2/20/11

ބިޓުކެޓީ ކީއްވެ؟ ވަރިކުރީ ކީއްވެ؟

"އޭ! އެއްކަލަ އިބްރާހިމް އަންހެނުން ވަރިކޮށްލައިފިއެއްނު، ދެ ކުދިންވެސް އަންހެނުން އަތަށް ޖަހާފަޔޯ ދިޔައީ..." މިއީ މިއަދު އަޅުގަނޑުމެންގެ މުޖުތަމަޢުން އެންމެ އާންމުކޮށް އިވޭ އަޑެއްކަމުގައި ވެއްޖެއެވެ. ކޮންމެވެސް މީހަކު ވަރިކޮށްގެން އުޅޭވާހަކައެވެ. ނޫނީ ވަރިވަން އެދި ކޯޓަށް ހުށަހަޅާ ވާހަކައެވެ. އެހެން ކަމުން މި ކަމުގެ ދިރާސާއެއް ކުރުމަށްޓަކައި ކުރެވުނު މަސައްކަތުގެ އަލީގައި ވަރަށް ގިނަ ކަންތައްތަކެއް އޮޅުންފިލައި މި ކަމާއި ގުޅޭގޮތުން އެނގިގެންދިޔަ ކަންތައްތައް މުރާސިލްގެ ތިޔަ އަގުހުރި ކިޔުންތެރިންނާ ހިއްސާ ކޮށްލާނަމެވެ.

އަޅުގަނޑުގެ ދިރާސާ ފުރަތަމަ ފެއްޓީ އަޅުގަނޑުގެ ރަހުމަތްތެރިޔެއްގެ ހިސާބުންނެވެ. އޭނާގެ އަނބިމީހާ ވަރިކުރި ސަބަބާ ގުޅޭގޮތުން ސުވާލު ކުރުމުން އޭނާ ޖަވާބުގައި ބުނީ އެއްކޮށް އުޅެވެން ނެތީމަ ވަކިވީ ކަމުގައެވެ. ދެން އަޅުގަނޑު ސުވާލުކުރީ ކިހާ ދުވަހެއް ވަންދެން ދެމީހުން ރަށްޓެހިވެގެން އުޅުނިންތޯއެވެ؟ ޖަވާބުގައި އޭނާ ބުނީ 9 އަހަރުވަންދެން ރަށްޓެހިވެގެން އުޅެފަ މެރީކުރީ އެކަމަކު 9 މަންތްސް ނުވަނީސް ޑިވޯސް ވީކަމުގައެވެ. ނަސީބަކުން ދަރިއަކު ނުލިބޭ ކަމުގައި އޭނާ ކިޔައިދިނެވެ. އަޅުގަނޑު ތިޔަ ބޭފުޅުންނާ ސުވާލެއް ކޮށްލާނަމެވެ. އެދެމީހުން 9 އަހަރު ވަންދެން ރަށްޓެހިވެގެން އުޅުނީ އެކަކުއަނެކަކު ދަސްކުރާށެވެ. އެކަމަކު އެކައްޗެއްވެސް ދަސްނުވަނީބާވައެވެ؟

މިއަދުގެ ޒުވާނުން ހޭބޯނުލާއުޅެނީއެވެ. މަންމަ ގުޅިއަސް ބައްޕަ ގުޅިއަސް ބިޒީކަމުން ދެވޭކަށް ނެތޭ ބުނެއެވެ. ބިޒީވެގެން ކުރަނީ ކީއްބާވައެވެ. ވަޒީފާއަކަށް ނުދެއެވެ. މައިންބަފައިން ދިނީމަ ކާލައިގެން އުޅެނީއެވެ. ބިޓު އަތުންވެސް ކަނީއެވެ. ލާރިވެސް ހޯދަނީއެވެ. ދެން ކިހާ ބިޒީވާނެތޯއެވެ. ދެމީހުން ރަށްޓެހިވެގެން އުޅޭ އިރު ނުކުރާކަމެއް ނެތެވެ. ދަސްކުރުމަށްޓަކައި އެކަކު އަނެކަކުގެ ނިޔަރޮދީގެ ރީތިކަންވެސް ބަލާތޯއްޗެކެވެ. ކޮންމެއަކަސް މި ދަސްކުރުމަށް ބައެއް ކުދިން ވަރަށްދިގު މުއްދަތު ނަގައެވެ، އަނެއް ބަޔަކު ވަރަށް ކުރުމުއްދަތުން ދަސްކޮށްލައެވެ. ތޫނުފިލިކަމުގެ ތަފާތުކަމުގައި އެކަން ވެދާނެތޯއްޗެކެވެ.

"އަޅެ...މޯޑް ޕްލީޒް ޝިއުއަށް ތިހެން ނުހަދާ މޯޑާ ނުލާ ނުވެސް އުޅެވޭނެ..." ކިހާ ހިތާމަވެރިތޯ އެކަމަކު ހަމަ އެދިޔައީއެވެ. ބިޓުކެޓީއެވެ. ރީޒަންއެއް ވެސް ނޭންގެޔޯލާއެވެ. އެކަމަކު ވަރަށް ލޯބިން އުޅެ ކައިވެނި ކުރުމުގެ ނިޔަތުގައި ހަނދާ ތަރި ބާލާފަވެސް ރުޅިވަނީއެވެ. އަދި ބައެއް މީހުން ހަނދަށްގޮސް ޒަވާޖީހަޔާތުގައި މާމުއި ހަނދުވަރު ނިންމާލުމާއެކީ ވަކިވެޔެވެ. ހަމަ ދަސްނުވަނީބާއެވެ؟ ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ.

އަހަރެއްގެ މައްޗަށް 1000 އަށްވުރެ ގިނަ ވަރި ރާއްޖޭގައި ރެކޯޑް ކުރެވެއެވެ. ކައިވެނީގެ ރެކޯޑަކީވެސް ހަމަ އެހާކަށް ވަރެވެ. މިއީ ޤައުމީ މައްސަލައެއް ކަމުގައި ދެކެވޭނީ ކިހާ ހަސާބަކުންބާވައެވެ. އެތައް ބައެއްގެ ދިރިއުޅުން ބަރުބާދުވެގެން ދާ މިފަދަ މައްސަލައެއްގައި އިހުމާލުވާނީ ކޮން ފަރާތެއްބާވައެވެ. ބިޓުކެޓުމާއި ވަރި ގިނަވުން މިއީ މަސްތުވާތަކެއްޗާ ދިމާއަށް މީހުން ދުއްވައިގަންނަ ސަބަބެއްކަމުގައި އެދާއިރާގައި މަސައްކަތްކުރާ ތަޖިރިބާކާރުން ބުނެއެވެ. ނަމަވެސް ހަޤީޤީ މައްސަލަޔަކީ ކޮބައިކަން ދެނެގަތުން އެއީ ކުރަން އުނދަގޫވެފަ ނޫނީ ކުރަން ނޭނގި އޮތް ކަމެކެވެ. ނަމަވެސް އަޅުގަނޑު މިކަމުގެ ހަޤީޤީ މައްސަލަ ދެނެގަތީ ތަފާތު ގޮތަކަށެވެ.

"ޓްރޫ ލަވް" އަކީ ކޮބައިތޯ އަޅުގަނޑު ރާއްޖޭގެ ދީނީ ޢިލްމުވެރިންކޮޅަކާ ސުވާލު ކުރުމުން ޖަވާބުގައި ވިދާޅުވީ އެއީ ﷲއަށްޓަކައި ވެވޭ ލޯތްބެވެ. އެނޫން ގޮތަކަށް ލޯބި ވެވިއްޖެނަމަ އެބައެއްގެ ދިރިއުޅުމުގައި ބަރަކާތެއް ނުލައްވާނެއެވެ. ދެން އިތުރު ސުވާލެއް ކުރާކަށް އަޅުގަނޑު ބޭނުމެއް ނުވިއެވެ. އާއެކެވެ. އެންމެ ފުރަތަމަ ލޯބި ވާންވީ ފަރާތަކީ ﷲ ސުބްޙާނަހޫ ވަތަޢާލާއެވެ. ދެން އެކަލާންގެ ރަސޫލާ ސައްލަﷲ އަލައިހި ވަސައްލަމެވެ. ދެން މައިންބަފައިންނެވެ. ނަމަވެސް އަޅުގަނޑުމެނަށް އަމުރުވެވިގެން ވީ ގޮތް ހަނދުމަ ނައްތާލާ ﷲ ތަޢާލާ އެންގެވި އަޅުކަންތައް ނުކޮށް ރަސޫލާ މުޙައްމަދު ސައްލަﷲ އަލައިހި ވަސައްލަމަ ގެ ސުންނަތް ދޫކޮށްލައި މައިންބަފައިންނަށް ކަމޭ ނުހިތައި އެ ލޯބި އަދާނުކޮށް، ދެން ބިޓުދެކެ ލޯބި ވިޔަސް ޗިކް ދެކެ ލޯބިވިޔަސް އެމީހަކަށް ދެދުނިޔެވެސް ގެއްލުނީއެވެ. – ދިރިއުޅުން ފަސޭހަކުރަން އެދޭނަމަ، ދިރިއުޅެން ﷲ ތަޢާލާ އެންގެވި ގޮތުގައި ހިފާށެވެ. –ސައިންޓިސްޓް-

2 comments: