް ބަރްބަރީ ބުނުއްވައިފި އެވެ. ކަނބުލޭގެ ދަރިފުޅުގެ ބަދަލުގައި މިރޭ ތިޔަ ތަނަށް ދާނީ ތިމަންނާ އެވެ. އެކަލޭގެފާނަކީ، ތުނބުޅިއެއް މަތިމަހެއް ނެތް ބެއިކަލެކެވެ. ދެން އެމީހުން އެކަލޭގެފާނު ބުދުކޯލަށް ވައްދައިފި އެވެ. އޭރު އެކަލޭގެފާނު ހުންނެވީ ވުޟޫކުރައްވައިގެންނެވެ. ދެން އެކަލޭގެފާނު އެތާނގައި ޤުރުއާން ކިޔަވާވިދާޅުވާން އިންނަވަނިކޮށް، އެއްކަލަ ފުރޭތަ ކިޑިކީން ފެނިއްޖެ އެވެ. ދެންވެސް އެކަލޭގެފާނު އިންނެވީ ޤުރުއާން ކިޔަވާވިދާޅުވުން މަތީގަ އެވެ. ފުރޭތަ އައިސް، ކިޔެވުމުގެ އަޑުއިވޭ ހިސާބަށް ކައިރިވެފައި، ކަނޑަށް ގެނބިގެންފި އެވެ. އަބުލް ބަރަކާތުލް ބަރްބަރީ އެރޭ ފަތިސްވަންދެން ޤުރުއާން ކިޔަވާވިދާޅުވާން އިންނަވައިފި އެވެ. ފަތިސްވުމުން، އެ މުސްކުޅިދައިތާއާއި، އެގޭގެ މީހުންނާއި، ރަށުގެ މީހުން، އެމީހުންގެ އާދައިގެ މަތީން އަންހެން ކުއްޖާ ނެރެ އަންދާލުމަށް އަތުވެއްޖެ އެވެ. އައިއިރު އެ މަޣުރިބު ކަރައިގެ ކަލޭގެފާނު އިންނެވީ، ޤުރުއާން ކިޔަވާވިދާޅުވާށެވެ. ދެން އެބައިމީހުން، އެކަލޭގެފާނު ގޮވައިގެން އެބައިމީހުންގެ ރަސްގެފާނު އަރިއަހަށް ހިނގައްޖެ އެވެ. އެ ރަސްގެފާނުގެ ނަންފުޅަކީ، ޝަނިވިރާޒާ އެވެ. އެ ރަސްގެއަށް އެބައިމީހުން މި ޚަބަރުތައް އެންގުމުން، މިކަމާ ވަރަށް ޢަޖާއިބުފުޅުވި އެވެ. އެވަގުތުގައި އެކަލޭގެފާނުން، އެ ރަސްގެފާނަށް އިސްލާމްދީނަށް ގޮވާލައްވައި، ދީނުގެ ވާހަކަތައް ދައްކަވައި، އިސްލާމްދީނަށް އެރަސްގެ އެދުންވެރިކުރައްވައިފި އެވެ. އެ ރަސްގެ އެކަލޭގެފާނަށް ބުނީ، ކަލޭގެފާނު، މިއަންނަ މަސް އަންނާންދެން މިތާގައިހުރެ، މިފަހަރު ތިޔަ ކަންތައްކުޅަ ގޮތަށް ކަންތައްކޮށް، އެ ފުރޭތައިގެ ސަބަބުން ސަލާމަތްވެއްޖެ ނަމަ، ތިމަން އިސްލާމްވެދާނަމެވެ. މިހެންނެވެ. ދެން މަސްދުވަސް ވުމުގެ ކުރީގައި، މާތް ރަސްކަލާނގެ އެރަސްގެފާނުންގެ ހިތްޕުޅުގައި، އިސްލާމްދީން ތަނަވަސްކުރައްވައި، ރަސްގެފާނާއި، ރަސްކަމުގެ ތެރޭ ބޭފުޅުންނާއި، ދައުލަތުގެ ބޮޑުން އިސްލާމްވެއްޖެ އެވެ. ދެން އަނެއް މަހު، އެކަލޭގެފާނު އެ ބުދުކޯލަށް ވައްދައިފި އެވެ. އެރެއަކު އެ ފުރޭތައެއް ނާރަ އެވެ. އެކަލޭގެފާނު އެރޭގެ ފަތިސްވަންދެން ކިޔަވާވިދާޅުވާން އިންނެވީ އެވެ.

ފަތިސްވީމާ، ރަސްގެފާނާއި މީސްތަކުން އައި ހިނދު، އެކަލޭގެފާނު ކިޔަވާވިދާޅުވާން އިންނަވަނިކޮށް ދެކެފފައި، ބުދުތައް މުގުރައި ތަޅައި ސުންނާފަތިކޮށް، ރަށުގެ އަހުލުވެރީން އިސްލާމްވެ، އެހެން ރަށްރަށަށް މީހުން ފޮނުވައި، އެ ރަށްރަށުގެ އަހުލުވެރީން ވެސް އިސްލާމްވެއްޖެ އެވެ. އެކަލޭގެފާނު އެބައިމީހުންގެ ކައިރީގައި މާތް ބެއިކަލަކު ކަމުގައި ހުންނަވައިފި އެވެ. އެމީހުން އެކަލޭގެފާނުގެ މަޒުހަބުގައި ހިފަހައްޓައިފި އެވެ. އެ މަޒުހަބަކީ، އިމާމު މާލިކުގެފާނުންގެ މަޒުހަބެވެ.

 ''ތަންހީހު ކުރެވުނު ދިވެހިރާއްޖޭގެ ތާރީހުގތަންކޮޅު'' މިފޮތުގައި މުހައްމަދު އަމީން ލިޔުއްވާފައިވާ ލިޔުމެއް

ދިވެހިރާއްޖެ އިސްލާމްވީގޮތް
ްމާތްވެގެންވާ އިސްލާމް ދީން ދިވެހިރާއްޖެއަށް ވާޞިލުވެފައިވަނީ، ހިޖުރައިން 6 ވަނަ ޤަރުނުގެ ކުރީކޮޅުގައެވެ. އެއީ މީލާދީން 12 ވަނަ ޤަރުނުގެ ކުރީކޮޅެވެ. އޭރު އިންޑިއާ ކަނޑުގައި ދަރުރުފަތުރުކުރި މުސްލިމުންގެ ކިބައިން ދިވެހީންނާ ހަމައަށް އިސްލާމްދީން ވާނީ ވާޞިލުވެފަ އެވެ. ނަމަވެސް ރަސްމީ ގޮތުން ދިވެހީން އިސްލާމްދީނަށް ވަނީ، ދިވެހިރާއްޖޭގެ ރަދުން އިސްލާމްދީން ޤަބޫލުފުޅުކުރެއްވުމުންނެވެ.

ދަރުމަވަންތަ ރަސްގެފާނު، މާތްވެގެންވާ އިސްލާމްދީން ޤަބޫލުފުޅުކުރެއްވީ، އެއްވެސް މަޖުބޫރުކަމެއް ނެތި އަމިއްލަފުޅަށެވެ. މިރަދުންނާ ހަމައަށް އިސްލާމްދީން ފޯރުކޮށްދެއްވި ބޭކަލަކާމެދު، މުއައްރިޚުންގެ މެދުގައި ދެ ރައުޔެއް ވެ އެވެ. އެއް ރައުޔު ބުނާގޮތުގައި، އެ ބޭކަލަކީ، މައުލާނައް ޝައިޚް ޔޫސުފް ޝަމްސުއްދީނު އައްތަބްރީޒީ އެވެ. މިރައުޔުގެ މަޞްދަރަކީ، ޙަސަން ތާޖުއްދީނު ލިއުއްވި ތާރީޚެވެ. އަނެއް ރައުޔު ބުނާގޮތުގައި، އެ ބޭކަލަކީ، މައުލާނަ އަލްޙާފިޒު އަބުލްބަރަކާތު ޔޫސުފު އަލްބަރްބަރީ އެވެ. މިރައުޔުގެ މަޞްދަރަކީ، އިބްނު ބަޠޫޠާގެ ދަތުރުނާމާ އާއި، ޕިރާޑްގެ "ދަވޮޔެޖް" އެވެ. ޕިރާޑް ޑިލާވާލް ލިއުއްވާފައިވެ އެވެ. "އެބައިމީހުން ބުނާގޮތުގައި ދިވެހިރާއްޖޭގެ މީހުން އިސްލާމްދީނަށް ވެއްދީ މޮރޮކޯގެ ޢަރަބި ސައްޔާޙެކެވެ."

މި ދެ ބޭކަލުންގެ ނަންފުޅުގައި ޔޫސުފު ހިމެނެ އެވެ. މިއީ މުސްލިމުންނަށް ކިޔާ ނަމެކެވެ. ޝަމްސުއްދީނާއި އަބުލްބަރަކާތަކީ، ދެ ލަޤަބު ކަމަށް ބެލެވެ އެވެ. ޝަމްސުއްދީނުގެ މާނައަކީ ދީނުގެ އިރެވެ. އަބުލްބަރަކާތުގެ މާނައަކީ، ބަރަކާތުގެ ސާހިބާ އެވެ. ނުވަތަ ބަރަކާތުގެ ވެރިޔާ އެވެ. އައްތަބްރީޒީ އާއި އަލްބަރްބަރީ އަކީ ޢަރަބި އަކުރުން ލިޔާއިރު ދާދި އެއްގޮތަކަށް ލިޔެވޭ ދެ ނަމެކެވެ. މި ދެ ނަމުން ބަޔާންވަނީ ޔޫސުފު ނިސްބަތްވެވަޑައިގަންނަވާ ތަނެވެ. އެއް ނަންފުޅުގައި އެކަލޭގެފާނު ނިސްބަތްވެވަޑައިގަންނަވަނީ، ތަބްރީޒަށެވެ. އަނެއް އެކަލޭގެފާނު ނިސްބަތްވެވަޑައިގަންނަވަނީ، މަޣުރިބުކަރައަށެވެ.
މާތްވެގެންވާ އިސްލާމްދީނަށް ވެދެވަޑައިގަތުމަށް، ދަރުމަވަންތަ ރަސްގެފާނަށް ގޮވާލެއްވި ބޭކަލަކީ، މިހާރުގެ މޮރޮކޯ ކަމަށްވާ މަޣުރިބުކަރައަށާއި، މިހާރުގެ އީރާން ކަމަށްވާ ފާރިސްކަރައަށް ނިސްބަތްވެވަޑައިގަންނަވާ ބޭކަލެއް ކަމުގައި ވުމަކީ ދުރުކަމެއް ނޫނެވެ. މަޣުރިބުކަރައިން ފުރައިގެން ދަތުރުކޮށްފައި ދިވެހިރާއްޖެއަށް އަންނަ މީހަކު، ފާރިސްކަރަ ހުރަސްކުރުމަކީ ވަރަށް ބޮޑަށް ޤަބޫލުކުރެވޭ ކަމެކެވެ. ހިޖުރައިން ހަވަނަ ޤަރުނުގައި ދަތުރުފަތުރުކުރުމާއި ދިރިއުޅުމުގެ ކަންތައް ހުންނަ ގޮތުން، ދަތުރެއް ކުރުމުގައި ދިގު މުއްދަތެއް ހޭދަވެ އެވެ. އެޒަމާނުގައި ދީނަށް ގޮވާލައްވާ ބޭކަލުންނާއި، ޢިލްމުވެރީން، އެބޭކަލުން ވަޑައިގަންނަވާ ތަންތަނުގައި ދިގު މުއްދަތެއް ހޭދަކުރައްވަ އެވެ. އަދި އެބޭކަލުން ވަޑައިގަންނަވާ ރަށްތަކުގެ ބަހާއި އާދަކާދަތައް ވެސް އެބޭކަލުން ދަސްފުޅުކުރައްވަ އެވެ.

މިނުކުތާތަކަށް ބަލާއިރު، މާތްވެގެންވާ އިސްލާމްދީނަށް ވެދެވަޑައިގަތުމަށް، ދަރުމަވަންތަ ރަސްގެފާނަށް ގޮވާލެއްވީ އެއް ބޭކަލެއް ކަމުގައި ޤަބޫލުކުރެވެން އެބައޮތެވެ. މިޒަމާނުގެ ބަހުން ބުނާނަމަ، އެއީ ޔޫސުފު ދާޢީ އެވެ. (ދާޢީންނަކީ، އިސްލާމްދީނަށް ގޮވައިލައްވައި، އިސްލާމްދީން ފެތުރުއްވުމަށް މަސައްކަތްކުރައްވާ ބޭކަލުންނެވެ.) އަބުލްބަރަކާތާއި ޝަމްސުއްދީނަކީ އެއް ބޭކަލެއްކަމަށް ބެލުމަށްޓަކައި ފަރަޒިއްޔާއެއް ކަނޑައެޅިދާނެ އެވެ. "ޔޫސުފު ދާޢީ، މަޣުރިބުކަރައިން ފާރިސްކަރައަށް ވަޑައިގެން އެބިމުގައި ދީނަށް ގޮވައިލައްވާން ހުންނެވި އެވެ. އެތައް ދުވަހަކު އެބިމުގައި ހުންނެވުމަށްފަހު، ދިވެހިރާއްޖެއަށް ވަޑައިގެންނެވި އެވެ. އޭރު އެކަލޭގެފާނަށް ވަނީ، ފާރިސީ ބަސް ވަރަށް ރަނގަޅަށް އެނގިވަޑައިގެންފަ އެވެ."

މި ފަރަޒިއްޔާގެ ޞައްޙަކަން ބަޔާންވާ ދަލީލުތަކެއް އެބަހުއްޓެވެ.

އެއް ދަލީލަކީ، ދިވެހި ބަހުގައިވާ ބައެއް ދީނީ ބަސްތަކެވެ. އެބަސްތަކުގެ އަޞްލަކީ، ފާރިސީ ބަހެވެ. އެފަދަ ބަސްތަކުގެ މިސާލަކީ، ނަމާދު، ރޯދަ، ބަންގި ފަދަ ބަސްތަކެވެ. މި ބަސްތަކުގެ އަޞްލަކީ ފާރިސީ އެވެ. ނަމާދުގެ އަޞްލަކީ ނަމާޒެވެ. ރޯދައިގެ އަޞްލަކީ ރޯޒާ އެވެ. ބަންގީގެ އަޞްލަކީ ބަންގި އެވެ. ފާރިސީބަސް ދަންނަ ކޮންމެ މީހެއްގެ ފުށުން ވެސް މިފަދަ ބަސްތައް ބަޔަކަށް ލިބިދާނެ އެވެ. ޚާއްޞަކޮށް އެމީހެއްގެ އަޞްލު ސަގާފަތަކީ، ފާރިސީ ސަގާފަތް ކަމަށް ނުވާނަމަ އެވެ. ފާރިސީ ބަހުގެ ލަފުޒުތައް ދިވެހިބަހަށް ވަދެފައިވާ ފަދައިން، ޢަރަބި ބަހުގެ ގިނަ ޢަދަދެއްގެ ލަފުޒުތައް ވެސް ވަނީ ދިވެހި ބަހަށް ވަދެފަ އެވެ.

އަޅުގަނޑުމެން ދިވެހިބަހުން ވާހަކަދައްކާއިރު، މިހާރު ހުރިހާ ޢަދަދުތަކެއްހެން އިނގިރޭސިބަހުން މިކިޔަނީ، ފަހަރެއްގައި އަޅުގަނޑުމެން ލަންޑަނަށް އުފަންވެގެނެއް ނޫނެވެ. އެކަމަކު، އިނގިރޭސި ބަހުގެ އަސަރު އަޅުގަނޑުމެންނަށް ކޮށްފައިވާ މިންވަރުގެ ބޮޑުކަމުންނެވެ. ފާރިސީންގެ ތެރޭގައި ގިނަދުވަހު ދިރިއުޅެ، އެމީހުންނާއެކު އެމުނިއެކުލެވިފައިވާ މީހަކީ، ދިވެއްސަކު އިނގިރޭސި ލަފުޒުތައް ބޭނުންކުރާ ވަރަށްވުރެ މާބޮޑަށް ފާރިސީ ލަފުޒުތައް ބޭނުންކުރާނެ މީހެއްކަން ކަށަވަރެވެ.

އަނެއް ދަލީލަކީ، ހުކުރުމިސްކިތުގައި ބަހައްޓާފައިހުރި ފިލާގައިވާ ލިއުމެވެ. ރާއްޖެ އިސްލާމްކުރެއްވި ބޭކަލެއްގެ ނަންފުޅު އެ ފިލާގައި ލިޔެފައިވަނީ، ދެގޮތަށް ކިޔޭނެހެންނެވެ. މިއީ ޢަރަބި ލިއުމުގެ ހުނަރުވެރި ފަންނާނުން ކުރާ ކަމެކެވެ. ރާއްޖެއިސްލާމްވި ޒަމާނަށްވުރެ މާކުރިއްސުރެ، ޢަރަބި ލިއުމުގެ ފަންނާނުން ކަމަށްވާ ޚައްޠާޠުން މިކަން ކުރެ އެވެ. ހުކުރު މިސްކިތުގައިވާ ފިލާ ލިއުނު ފަންނާނު ބަޔާންކޮށްދީފައި އެވަނީ، ރާއްޖެ އިސްލާމްވީ، ފާރިސްކަރައިގެ ސަގާފަތު ލިބިވަޑައިގެން ހުންނެވި މަޣުރިބުކަރައިގެ ބޭކަލެއް ކަމެވެ. އެއާއެކު، އެބޭކަލެއްގެ އަޞްލު ނަންފުޅު ވެސް އެއޮތީ ލިޔެފަ އެވެ. އެއީ ޔޫސުފެވެ. އެއީ ދެލަޤަބުގެ ވެރި، ދެސަގާފަތުގެވެރި، ތަޤުވާވެރި ވަލީވެރިޔާ ޔޫސުފެވެ. ފިލާގައި ލިއުއްވި އަތުލިއުންތެރިއާ އެވަނީ، އެކަލޭގެފާނުގެ ދިގު ނަންފުޅު ފަންނީ ހަމަތަކުގެ މަތިން، ކުރުކުރައްވާފަ އެވެ. އާދޭހެވެ. ޔޫސުފަކީ، އަބުލްބަރަކާތު، ޝަމްސުއްދީނު، ޔޫސުފު އަލްބަރްބަރީ، އައްތަބްރީޒީ އެވެ. އަޅުގަނޑުމެން ބޭނުންނަމަ، އެކަލޭގެފާނުގެ ނަންފުޅަށް އަލްމާލްދީފީ އިތުރުކޮށް، އެކަލޭގެފާނު ދިވެހި ސަގާފަތަށް ވެސް ނިސްބަތްކުރެވިދާނެ އެވެ. އެހެނީ އެކަލޭގެފާނު ގިނަ ދުވަސްތަކެއް ވާންދެން ދިވެހިރާއްޖޭގައި ވެސް އުޅުއްވި އެވެ. އިބްނު ސީނާ އާއި، ޚުވާރިޒަމީ ފަދަ ބޮޑެތި ޢިލްމުވެރީން ޢަރަބީންނަށް ވެވަޑައިގެންފައިވަނީ، ފަހަރެއްގައިވެސް އެބޭކަލުން ޢަރަބީންގެ ދަރިކޮޅަކުން ވަޑައިގެންނެވީތީއެއް ނޫނެވެ. އެކަމަކު އެބޭކަލުންގެ ޢިލްމީ ފޮތްތައް ޢަރަބި ބަހުން ލިއުއްވާފައިވާތީ އެވެ.

އަބުލްބަރަކާތު ޔޫސުފުލްބަރްބަރީގެފާނު، ތަބްރީޒަށް ނިސްބަތްކޮށްފައިވަނީ، އެކަލޭގެފާނު ދިވެހިރާއްޖެއަށް ވަޑައިގެންނެވީ އެރަށުން ކަމަށްވާތީ އާއި، އެރަށުގެ ސަގާފަތު އެކަލޭގެފާނަށް ލިބިވަޑައިގެންފައިވާތީ ކަމަށް ބެލެވެ އެވެ. ތާރީޚު ލިއުއްވާ ބޭފުޅުން، އެކަލޭގެފާނުގެ އަސްލު ނަންފުޅާމެދު ދެބަސްވެވަޑައެއް ނުގަނެ އެވެ. އެކަލޭގެފާނަކީ، ޔޫސުފު ކަމަށް މުއައްރިޚުން އެއްބަސްވެވަޑައިގަންނަވަ އެވެ. ދެބަސްވެވިފައިވަނީ، އެކަލޭގެފާނުގެ ލަޤަބުފުޅާއި ވަކިރަށަކަށް ނިސްބަތްވެވަޑައިގަތުމުގެ ސިފަފުޅުގަ އެވެ. މާތްވެގެންވާ އިސްލާމްދީން، ދިވެހިރާއްޖެއަށް ގެނެސްދެއްވީ އެކަލޭގެފާނު ކަމާމެދަކު އެއްވެސް ޚިލާފެއް ނެތެވެ. އެކަލޭގެފާނު އަވަހާރަވެފައިވަނީ ދިވެހިރާއްޖޭގައި ކަމާއި، ވަޅުފުޅުލެވިފައިވަނީ މެދުޒިޔާރަތުގައި ކަމާމެދަކު ވެސް އެއްވެސް ޝައްކެއް، ޚިލާފެއް ނެތެވެ.

ކޮންމެއަކަސް، އަބުލްބަރަކާތު ޔޫސުފުލްބަރްބަރީގެފާނުގެ، ގޮވާލެއްވުމަށް އިޖަބަދެއްވައި ދަރުމަވަންތަ ރަސްގެފާނު އިސްލާމްދީނަށް ވެދެވަޑައިގަތެވެ. އަދި ދިވެހީން އިސްލާމްދީނަށް ވަނުމަށް އެރަދުން އަމުރުފުޅުކުރެއްވި އެވެ. އޭރު ދިވެހީން ތިބީ، މާތްވެގެންވާ އިސްލާމްދީން ޤަބޫލުކުރުމަށް ފައްކާވެފަ އެވެ. ދިވެހީންނަށް ވަނީ، އިންޑިއާ ކަނޑުގައި ދަތުރުފަތުރުކުރާ މުސްލިމުންގެ ކިބައިން އިސްލާމްދީން އެނގިފަ އެވެ. އަދި ހަރުދަނާ މުސްލިމުންގެ ހެޔޮލަފާކަމާއި، އުޅުމާއި، ގުޅުން ވެސް ފެނިފަ އެވެ. އެހެންކަމުން، ވެރިކަމުގެ ފަރާތުން، ދިވެހީން ކުރިން ތިބި ދީން ދޫކޮށް، އިސްލާމްދީން ޤަބޫލުކުރުމަށް ގޮވާލުމުން، ޢާއްމު ރައްޔިތުން އެކަން ޤަބޫލުކުރީ ހިތުންރުހުމުންނެވެ. އެއްވެސް މީހަކު ޢާއްމުންނަށް އެކަމަށް މަޖުބޫރުކުރި ކަމެއް، ތާރީޚީ އެއްވެސް ލިއުމަކުން ފެންނާކަށް ނެތެވެ. އަދި އަފަދަ އެއްވެސް ހެތްކެއް ވެސް ފެންނާކަށް ނެތެވެ.

ޢާއްމު ރައްޔިތުންނާ ޚިލާފަށް، ބުޑިޒަމުގެ ބައެއް އިސް ހާމުދުރުން، އިސްލާމްދީނަށް ވަނުމާމެދު ދެކޮޅުހެދިކަން ސާބިތުވެ އެވެ. އެކަމުގެ ސަބަބު ވެސް ވަރަށް ސާފުކޮށް އެނގެ އެވެ. އެމީހުން އިސްލާމްދީނަށް ވަދެއްޖެނަމަ، ކުރިން އުޅުނު ގޮތަކަށް އެމީހުންނަކަށް ނޫޅެވޭނެ އެވެ. އެމީހުންނަކީ، ނުފޫޒުގަދަކޮށް އުޅުނު ބަޔެކެވެ. ސިއްރިޔާތުގައި ވަރަށް ނުބައި ކަންތައްތަކެއް ވެސް ކޮށްއުޅުނު ބަޔެކެވެ. އަންހެން ކުދިންގެ ޢިއްފަތްތެރިކަން ފޭރިގަތުމާއި، އެކުދިން މެރުމަކީ ވެސް އެމީހުން ކޮށް އުޅުނު ކަމެއް ކަމަށް ވެ އެވެ. އޭގެ މިސާލެއްގެ ގޮތުން، ދިވެހި ސަގާފަތުގައި ކިޔައިއުޅޭ ރަންނަމާރި ވާހަކަ ފުދެ އެވެ. އެވާހަކައިގައި އަރާ ޖިންނިފުރޭތައަކީ، އެމީހުންގެ ފަރާތުން ހިނގާ ކަމެއް ކަމަށް ތާރީޚީ ހޯދުންތައް ހޯއްދަވާ ބޭފުޅުން ވިދާޅުވެ އެވެ.

ކޮންމެއަކަސް ދިވެހިރާއްޖޭގެ ޢާއްމުން އިސްލާމްދީން ޤަބޫލުކުރިއިރު، އެކަމާ ދެކޮޅުވެރިވި ހާމުދުރުންނަކީ، މުޅި ޤައުމަށް ހުރި ނުރައްކަލެއް ކަމަށް ވެރިކަމުގެ ފަރާތުން ބެއްލެވި އެވެ. އެމީހުންނަކީ، އިސްލާމްދީނަށް ވަންނަ ޢާއްމުން މަގުފުރައްދާލައިފާނެ ބަޔެކެވެ. ނުވަތަ އެމީހުނަކީ ވެރިކަމާތޮޅި، އިންޤިލާބެއް ގެނެސްފާނެ ބަޔެކެވެ. މިހެންވެ ވެރިކަމުގެ ފަރާތުން އެމީހުންނާމެދު ޢަމަލުކުރީ، ޤައުމުގެ ވެރިކަމަށް ނުރައްކާކުރާ ބޮޑެތި ކުށްވެރީންނާމެދު ޢަމަލުކުރާ ގޮތަށެވެ. އިސްދޫ ލޯމާފާނު ފަދަ ބައެއް ތާރީޚީ ލިއުންތަކުން އެނގޭ ގޮތުގައި، ވެރިކަމުގެ އަމުރަށް ނުކިޔަމަންތެރިވި ހާމުދުރުން މާލެ ގެނެސް އެމީހުންނަށް މަރުގެ އަދަބު ދެވުނެވެ.


ދިވެހިރާއްޖެ އިސްލާމްވީ ދުވަސް ފާހަގަކުރުން

ްރަސްމީކޮށް، ދިވެހިރާއްޖެ އިސްލާމްވި ދުވަސް އެންމެ ފުރަތަމަ ފާހަގަކުރީ، އައްސުލްޠާން މުޙަންމަދު ފަރީދުލް އައްވަލްގެ ރަސްކަމުގެ ވަރަށް ކުރީކޮޅުއެވެ. އެދުވަސްވަރު އެކަން ކުރުމަށް ފާސްކުރެއްވީ، އޭރު އޮތް ވަޒީރުންގެ މަޖިލިހުންނެވެ. އެގޮތުން އެންމެ ފުރަތަމަ، ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރީ، 2 ރަބީޢުލްއާޚިރް 1374 ގަ އެވެ. އެއީ މީލާދީން 28 ނޮވެމްބަރ 1954 އެވެ. އެހެންވީމާ، ފުރަތަމަ ފަހަރަށް، ދިވެހިރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރެވިފައިވަނީ، ރާއްޖެ އިސްލާމްވީތާ ހިޖުރީ ގޮތުން 826 އަހަރު ފާއިތުވި ފަހުންނެވެ.

އޭރު، ދިވެހިރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރެއްވުމަށް ސަރުކާރުން ނިންމެވީ ސަބަބެއް ނެތިއެއް ނޫނެވެ. އޭރު ދިވެހިރާއްޖޭގެ ދީނީ ޙާލަތު ވަނީ ވަރަށް ބޮޑަށް ހީނަރުވެފަ އެވެ. އެހެންކަމުން، ދީނީ ރޫޙު އާލާކުރުމަށްވަނީ ނުހަނު ބޭނުންވެފަ އެވެ. އެކަމަށްޓަކައި ސަރުކާރުން ވަކި ދުވަހެއް ފާހަގަކުރައްވައި، އެދުވަހު ދީނީ ޙަރަކާތްތައް ހިންގެވީ، ދީނާމެދު ޢާންމުންގެ ހިތްތަކުގައި ލޯބި އިތުރުކޮށް، ދީނީ ރޫޙު ވަރުގަދަކުރެއްވުމަށްޓަކަ އެވެ.

ދިވެހިރާއްޖެ އިސްލާމްވި ދުވަސް ފުރަތަމަ ފާހަގަކުރި ފަހަރު، ސަރުކާރުން އެ ރަސްމިއްޔާތު ބޭއްވެވީ، ހުކުރު މިސްކިތު ހަރުގޭގަ އެވެ. އެ ހަރުގެ ހުރީ، މިހާރު ހުކުރު މިސްކިތު ގޯތީގެ އިރު ދެކުނު ކަނުގައި ޕާކެއް ހަދާފައިވާ ތަނުގަ އެވެ. އެހަރުގޭގައި ބޭއްވުނު އެ ރަސްމިއްޔާތުގައި އޮތީ މައުލޫދު ކިއުމެވެ. އެދުވަހު އެ ހަރުގެއަށް މަހާރަދުންވެސް ވަޑައިގެންނެވި އެވެ. މަހާރަދުންނާއި ވަޒީރުން ހަރުގެއަށް ވަޑައިގަތީ، މެދުޒިޔާރަތަށް ޒިޔާރަތްކުރެއްވުމަށްފަހުގަ އެވެ.

ދިވެހިރާއްޖެ އިސްލާމްވި ދުވަހަކީ، ރަސްމީ ބަންދު ދުވަހެއް ކަމަށް އޭރުގެ ސަރުކާރުން ހަމަޖެއްސެވި އެވެ. ހިޖުރީ ސަނަތުން 1377 ވަނަ އަހަރާ ހަމައަށް، މިދުވަސް ފާހަގަކުރެވެމުން ދިޔައީ، ރަބީޢުލްއާޚިރް މަހެއްގެ 2 ވަނަ ދުވަހުގަ އެވެ. ނަމަވެސް 1378 ހ. އިން ފެށިގެން މިދުވަސް ފާހަގަކުރާނީ، ރަބީޢުލްއާޚިރް މަހުގެ 10 ވަނަ ދުވަހުގެ ފަހުން އަންނަ، ފުރަތަމަ ހުކުރު ދުވަހުގައި ކަމަށް ސަރުކާރުން ކަނޑައެޅުއްވި އެވެ. ސަރުކާރުން މިގޮތަށް ކަނޑައެޅުއްވީ، އޭރު އޮތް ތާރީޚު ލިޔާ ކޮމިޓީގެ ބަހަށް ބުރަވެވަޑައިގެންނެވެ. އެކޮމިޓީން ވިދާޅުވީ،
ދިވެހިރާއްޖެ އިސްލާމްވި ދުވަހާބެހޭ ވާހަކަ ލިޔެފައިވާ ހުކުރުމިސްކިތު ފިލާއިން، އިސްލާމްވި ވަކި ދުވަހެއް އެނގެން ނެތްކަމަށެވެ. އެފިލާގައި ނެތަސް، 2 ރަބީޢުލްއާޚިރަކީ، ދިވެހިރާއްޖެ އިސްލާމްވި ކަމަށް ޒަމާނުއްސުރެ ދިވެހިން ބުނަމުން އަންނަ ދުވަހެވެ. އެދުވަހަކީ، ދަރުމަވަންތަ ރަސްގެފާނު އިސްލާމްވެވަޑައިގަތް ދުވަހެވެ. އެދުވަހަކީ، ރަސްމީ ގޮތުން، ދިވެހީން އިސްލާމްދީނަށް ވަނުމަށް ވެރިކަމުގެ ފަރާތުން އަމުރުކުރެވުނު ދުވަހެވެ.

ދިވެހިރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރެވޭ ރަސްމިއްޔާތުތަކުގައި ކުރެވެމުންދިޔަ ކަންތައްތަކަކީ، މައުލޫދު ކިއުމާއި، ދީނީ ތަޤުރީރު ކުރުމެވެ. ދީނީ ޢިލްމުވެރިޔަކު ތަޤުރީރުކުރައްވަނީ، މައުލޫދު ފެށުމުގެ ކުރިންނެވެ. އެގޮތުން، އުއްތަމަފަނޑިޔާރު މަނިކުފާނު، ފަޟީލަތުއްޝައިޚު މުޙައްމަދު ޖަމީލު ދީދީ، ދުވަހާ ގުޅޭ ގޮތުން ތަޤުރީރުކުރައްވަ އެވެ.


ދިވެހިރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރުން ސަރުކާރުން ހުއްޓަވާލެއްވީ، ހިޖުރީ ސަނަތުން 1388 ގަ އެވެ. އެއީ މީލާދީ ސަނަތުން 1968 ވަނަ އަހަރެވެ. އޭރުވަނީ، ދިވެހިރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާ ޤާއިމުކުރުމަށް ތިން ހަތަރު މަހެއްހައި ދުވަހަށް ވެފަ އެވެ. އޭރު އެދުވަސް ފާހަގަކުރުން ހުއްޓަވައިލެއްވި ސަބަބެއް އެނގޭކަށް ނެތެވެ.

33 އަހަރުގެ މުއްދަތަށް މެދުކެނޑުމަށްފަހު، އަނެއްކާވެސް މިދުވަސް ފާހަގަކުރައްވަން ސަރުކާރުން ކަނޑައެޅުއްވި އެވެ. ވަޒީރުންގެ މަޖިލީހުގެ ޖަލްސާއަކުން މިކަން ނިންމެވީ، 29 މުޙައްރަމް 1421 ހ. (4 މެއި 2000 މ.) ވީ ބުރާސްފަތި ދުވަހުގަ އެވެ. އެ މަޖިލީހުން މި ނިންމުން ފާސްކުރެއްވީ، ދިވެހި ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމް ޤައުމަކަށްވުމާއެކު، ދިވެހީންގެ ދީނީ އެއްބައިވަންތަކަން ބަދަހިކުރުމުގެ ދުވަހެއްގެ ގޮތުގައި މިދުވަސް ފާހަގަ ކުރެއްވުމަށް އެ މަޖިލީހުގައި ތިއްބެވި ބޭފުޅުންނަށް ފެނިވަޑައިގެންނެވެ.



މައުލޫމާތް؛؛ ހާމަޑެއިލީ  ، ޖަޒީރާޑެއިލީ  ، ދިވެހިބަހާ ތާރީހަތް ހިދުމަތްކުރާ ގައުމީ މަރުކަޒު ، މެދުޒިޔާރާތަށް ޒިޔާރަށް ކުރުމާބެހޭ ގޮތުން ދައްނަބޭކަލުންގެ ރައުޔު ،ދަރުމަވަންތަ ރަސްގެފާންގެ ވިކިޕީޑިއާ ، ފަންވަތް ވެބްސައިޓްގަ ރައްނަމާރިއަކީ ކާކު؟ ، އަހުމަދު މައުސޫމްގެ ބްލޮގްއިން ، އިހަވަންދޫ ބޮކްސް އޮފީސް ، ދިވެހިރާއްޖެ ، މަނަދޫ ލައިވްން ، މުހައްމަދު އިބްރާހިމްގެ ބްލޮގޮއިން ، މިނިސްޓްރީ އޮފް ހޯމްއެފެއާޒް ،

1 comment:

  1. This comment has been removed by a blog administrator.

    ReplyDelete