2/14/11

ސިހުރުވެރި ހަކީމް ދީދީއަށް މަރުގެ އަދަބު!


އެ ބަޑީގެ އުންޑަތައް އަމާޒުވަމުންދިޔައީ ވަޔަށް ޖަށްވަށް ފަޒާއަށް ހަވަޔަކަށް ނޫނެވެ. ތޮރުފަމުންދިޔައީ އިންސާނެއްގެ މެ އާއި ބޮލެވެ؛ އެއީ މީގެ 59 އަހަރު ކުރި އެވެ. އަހަރުން 1953 އެވެ. މަހުން އޭޕްރީލެވެ. ތާރީހުން ހަތެކެވެ. ހަފުތާ ދުވަހުން އަންގާރަ އެވެ. ރާއްޖޭގައި އެންމެ ފަހުން މަރުގެ ހުކުމެއް ތަންފީޒު ކުރި ތާރީހެވެ.


އޭގެ ފަހުން ދުވަހަކުވެސް އަދި ރާއްޖޭގައި މަރުގެ ހުކުމެއް ތަންފީޒެއް ނުކުރެ އެވެ. ނަމަވެސް މަރަށް މަރުހިފުމުގެ ހުކުމްތައް "ދަމަކުން ބަޑިއެއް" ޖަހާހެން އާދެ އެވެ. އޭގެ ބައެއް ތާރީހު ތަކަށް ދާއިރު ނޮވެމްބަރު 3، 1988ގެ އުދުވާނީ ހަމަލައާ ގުޅިގެން ހައިކޯޓުގައި ހިންގުނު ޝަރީއަތުގައި 17 މީހަކު މެރުމަށް ހުކުމް ކުރި އެވެ. ނަމަވެސް ފަހުން އެމީހުންގެ ހުކުމް ރައީސް މައުމޫނު ލުއިކޮށްދެއްވީ އެވެ. އޭގެ ތެރޭގައި ހިމެނޭ ބޭފުޅަކު މިހާރުގެ ސްޓޭޓް މިނިސްޓަރެއްގެ މަގާމުގައި ވެސް އަބަހުންނެވި އެވެ.


އޭގެ ފަހުން 2003 ވަނަ އަހަރު މާފުށީ ޖަލުގައި ސިފައިން އީވާން ނަސީމް ގައިގައި ތަޅައި މަރާލި ހާދިސާގެ ޝަރީއަތުގައި ކުށް ސާބިތުވެގެން ނުވަ މީހަކު މެރުމަށް އޭރު ބޭއްވި ހުޅުވާލެވިފައިވާ ކޯޓުން ހުކުމް ކުރި އެވެ. އަދި 2008 ވަނަ އަހަރު ގއ. މާމެންދޫ ތިން މީހަކު ވެސް މެރުމަށް ހުކުމް ކުރި އެވެ. މިއިން އެއްވެސް ހުކުމެއް ތަންފީޒު ކޮށްފައެއް ނުވާއިރު މަރުގެ ހުކުމް ތަންފީޒުވާފަދަ ބައެއް މައްސަލަތަކުގައި ވާރިސުން މަރުގެ ދިޔަ ބޭނުންވެގެން ބައެއް މީހުން މަރަށް މަރު ހިފުމުގެ ހުކުމުން ސަލާމަތްވެފައި ވެއެވެ.

އަތިރީގޭ މުހައްމަ އަމީނަށް މުހައްމަދު އަމީނަށް ރައީސް ކަން ލިބިވަޑައިގަތީ ރާއްޖޭގެ ވެރިކަމުގެ ހުރިހާ ބާރެއް އޭނާގެ އަތްމަތީގައި އޮންނަތާ އެތަކެއް އަހަރު ފަހުންނެވެ. އެހެންކަމުން ރާއްޖޭގެ އެތަން މިތަނުން "ގައުމުގެ އަމީނޭ" ގޮވަމުން ދިޔައިރު އޭނާގެ ދުޝްމަނު ވެސް އުފެދެމުން ގިނަވަމުން ދިޔައެވެ.


ރައީސް ކަން ލިބިވަޑައިގަތުމާއެކު މުހައްމަދު އަމީންގެ ރިޔާސަތުގެ ފުރަތަމަ 30 ދުވަހުގެ ތެރޭގައި ރާއްޖެތެރެއަށް ދަތުރުފުޅެއް ފެއްޓެވިއެވެ. އެ ދަތުރުފުޅުގައި ގއ. ވިލިނގިއްޔަށް ވަޑައިގެން ވަރަށް ބޮޑު އަދި މުހިންމު ތަހުގީގެއް ކުއްލި ގޮތަކަށް އެ ރަށުގައި ފެއްޓެވި އެވެ.


އެއީ ގއ. ވިލިނގިލީ ދޮން އަހުމަދުގެ އަލިތަކުރުފާނާއި ދޮންދިޔަގެ އަލިތައްހާނާއި އެ އަތޮޅު ނިލަންދޫ ހަކީމް ދީދީ އާއި ދޮން އަހުމަދު އަނީސް (ރެކިފުތާ) އާއި ދޮން އަހުމަދުގެ އައިސާ ފާނު، އެ އަތޮޅު އަތޮޅުވެރިޔާ ވީރު އަލިދީދީ އާއި ރައީސް މުހައްމަދު އަމީން އަވަހާރަކޮށްލަން ސިހުރު ހަދައި ޒަހަރު އުފެއްދި ކަމަށް ތުހުމަތު ކުރެވުނު މައްސަލައެކެވެ.


ބައެއް ތާރީހު އިލްމުވެރިން ވިދާޅުވާ ގޮތުގައި ކުއްލި ގޮތަކަށް ރައީސް ފެއްޓެވި މި ތަހުގީގަކީ ސިޔާސީ ގޮތުން އެމަނިކުފާނު ކުޅުއްވެވި "ޑްރާމާ" އެކެވެ. އޭގައި އެއްވެސް އަސްލެއް ނުވެ އެވެ.


ރައީސް އަމީންގެ ބެއްލެވުމުގެ ދަށުން ވިލިނގިލީގައި ހިންގީ މި މައްސަލައިގެ ޕްރިލިމިނަރީ ތަހުގީގެކެވެ. އޭގެ ފަހުން ތަހުގީގު ފުރިހަމަ ކުރެއްވީ މައްސަލައަށް ތުހުމަތު ކުރެވުނު އެންމެން މާލެ ގެނެސްގެނެވެ. އެ ހުރިހާ ކަމެއް ވެސް ކުރެއްވުމުގެ ސީދާ އިސް ބޭފުޅަކީ ރައީސް އަމީނެވެ.


"އެ އެންމެން އެއްބަސް ކުރިވީ ތަޅައި މަރައި ބޮޑެތި އަނިޔާ ދީގެން،" ތާރީހު އިލްމުވެރިޔާ ސިއްކަގޭ މުހައްމަދު ނަސީމް ވިދާޅުވި އެވެ.


ހަކީމް ދީދީމެން މާލެ ގެނެސް ތަހުގީގަށް ފަހު ޝަރީއަތް ހިންގަން ސިވިލައިޒޭޝަން ކްލަބް ނުވަތަ ނާދީއަށް ގެންދިޔައިރު އެ އެންމެން ވެސް ސިއްހީ ގޮތުން ވަރަށް ބޮޑަށް ބަލިކަށިވެފައެވެ.


ތަހުގީގައި ހޯދި ގޮތަކަށް ހޯދި، ހެކިތަކެއް ޝަރީއަތުގެ މަޖިލީހަށް ހުށަހެޅުމުން ޝަރީއަތުގައި ފަނޑިޔާރު މަނިކުފާނު އަބްދުﷲ ޖަލާލު ދީނު ސުވާލު ކުރައްވަނީ އިއުތިރާފާ ބެހޭ ގޮތުންނެވެ. ހަކީމް ދީދީމެން ހަމަ ވަގުތުން އަމިއްލައަށް އިއުތިރާފުވި އެވެ.


ޝަރީއަތުގައި ހަކީމް ދީދީމެން ބުނީ ސިހުރު ހަދައި "ޒަހަރު ސައި" ކައްކާފައި ވަނީ ހުވަދު އަތޮޅު އަތޮޅުވެރިކަމުގެ މަގާމުގައި ހުންނެވި ވީރު އަލި ދީދީ އަވަހާރަކޮށްލުމަށް ގއ. ވިލިނގިލީ އަނީސް އެދުނު އެދުމެއްގެ މަތިން ކަމަށެވެ.


އެކަން ކުރި ގޮތް ކަމަށް އެ އެންމެވެސް ބުނެފައި ވަނީ ވަރަށް ވިހަ ގަދަ ހިކައެއްގައި ނުބައި ސިހުރެއް ލިޔެ ހަކީމް ދީދީގެ ލަފަޔަށް އަނީސް އެ ހިކާ ލައިގެން ކުރައެއްގައި ފެންކައްކައި އެ ފެނުގައި ސައި ތައްޔާރުކޮށް އަތޮޅުވެރިޔާ ވީރު އަލި ދީދީއަށް ބޯންދިނީ ކަމަށެވެ. އެކަމަށް ޝަރީއަތުގައި ފުރަތަމަ އެއް ބަސްވީ ހަކީމް ދީދީ އެވެ.


އޭނާ އިއުތިރާފުގައި ބުނަނީ އެ ނުބައި ސިހުރު ހަދާނެ ގޮތް އަނީސަށް ބުނެދީ އެކަން ކުރާނެ ހުރިހާ ގޮތެއް ކިޔައިދީފައިވާނެ ކަމަށެވެ.


"އެކަން ކުރީ އެ ވިހަ ގަދަ ހިކާ ފެނުގައި ކެއްކުމުގެ ސަބަބުން އުފެދޭ ވިހަ ގަދަ ޒަހަރަކީ މީހަކު މަރުވެދާނެ ފަދަ ޒަހަރެއްކަން ދެނެހުރެ އެވެ. އަދި އެ ހިކާގައި ލިޔުނު ނުބައި ސިހުރަކީ، އެ ސިހުރި ލިޔެގެން ދިރޭ އެއްޗެއް ފެނު ކައްކައި އެ ކެއްކި ފެނުން ސައި ހަދައިގެން މީހަކަށް ބޯން ދީފިނަމަ އެމީހަކު މަރުވެދާނެ ފަދަ ބާރުގަދަ ޒަހަރެކެވެ. އެކަން ކުރީ އަނީސް އެދުނު ގޮތަށް އެކަން ފުރިހަމަ ވާނެ ކަމުގެ ފުރިހަމަ އީމާން ކަން މަތީ ހުރެގެނެވެ،" ހަކީމް ދީދީ އިއުތިރާފުވެފައި ވެއެވެ.


މި ދައުވާގެ ސީޣާގައި އޮތީ ތިން ބަޔަކަށެވެ. އެ ތިން ބައި ވެސް ނިމުނީ އިއުތިރާފުގެ މައްޗަށް ސާބިތުވެގެނެވެ.


އޭގެ ތެރެއިން އެއް ބަޔަކީ ވިލިނގިލީ މިސްކިތުގެ ގަބުރުސްތާނުގައި ވަޅުލާފައި ތިބި ކުޑަކުދިންތަކެއްގެ މަހާނަ ކޮނެގެން އެ ކުދިންގެ ގަބުރު ނަގައި ބަނޑު ފަޅައި މުޅަ މޭގަނޑުން ތެޔޮ ހާނައި އެ ތެޔޮ ގައިގައި އުނގުޅައި، ތޮޔޮ ކުޑިންތައް ކައި ހެދި ކަމަށް ހަކީމް ދީދީ އާއި ދޮން އަހުމަދު އަލިތަކުރުފާނާއި ދޮންދިޔަގެ އަލިތައްހާންވާ އިއުތިރާފުގެ ބައެވެ. އެ އިއުތިރާފު ބުނާ ގޮތުން ހަކީމް ދީދީމެންގެ މައިގަނޑު ނިޔަތަކީ މުހައްމަދު އަމީން އަވަހާރަ ކޮށްލުމެވެ.


ސިޣާގެ ތިން ވަނަ ބަޔަކީ ގަބުރުގެ މޭ ނަގައިގެން ހޭނި ތެޔޮ ޖަހައިގެން ގޮދަން ފުށް މޮޑެ އެ ފުށްގަނޑުން ރައީސް އަމީންގެ ސޫރައެއް ހަކީމް ދީދީ މޮޑެލް ކޮށްދީފައި ދޮން އަހުމަދުގެ އަލިތަކުރުފާނު ގާތުގައި ހަކީމް ދީދީ "ކަލޭ އޭނާގެ ސޫރަ ހުސްވަންދެން ކާށޭ،" ބުނުމުން ދޮން އަހުމަދުގެ އަލިތަކުރުފާނު ކަމުން ކަމުން ގޮސް ހޮޑަށް އޮބައި ފުށްގަނޑު ނުކެވުނު ކަމަށް ބުނާ ބައެވެ. އެބަޔަށް ވެސް ހަކީމް ދީދީ އާއި ދޮން އަހުމަދުގެ އަލިތަކުރުފާނު އިއުތިރާފުވި އެވެ.


ހަކީމު ދީދީ ޝަރީއަތުގެ މަޖިލީހުގައިވީ އިއުތިރާފަށް ރިއާއަތް ފަނޑިޔާރު މަނިކުފާނު އަބްދުﷲ ޖަލާލުއްދީން ހުކުމް އިއްވެވީ ހަކީމް ދީދީ މެރުމަށެވެ.


މުޅި ޝަރީއަތުގައި ވެސް މަރުގެ ހުކުމް އިއްވީ ހަކީމް ދީދީގެ މައްޗަށް އެކަންޏެވެ. ފަނޑިޔާރު މަނިކުފާނު ނިޔާ އިއްވެވުމުން އެ ނިޔާ ތަންފީޒު ކުރުމުގައި މާ ގިނަ ދުވަސް ހޭދަކުރާކަށް ރައީސް އަމީން ބޭނުންފުޅުވެވަޑައެއް ނުގަތެވެ. "މިއަދުން މިއަދަށް މިކަން ނިމެންޖެހޭނެއޭ،" ވިދާޅުވި ކަމުގެ ރިވާތައް އުޅެ އެވެ. އެކަމަކު އެއީ ތާރީހީ ގޮތުން ސާބިތުވާ ވާހަކައެއް ނޫނެވެ. އެހެންނަމަވެސް އެ ހުކުމް ކުރެއްވި ދުވަސް، އޭޕްރީލް7، 1953 ގައި އެ ހުކުމް ތަންފީޒު ކުރުމުގެ ގޮތުން ހަކީމް ދީދީގަޔަށް ބަޑިޖައި މަރައި ވައްޓާލާފައިވާތީ އަމީން އެހެން ވިދާޅު ނުވާނެއެކޭ ބުނުމުގެ ޖާގައެއްވެސް ނެތެވެ. ހުކުމް ތަންފީޒު ކުރީ އެ ދުވަހު މެންދުރު ފަހު 3:30 ގަ އެވެ.


ހުކުމް ތަންފީޒު ކުރުމަށް ހަކީމް ދީދީ ގެންދިޔައީ ހުޅުލެ އަށެވެ. އެރަށުގައި ހަކީމް ދީދީ އަށް މަރުގެ އަދަބު ދޭން ތައްޔާރުވަމުން ދިޔައިރު "ކެރެންޏާ އަހަރެން ބަލަން ހުއްޓައި މަރާބަލާށޭ،" ހަކީމް ދީދީ ބުނި ކަމަށް ވެއެވެ. ނަމަވެސް ހަކީމް ދީދީ މަރައިލީ ކަޅު ފޮތިން ކަނު ބަނދެ ރުކެއް އައްސާފައި ބަހައްޓައިގެނެވެ.


ހަކީމް ދީދީގެ ގަޔަށް ބަޑި ޖެހުމުގެ ކުރިން އޭނާ ދުނިޔެ މަތީގައި އެދޭ ކަމެއް ވިޔަސް އަދާކުރަން ބޭނުންވާ ހެޔޮ ކަމެއް ވިޔަސް އޮތްތޯ ރައީސް އަމީން ސުވާލު ކުރެއްވެވި އެވެ. އަދި ހަކީމް ދީދީގެ ދަރިންނަށް ކުރާނޭ އެއްވެސް ވަސިއްޔަތެއް އޮތްތޯ ވެސް ސުވާލު ކުރެއްވެވި އެވެ. ރައީސް ކުރެއްވެވި ދެ ސުވާލަށް ވެސް ހަކީމް ދީދީ ދިން ޖަވާބަކީ "ނޫނެކޭ، ނެތޭ" އެވެ.


ބަޑި ޖަހަން ހަކީމްދީދީ ބަނީ މިހާރު ހުޅުލޭ އެއާޕޯޓްގެ ޓާމިނަލަށްވާ ބައިގައި ހުރި ރުކެއްގަ އެވެ. އޭނާ މަރުވެ، ކަރުއެލިފައި ހުރި އިރު ވަޒަން އަރައި މެއަށާއި ބޯ ފޫ ދުއްވާލާފައި ހުއްޓެވެ. ބަޑިޖެހީ އަމާޒަށް ބަޑިޖެހުމުގައި އޭރުގެ "އެއްނަމްބަރު" މަޝްހޫރު ޓިނު އަލިފުޅެވެ.


"އަޅުގަނޑުމެން ތިބީ އަތިރި މަތީގައި ބަލަހައްޓައިގެން. މަންޒަރެއް ނުފެނޭ ހަމައެކެނި އަޑެއް އިވެނީ. ތިން ފަހަރު ބަޑިޖެހި އަޑު އިވުނު. ބުނެވޭ ގޮތުގައި ޓިނު އަލިފުޅު ތުރުތުރުލައިގެނެގެން ބައެއް އުންޑަ އުދުހިގެން ދިޔައީ ހަކީމް ދީދީއާ ލައްވައި ނުލައި. ބަޑިޖެހީ ކިހާ ދުރެއްގައި ތިބެގެން ކަމެއް ނޭނގޭ،" ނަސީމް ވިދާޅުވި އެވެ.


ޓިނު އަލިފިޅު ބަޑި ޖެހި ނަމަވެސް ހުކުމް ތަންފީޒު ކުރުމުގައި އިސްކޮށް އުޅުއްވީ ފަނޑިޔާރު މަނިކުފާނާއި އަމަން އާންމުގެ ވެރިޔާ އާއި މަހުކަމަތުއް ޝަރުއިއްޔާގެ ވެރިޔާ ގައިމު މަގާމުގައި ހުންނެވި ޝައިހު އިބްރާހިމް ރުޝްދީ އާއި މަލިން މޫސާ މާފަތް ކަލޭގެ ފާނެވެ. އެއީ އެދުވަހެވެ. ޓިނު އަޅިފުޅު އޭނާގެ ރައިފަލުގެ އުންޑަތަކުން ހަކީމް ދީދީގެ ތޮރުފަމުން ދިޔައިއިރު ހާޒިރުގައި އެބޭފުޅުން ތިއްބެވި އެވެ. މިއަދު ވެސް ކުރިމަތީގައި އޮތީ މަރަށް މަރު ހިފުމެވެ. އެކަމަކު މިއަދުވެސް މާދަމާވެސް ވާނެ ގޮތެއް ނޭނގޭނެ އެވެ.

ނޯޓް: މިލިޔުމަކީ މިޒަމާނުގެ ތާރީހީ ލިއުންތެރިއެއް ކަމަށްވާ މުންޑޫ އާދަމް ހަލީމް ސަންއޮންލައިންގަ 23 ނޮވެމްބަރ2010 ވަނަ ދުވަހު ލިއެފައިވާ ލިއުމެކެވެ.



1 comment:

  1. މިލިއުމަކީ މުންޑޫ އާދަމް ހަލީމް ދިވެހި ތާރީޚް އޮޅުވާލަން ލިޔެފައިވާ ލިއުމެއް ކަމަށް ގަބޫލްކުރެވޭ.އަދި މުންޑޫ އާދަމް ހަލީމްގެ ދިވެހި ތާރީޚް ކޮލަމް މިހާރު އެނޫހުންވަނީ ކެންސަލްކޮށް ހުއްޓާލާފަ.އެހެންކަމުން މުންޑޫ އާދަމް ހަލީމަކީ ދިވެހި ތާރީޚް ދިރާސާކޮށް ލިޔެވޭ ފެންވަރުގެ މީހެއްކަމަށް އަޅުގަނޑަށް ގަބޫލެއް ނުކުރެވޭ.އަދި ސަން އޮންލައިނުން ވެސް ގަބޫލްނުކުރާކަމުގެ ހެއްކެއް އެކޮލަމް އުވާލުން އެއީ.އެހެންކަމުން މިހާދިސާގެ ފުރިހަމަ ދިރާސާއެކު މައިދެއްވަދޫއިން ހުށަހެޅުން އެދެން.

    ReplyDelete