
ހުކުރުދުވަހަކީ ދީނީގޮތުން ބަލާއިރުވެސް ވަރަށްބޮޑު މުހިއްމުކަމެއް ދެވިފައިވާ ދުވަހަކަށް ވުމާއެކު އަދި އެދުވަހު އެއްމެހާއްސަ ކަމަކީ ހުކުރު ނަމާދު ކަމަށް ވާތީ ހުކުރު ދުވަހު ކޮށްއުޅުނު ކަންތައްތަކެއްވެއެވެ. އަޅުގަޑު މިބަލާލަނީ އަޅުގަޑު ހަދާން ހުއްނަގޮތުގަ ހުކުރު ދުވަހު ކޮށްއުޅުނު ކަންތަށްތަކަށެވެ.
ހުކުރުވިލޭރެއަށް އިރުއޮއްސުނީއްސުރެން ހުކުރުން ފައިބައިގެން އެއްވެސް ކަހަލަ މަސްވެރިކަމަކު ރަށުން ފުރުމެއްނޯވެއެވެ. ދެއްވަދޫގައި އާއްމުކޮށް ކޮށްއުޅޭ މަސައްކަތަކީ މަސްވެރިކަން ކަމުގަވިއަސް ކޮއްމެވެސް ވަރަކަށް 1993 ހާތާގައި ދެއްވަދޫގައި ވަޑާމުގެ މަސައްކަތްތައްވެސް ކޮށްއުޅުނެވެ.މިމަސައްކަތް ކުރިމީހުންވެސް ހުކުރު ދުވަހު ހުކުރުގެ ކުރީގައި މި މަސައްކަތެއް ނުކުރެއެވެ.
ހުކުރުވިލޭރެއަށް އިރުއޮއްސުމުން މަގުރިބް ނަމާދު ކޮއްނިއްމާލާފައި ދަނީ ރަޝާދުބެ ގެއަށް ގުރުއާން ކިޔަވާށެވެ.ކޮއްމެ ހުކުރު ވިލޭރެއްގަވެސް ކިޔަވާނީ ޔާސީން ސޫރަތާ ކަހަފް ސޫރަތެވެ.ގުރުއާން ކިޔަވާނިމުމައް ފަހު އިޝާނަމާދު ކޮއްލާގައިގެން އައިސް ދެން ކޮށްއުޅޭ ކަމަކީ އަޓަމަލޯ ކުޅުމެވެ. ހަފްތާ ބަންދަށް ލިބެނީ ދެދުވަސް ކަމަށް ވާތީ މައިބަފައިން އެރޭ އަޓަމަލޯ ކުޅުނަސް އެހާބޮޑަށް އަޅައެއް ނުލައެވެ. އެހެންކަމުން އެއްކޮށް އުޅޭހުރިހާ ކުދިން އަޓަމަލޯ ކުޅެންއާދެއެވެ. ނުވަގަޑި ބައިގައި އަޓަމަލޯ ކުޅެނިއްމާލައިފައި އެއްމެން ދާނީ ނިދާށެވެ.
އަނެއްދުވަހު ހެދުނުގެ ނާސްތާ ކުރުމަށް ފަހު ދެންދާނީ މޫދަށެވެ. މޫދައްދާއިރު ދާނީރަށުގެ ކުޅިތެރެއިން ކެޔޮމުޑި ކަޑައިގެއްނެވެ
ދިހައެއް ޖެހުމުގެ ކުރިން އެއްމެންވެސް ގެޔައްގޮސް ފެންވަރާ ރީތިވެލައިގެން އެގާރަ ޖެހުމުގެ ކުރިން ތިބޭނީ މިސްކިތައް ގޮހެވެ.މެދުއުމުރުގެ މީހުން ހުކުރަށް ދިއުމުގެ ކުރިން ތުބުޅިބާލާ ނިޔަފަތި ކަނޑައެވެ. ބައެއްމީހުން ހެދުނު ނަވައެއްޖަހާއިރުވެސް މިސްކިތަށްގޮސް ތިބެއެވެ.އެއީ ދީންވެރިކަން ބޮޑު މުސްކުޅިފުރާގެ މީހުއްނެވެ.
ހުކުރު ދުވަހު ކޮއްމެގެއެއްގައިވެސް ހަފްތާގެ އެހެން ދުވަސް ދުވަހު ކައްކާ ގޮތާ ތަފާތުކޮށް ކައްކާއުޅެއެވެ.ހުކުރުންފަބައިގެން ކައިގެން މަސްވެރިން ކުރާކަމަކީ ތާސްކުޅުމެވެ.
No comments:
Post a Comment