4/6/11

ދިވެހި ބަކައްޓެއްގެ އިޙުސާސްތައް

އާނއެކެވެ. އަޅުގަނޑަކީވެސް މި ރާއްޖޭގެ ފަސްގަނޑުގައި ހަމަ އެހެންމީހުންނެކޭ އެއްފަދައިން އެއްބިމެއްގައި އުޅެމުން އަންނަ ނިކަމެތި ބަކައްޓަކީމެވެ. އަޅުގަނޑުމެންގެ ތާރީޚަށް ނަޒަރު ހިންގާއިރު އަޅުގަނޑުމެންގެ ފިރިހެން ޖިންސުގެ އެއްޗެއްގައި ބަޔަކުވަނީ އޮބިވެސް އަޅައިފައެވެ. ނަމަވެސް އެމީހުން އެކަން ކުރީ ނޭންގިގެންނެވެ. އެކަންކުރީ ކިރުހޯދައި އުފެއްދުމުގެ ޝައުޤުގައި ކަމުގައި ބަލައި އަޅުގަނޑުމެން މާފުކުރީމެވެ. ނަމަވެސް މިއަދު އަޅުގަނޑުމެން މިއިވެމުންދާ ހަޑިމުޑުދާރު "ނުތާހިރު" އަމަލަށް މާފުކުރާނީ ފަހެ ކޮންފަދައަކުންތޯއެވެ؟
ކުރާނެކަމެއްނެތެވެ. އަޅުގަނޑުމެން ކޮއްޓެއްގައި މީހަކަށް އުނދަގުލެއްނުކޮށް "އުންބަހަހާ" ގޮވާލައިގެން ތިބޭއިރުގައި މީހަކަށް އުނދަގުލެއް ނުކުރަމެވެ. އަޅުގަނޑުމެންގެ ކޮށިތަކުން ދުވާވަހަކީ އަޅުގަނޑުމެންގެ ނަރުދަމާ އަދި މުޅިން ހަމަނުޖެހޭތީ ދުވާ ވަހެއް ކަމުގައި ވިޔަސް ނަރުދަމާ ހަމަޖެހުމުން މިކަންކަމެއް ނުވާނެއެވެ. އަޅުގަނޑުމެން ގައިމު މުޒާހަރާއެއްނުކުރަމެވެ. މީހަކަށް ހަޑިބަހެއް ރައްދުކޮށް މީހެއްގެ ފަހަތުން އުނދަގޫކުރަމުންނެއް ނުދުވަމެވެ. ކޮށީގައިތިބީ ނުހަނު ބަސްއަހައިގެންނެވެ. ނަމަވެސް އަޅުގަނޑުމެންގެ މުޅި ނަސްލުގެވެސް އަގު ތިޔަ ވައްޓާލީ އެއްވެސް ރަހުމެއް ކުލުނެއް ނެތިއެވެ. ހުރި ސަހަރޯކަމެއްގެ ބޮޑުކަމާއެވެ. ތިޔައިގެނައި ނުބައި ފާޙިޝް ނުތާހިރުކަމުގެ ސަބަބުން މި ދިވެހިބިންގަނޑުވެސް ގިސްލާ ރޯނެކަން ޔަޤީނެވެ. ކުކުޅުހާލާއި، މަސްމަހާމެއްސާއި، ގަސްގަހާގެއްސާއި، ފަނިފަކުސާވެސް ތިޔަދަށް ހަޔާތްކުޑަ ޢަމަލުކުށްވެރި ކުރަމުންދާ އިރު އެވެރިން އެތިބީ ދެން އެވެރިން ޝިކާރައަކަށްވެދާނެ ދުވަހެއްގެ ބިރުވެރިކަމުގައެވެ. 24 ގަޑިއިރުގެ ތެރެއިން މި ގައުމުގެ ކޮންމެ ދިވެއްސެއްގެ ހަޔާތުން މިފަދަ ހިނދުހިނދު ކޮޅު އަންނަންޏާ ދެން ސަލާމަތެއް އޮންނާނީފަހެ ކޮންޖަނަވާރަކަށްތޯއެވެ؟

އަޅުގަނޑުމެން ކޮށީގައި ވެރިޔެއްގެ ހިމާޔަތުގެ ދަށުގައި ތިބޭތީ ތިބީ އުފަލުންނެވެ. ނަމަވެސް އެއުފާވެރިކަން ގެއްލިގެން އެދިޔައީ އަޅުގަނޑުމެންނާއި މެދު ހިންގި ކޮންފަދަ ލާއިންސާނީ ނުބައި ފާޙިޝް އަމަލެއްގެ ސަބަބުންހެއްޔެވެ؟ ހިތަށްއަރައެވެ. ދިވެހި މިގައުމުން އިންސީންގެ އަންހެނުން ހުސްވީބާވައެވެ؟ އެހެނެއްކަމަކު އަޅުގަނޑުމެން މިތިބެނީ އަބަދުވެސް އަޅުގަނޑުމެންގެ ކަރުތައް ދިއްކޮށްގެން އަޅުގަނޑުމެންގެ ވެރިރައްބު އެންގެވިފަދައިން ތިޔަބައިމީހުންނަށް ބުއިމަށްޓަކައި ކިރު ފޯރުކޮށްދީ އަދި ތިޔަބައިމީހުންގެ ދަރިންގެ ނަންތައް ކިޔުމަށްޓަކައި ކަތިލެވޭ ޤުރުބާނީއެއްގެ ގޮތުން ކިޔަމަންތެރިކަމާއި އެކުއެވެ. ނަމަވެސް ތިޔަބައިމީހުން ތިޔަދަނީ އަހަރެމެންގެ އަގު ވެއްޔާ މޮޑެލަމުންނެވެ. އެއްވެސް ކުލުނެއް ހަމްދަރުދީއެއް ނެތިއެވެ. ތިޔަބުނާ ތާހިރު ދިރިއުޅުމަކީ މިއީތޯއެވެ؟

މީގެ ދުވަސްކޮޅެއް އަޅުގަނޑުމެންނަށް އިވުނީ އަޅުގަނޑުމެންގެ އަހުލުވެރިންތަކެއްގެ ގައިގައި ކުލަޖެއްސުމަށްފަހު އެކި މީސްމީހުންގެ ނަންނަމުގައި ކަތިލި ޚަބަރެވެ. ދެން އެޔަށްފަހު އަނެއްކާ މިއިވެނީ އަޅުގަނޑުމެންނާއި މެދުގައި ލޫތު ގެފާނުގެ ޤައުމުގެ މީހުންވެސް ނުހިންގާފަދަ ފާޙިޝް ޢަމަލުތައް ހިންގަމުންދާ ޚަބަރެވެ. ހުރި ހިތާމަޔާއި ހުރި ލަދެއްގެ ބޮޑުކަމާއެވެ. މިއީ އަޅުގަނޑުމެން އެންމެން އުފެއްދެވި ރައްބު މިނިކަމެތި ބަކަރިތައް އުފެއްދެވި ބޭނުމެއް ނޫނެވެ. އެއިލާހު އެއްވެސް ހާލެއްގައި އަޅުގަނޑުމެންނަކީ ކަލޭމެން އިންސީން ޝަރީކުކުރާށާއި އަދި ފާޙިޝް ޢަމަލުތަކުގެ ބައިވެރިޔަކަށް ހެދުމަށް ނަހައްދަވައެވެ. ތިޔަފަދަ ނުތާހިރުކަމެއް މި ދިވެހިރާއްޖެއަކަށް ބޭނުމެއްނުވެއެވެ.

އެއިލާޙު އަހަރެމެން ނަޢަމް ސޫފީގެ ގޮތުގައި ލެއްވި ބޭނުމެއްކަމަށް ބަޔާންކުރެއްވި ބަސްފުޅުގެ މާނައިގައިވެއެވެ.
" އަދި އެކަލާނގެ ތިޔަބައިމީހުންނަށްޓަކައި، ނަޢަމްސޫފި ހެއްދެވިއެވެ. ހީފިލުވުމާއި، އެހެނިހެން މަންފާތައް އެ ތަކެތީގައިވެއެވެ. އަދި އެ ތަކެތިން ތިޔަބައިމީހުން ކައިއުޅެމުއެވެ. " ނަޙުލު ސޫރަތުގެ 5 ވަނަ އާޔަތް

އަދިވެސް ތާހާ ސޫރަތުގެ 54 އާޔަތުގެ މާނަގައިވެއެވެ. "ތިޔަބައިމީހުންގެ ނަޢަމްސޫފިތަކުން ކައި (އަދި އެތަކެތި) ހުއިހައްޕާހަދާށެވެ. އެކަމުގައި ބުއްދީގެ އަހުލުވެރިންނަށް ހެކިތަކެއް(ހެއްކާއި ދަލީލު)ވާކަން ކަށަވަރެވެ. "

އަދި އެހިލާޙު އަހަރެމެން ނަޢަމްސޫފިތައް ޕާރޓީތަކުގެ އިސްވެރިންގެ ނަމުގައި ކުލަޖައްސާފައި ރަންނަމާރި ގެޔަށް ގެންދެވޭ އަންހެންކުއްޖެއްހެން ޒީނަތްތެރިކޮށްފައި ކަތިލާކަށް އަމުރެއް ނުކުރައްވައެވެ. އެއިލާހު އަހަރެމެންފަދަ ނަޢަމްސޫފިތައް ކަތިލަންޖެހޭގޮތް ބަޔާންކޮށްދެއްވިއެވެ. އެއީ ހަމައެކަނީ އެއިލާހަށް ކުއްތަންވުމަށްޓަކައެވެ. ހަމައެކަނި އެއިލާހުގެ ނަންފުޅުގައެވެ. އަދި މީހަކަށް މަލާމަތްކުރުމަށްޓަކައި އަދި ޕާރޓީމޮޅު ކުރުމަށްޓަކައި އަދި އެނޫން ކަމަކަށްވެސް ކަތިލުމެއްނެތެވެ.

އެއިލާހުގެ ބަސްފުޅުގެ މާނައިގައިވެއެވެ.
"ކަލޭގެފާނު ވިދާޅުވާށެވެ. ހަމަކަށަވަރުން ތިމަންކަލޭގެފާނުގެ ނަމާދާއި، ތިމަން ކަލޭގެފާނުގެ (ކުރައްވާ)ޤުރުބާނާއި، ތިމަންކަލޭގެފާނުގެ ދިރިހުންނެވުމާއި އަދި އަވަހާރަވުން ވަނީ ﷲ އަށެވެ. (އެއީ) ޢާލަމްތަކު(އިންސީންނާއި ޖިންނީންނާއި އަދި ވުޖޫދުގައި ވާހައި ކޮންމެ އެއްޗެއް)ގެ ވެރި ރައްބެވެ. އެކަލާނގެއަށް އެއްވެސް ޝަރީކެއްނުވެއެވެ...." އަންޢާމު ސޫރަތުގެ 162 ވަނަ އާޔަތުން ފެށިގެން 163 ވަނަ އާޔަތުގެ ވަކި ހިސާބަކަށް.

އަދި ނިކަން ބަލަންތިބޭށެވެ. ކަލޭމެން ތިޔަގެނައި ފާޙިޝް އަމަލަށް އަހަރެމެންނަށް ބަދަލު ދެއްވޭނެ ދުވަހެއް އެބަ އާދެއެވެ. އެދުވަހުން އަހަރެމެންނަށް ބަދަލު ލިބުމަށްފަހު އަހަރެމެން ވެއްޔަށްވެގެން ދާހުއްޓެވެ. ނަމަވެސް ފަހުން ތިޔަބައިމީހުންނަށް ތިޔަގެނައި ނުބައި ޢަމަލުގެ ސަބަބުން ހޫނުވެގެންވާ ބިރުވެރި އަލިފާނުގެ ޖަގަހައެއް ލިބިދާހުއްޓެވެ. އޭރުން ކަލޭމެން ފިލަންވަންނާނީ ކޮންވަލަކަށް ހެއްޔެވެ؟ އަހަރެމެން ވެއްޔަށް ވެގެންދާ އިރު ކަލޭމެންވެސް ވެއްޔަށްވުމަށް އެދޭހުއްޓެވެ. ނަމަވެސް އެއިގެ ކުރިން ﷲ ތަބާރަކަވަތަޢާލާއަށް ތައުބާވުމަށްފަހުގައި އެއިލާހުގެ ހަޟްރަތަށް ރަނގަޅު ހެޔޮބައެއްގެ ގޮތުގައި ރުޖޫޢަވާ ބަޔެއްކަމުގައި ކަލޭމެން ނުވާނަމު ހެއްޔެވެ؟

އަޅުގަނޑުމެން އުއްމީދުކުރަނީ މިއިވެމުންދާ ފަދަ ނުބައި ފާޙިޝް ޢަމަލުތައް ކުރިޔަށް އޮތްތަނުގައި ނުހިނގުމެވެ. މިފަދަ ކަންކަމުން އަޅުގަނޑުމެންގެ ހުރިހާ ބަކަރިތަކާއި މުޅި މި ދިވެހިރާއްޖޭގައި އުޅޭ ހުރިހާ ދިރޭ ހުރިހާ ޖަނަވާރުތަކެއް ހިމާޔަތްކުރައްވާށިއެވެ. އަދި މި ހުރިހާ ޖަނަވާރުތަކަކީ އެތަކެތީގެ ބޭނުން ހެޔޮ ގޮތުގައި ހިފައި ނުބައި ފާޙިޝް މުންކަރާތްތަކަށް އަރައިގަތުމަށް ގެންގުޅެވޭ އެއްޗެހިތަކެއް ކަމުގައި ނުލެއްވުމެވެ. މި ދުޢާ އަހަރެމެން އަނިޔާ ލިބިފައިވާ ބައެއްގެ ގޮތުގައި ތިބޭ ހާލު ކުރަމުން ނިންމާލީމުއެވެ. ދެން ބަކަރިއަކާއި ބެހެފިއްޔާ އަޅުގަނޑުމެންގެ ނުބައިކަން ދައްކާލާނަމެކޭ އަޅުގަނޑު ނުބުނާނަމެވެ. ނަމަވެސް ދުޢާއަކީ މި ދިވެހި ޤައުމު މިހުރިހާ ފާޙިޝް ޢަމަލުތަކަކުން ސަލާމަތްކުރެއްވުމެވެ. އާމީން. ލިޔުން ކިޔާލެއްވީމާ ޝުކުރިއްޔާ.
 

ލިޔުނީ ޅޮހީ

No comments:

Post a Comment