2/13/11

ޒަވާޖީ ހަޔާތް ބާއްޖަވެރި ކުރާނެ ގޮތްތައް

ޒަވާޖީ ހަޔާތަކީ މީހެއްގެ ދިރިއުޅުމުގަ އައްނަ އެއްމެ މުހިއްމު ދައުރެވެ. ކޮއްމެ މީހަކުވެސް ޒަވާޖީ ހަޔާތް ފެށުމުގެ ކުރިން ވަރަށްގިނަ ކަންތައްތަކާ ވިސްނާނެކަން ޔަގީނެވެ. ތަފާތު ހުވަފެންތައްދެކި ހަޔާތުގެ މަންޒިލްތަކާ މަގުސަދުތަކާމެދު ފިކުރު ހިންގާނެއެވެ. ބަޔެއް މީހުއްނަށް ޒަވާޖީ ހަޔާތް ފަށައިގަންނަން އުޅޭއިރު ހިތްނުތަނަވަސް ކަންތަކާވެސް ކުރިމަތިލާން ޖެހެއެވެ. މިގޮތުން އަޅުގަޑު މިބަލާލަނީ ޒަވާޖީ ހަޔާތް ބާއްޖަވެރި ކުރެވިދާން ބަޔެއް ކަންތައްތަކަށެވެ.

ވަރިޔަކީ ނިސްބަތުން ގިނަ އެއްޗެއްކަމުގައި މިއަދު ވެފައިވާއިރު، އާ ޙޔާތެއް ނުވަތަ އަލަތު ކައިވެނިން ގުޅޭ ދެހިތެއްގެ ހިތުގައި ނަފްސާނީ ބިރުވެރިކަމެއް އުފެދެއެވެ. ތިމާމެންގެ މިކައިވެންޏަކީ ކިހާމުއްދަތަކަށް ދެމިހުންނާނެ ކައިވެންޏެއްބާއޭ ހިތައްއަރައި ހިތުގައި ބިރުވެރިކަމުގެ ވިންދު ޖަހާލަޖަހާލާ ހުރެއެވެ. ކައިވެނި ރޫޅިދާނެކަމުގެ ބިރު އަބަދުވެސް ހިތުގަ އޮންން މީހުން ގިނައެވެ. މިފަދަ ޝައްކާއި ވަހުމްތައް ހިތުތެރެއަށް ގެނެސް ޙަޔާތް ގަޑުބަޑުކޮށްލުމުގައި ނުބައި ޝައިޠާނާ އަވަދިނެތި މަސައްކަތްކުރަމުންދާކަން އަހަރެމެން ދެނެގަންނަންޖެހެއެވެ.

ދެމަފިރިން އެކަކު އަނެކަކު ދައްކާ ވާހަކަ އަޑުއެހުމަކީ ވަރަށްވެސް މުހިންމުކަމެކޭ ބުނާއަޑު އަހަން ދޮގެއްތޯއެވެ. ނަމަވެސް މިކަން އޮންނަނީ ގިނަމީހުންނަށް ވަރަށް އުނދަގޫ ކަމަކަށްވެފައެވެ. ރުޅިއަންނަހިނދު "ފޮޅާލުމަކީ" ގިނަ މީހުންގެ އާދައެވެ. އެފަދަ ޙާލަތެއްގައި ކާކު ކީކޭތޯ ކިޔަނީވެސް އަހައިލުމަކީ ނާދިރުކަމަކަށް އޮންނަނީ ވެފައެވެ. އެހެންނަމަވެސް ނިކަން މަސައްކަތް ކޮށްލަބަލާށެވެ. ރުޅިއަޔަސް އެކަނބުލޭގެ ދައްކާ ވާހަކަ ކަނުލައި އަހާށެވެ. ފިރިސޮރު ބުނާ ބަސްތައް ނިކަން ކަނުލާ އަހާށެވެ. ވާހަކަ ދައްކާށެވެ. ނިކަން އަހާހިތްވާ ޢިބާރާތްތަކުން ހިތައް ފިނިކަން ލިބިދިނުން ގާތްވާނެއެވެ. ހިތް މަޑުވެ މައްސަލައިގެ ހައްލާއި ދިމާލަށް ދަތުރުކުރާތަން ތިބާ ދެކޭނެއެވެ. ރުޅިއަންނަހިނދުވެސް ބައިވެރިޔާއާއި ދުރަށް ދިއުމުގެ ބަދަލުގައި ގާތުގައި ވުމަށް މަސައްކަތް ކުރާށެވެ.

ބައިވެރިޔާގެ ގޯސް ކަންތައްތައް މަތިން އަބަދާއި އަބަދު ހަނދާން ނުކޮށްދޭށެވެ. މާޒީގެ ހިތ ހަންދާންތައް އޭނާއަށް އާނުކޮށްދޭށެވެ. މީގެ ބަދަލުގައި، ބައިވެރިޔާގެ ރަނގަޅު ކަންކަމަށް ތައުރީފުކުރާށެވެ. މިކަމުގައި ޙައްދުފަހަނަޅާ ނުދާށެވެ. އަދި ބައިވެރިޔާ ތިމާއަށް ލިބުމަކީ ތިމާގެ ނަސީބުރަނގަޅުކަން ކަމުގައި ބުނެދޭށެވެ. އަދި ޙަޔާތުގައި ލިބިފައިވާ އުފާވެރި ދުވަސްތައް ހަނދުމަ އާކޮށްދޭށެވެ. އޭރުން ހިނިތުންވުމަށް ފުރުޞަތުލިބޭނެއެވެ.

އަބަދުވެސް ބައިވެރިޔާދެކެ ލޯބިވާކަމުގައި ބުނެއުޅޭށެވެ. "ވަރަށް ލޯބިވެއޭ" ބުނެލުމަކީ ހިތަށް ދެވޭ ކާނާއެކެވެ. "ލޯބީ، ދޫނީ" މިފަދަ ލޮބުވެތި ބަސްތަކުން މުޚާތަބު ކުރުމުން ހިތައް ލިބޭ ފިނިކަން ކޮންމެ މީހަކުމެ ބޭނުންވާނެއެވެ. އެހެންނަމަވެސް ޢާންމު ތަންތާ ބައިވެރިޔާ ލަދުގަންނަފަދަ ގޮތަކަށް މިފަދަ ބަސްތައް ބޭނުން ނުކުރާށެވެ. މުޖުތަމަޢުގެ އަޚްލާޤީ މިންގަނޑަށް ސަމާލުވާންޖެހޭނެއެވެ. އެހެންނޫނީ މިކަމުގެ ސަބަބުން މައްސަލަ ކުރިމަތިވުމަކީ އެކަށީގެންވާކަމެވެ.



No comments:

Post a Comment